ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އުތުރަށް ފަތުރުވެރިކަން ފުޅާވެގެން ދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދައުވަތަކަށް އެ ޤައުމަށް ކުރަށްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މުމްބާއީގައި ބޭއްވި "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދިވެހިރާއްޖޭގައި މިހާރު ފަހިވެފައިވާ އިންވެސްޓްމަންޓް ފުރުސަތުތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.
މިގޮތުން އުތުރުގެ މައި އެއާޕޯޓު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އުތުރަށް ފަތުރުވެރިކަން ފުޅާވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އުތުރަށް ފަތުރުވެރިކަން ފުޅާވާނެކަން ރައީސް މި ފޯރަމްގައި ފާހަގަކުރަށްވާަފައިވާއިރު، މި ދަތުރުފުޅުގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް ވަނީ އިފްތިތާޙްކޮށްފައެވެ.
ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް އިފްތިތާހްކޮށްފި
7 އޮކްޓޯބަރު 2024 ގައި އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓުގެ އައު ރަންވޭ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.
އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރާއްޖޭގައި މިހާރު ފަހިވެފައިވާ އިންވެސްޓްމަންޓް ފުރުސަތުތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢޫއާއެކުވެސް ފަތުރުވެރިކަމަށް ކުރިއެރުންތަކެއް އަންނާނެކަން ފާހަގަކުރަށްވާފައެވެ. އަދި ރާއްޖޭގެ އެންމެ ދެކުނުގައި އިތުރު 6000 ޓޫރިޒަމް އެނދު އަދި ހުވަދު އަތޮޅުގައި ދިހަ ހާސް ޓޫރިސްޓު އެނދު މި ފަސް އަހަރު ދުވަހުގެ ތެރޭގައި ތަރައްޤީކުރައްވާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މިފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގައި މިހާރު ފަހިވެފައިވާ އިންވެސްޓްމަންޓް ފުރުޞަތުތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ ފުރުސަތުތަކަކީ، އިޤްތިޞާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ކުރިއެރުން ގެނައުމަށް ދިވެހިރާއްޖެ ދެކޭ ތަޞައްވުރަށް ބާރުދޭ ފަދަ ފުރުޞަތުތަކެއް ކަމުގައެވެ. މީގެ ތެރެއިން، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގައްޔާއި، ލަގްޒަރީ ޕްރައިވެޓް އައިލެންޑްތަކުގައްޔާއި، ތިމާވެއްޓާ ރަޙުމަތްތެރި ރިސޯޓާއި އިންޓަގްރޭޓަޑް ޓުވަރިޒަމުގެ މަޝްރޫޢުތަކުގައި އިންވެސްޓުކުރުމަށް ހުރި ފުރުޞަތުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބައްދަލުވުންތަކާއި، އިންސެންޓިވްތަކާއި، މަހާސިންތާތަކާއި، މައުރަޒުތަކަށް ޚާއްޞަ ނުވަތަ "މައިސް ޓުވަރިޒަމް" ފަދަ ފަތުރުވެރިކަމުގެ އައު ބާވަތްތައް ތަޢާރަފުކުރުމަށް އަމާޒުކުރައްވައިގެން، ފަތުރުވެރިކަމުގެ ލާސާނީ ތަޖުރިބާތަކެއް ފަރުމާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!