ރާއްޖޭގައި ހުރި ބޭރުގެ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުއުފުލި މައްސަލާގައި ޑރ. އިޔާޒް އަބްދުއްލަތީފްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ.

އިޒްރޭލާ ދެކޮޅަށް އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލާގައި ޝާދިޔާގެ އިތުރުން ޑރ. ޝަޒްރާ އިބްރާހިމް މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރު ކުރުމަށްފަހު އެ ދެ މީހުން ހަފުތާއަކަށް ވުރެ ގިނަ ދުވަހަށް ބަންދުގައި ބޭތިއްބި އެވެ.

Ad
rt

ޝާދިޔާ ބަންދުކުރަން ކްރިމިނަލް ކޯޓުން ދެ ފަހަރެއްގެ މަތިން ނެރުނު އަމުރު އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ އެމްބަސީތައް ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލެވުމާއި ބޭ އަދަބީ ބަހުން މުއާމަލާތު ކުރުމުގެ އިތުރުން ސަފީރުންނަށް އުނދަގޫވާ ގޮތަށް އަމަލު ކުރުމުންނެވެ.

ޝާދިޔާ އާއި ޑރ. ޝަޒްރާ އަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމާއި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމާއި އެ ގައުމުން ހިންގާ ގަތުލު އާންމަށް ތާއީދުކުރާ ބްރޭންޑްތައް ބޮއިކޮޓްކުރަން ރާއްޖޭގައި ހަރަކާތްތައް ރޭވުމާއި ހިންގުމުގައި އުޅުނު ދެ މީހުންނެވެ.