ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސްގެ މި ނިންމެވުން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދެވެ.
މި ދަތުރުފުޅުވެގެންދާނީ 17 ނޮވެމްބަރު 2024 ގައި ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން ރައީސް އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަޤުރީރު ކުރައްވަން ހަޖެހިފައިވާއިރު، އދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެކަމަށް ރައީސް އޮފީހުން މިއަދު ވަނީ ބުނެފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި އިސްތަރުޖަމާނު ހީނާ ފާހަގަކުރެއްވި ގޮތުގައި، އދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަތުން ވެގެން ދާނީ ރާއްޖޭގެ ތާރީޚުގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ދިވެހިރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރަށެވެ.
މީގެއިތުރުން އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ ސަމިޓް އޮފް ދަ ފިއުޗާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމެރިކާގެ ނިއުޖާރސީީގައި ހުންނަ ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާއި މުޚާތަބުކުރައްވައި ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޕްރިންސްޓަން ޔުނިވަރސިޓީ އަކީ އެމެރިކާގެ ނިއު ޖާރސީގެ ޕްރިންސްޓަންގައި ހުންނަ އައިވީ ލީގުގެ އަމިއްލަ ދިރާސީ ޔުނިވަރސިޓީއެކެވެ. 1746 ވަނަ އަހަރު އެލިޒަބެތުގައި ކޮލެޖް އޮފް ނިއު ޖާރސީގެ ނަމުގައި އުފެދުނު މި ޔުނިވަރސިޓީއަކީ އެމެރިކާގެ އެންމެ ގަދީމީ މަތީ ތަޢުލީމުދޭ 4 ވަނަ މަރުކަޒެވެ. އަދި އެމެރިކާގެ އިންގިލާބުގެ ކުރިން ޗާޓަރު ދެވުނު 9 ކޮލޯނިއަލް ކޮލެޖުތަކުގެ ތެރެއިން އެއް މަރުކަޒެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!