އަލްޢައްރާފު: އެއީ ލޮލަށް ނުފެންނަ ކަންތައްތައް އެނގޭކަމަށް ދަޢްވާކުރާ މީހާއެވެ.
ފަހެ، މިޘާލަކަށް ފަރުދާގެ އަނެއްފަރާތުގައިވާ ކަންތައްތައް އެނގޭކަމަށް ދަޢްވާކުރުމެވެ. އަދި މިޘާލަކަށް މިވަގުތުގައި މީހަކު ކުރާކަންތަކުގެ ވާހަކަ އޭނާ އެހެންރަށެއްގައިވާ ޙާލު އެނގޭކަމަށް ދަޢްވާކުރުމެވެ. އަދި މިފަދަ އެންމެހާ ކަމެކެވެ.
ޢައްރާފުންގެ ގާތަށް ދިއުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
އެބައިމީހުންގެ ގާތަށް ދާމީހާ ކާފަރުވާނޭކަމުގެ ވަރުގަދަ ވަޢީދުގެ ބަސްފުޅު ވާރިދުވެފައިވެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
«مَنْ أَتَى عَرَّافًا أَوْ كَاهِنًا فَسَأَلَهُ عَنْ شَيْءٍ فَصَدَّقَهُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ »
މާނައީ " ޢައްރާފަކު ނުވަތަ ކާހިނަކު ގާތަށް މީހަކު ގޮސް އޭނާއާ އެއްވެސް އެއްޗަކާ ބެހޭގޮތުން ސުވާލުކޮށް އެކަމެއް ތެދުކޮށްފިނަމަ، ފަހެ، ހަމަކަށަވަރުން މުޙައްމަދު صلى الله عليه وسلم މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް އެމީހަކު ކާފަރުވެއްޖެއެވެ."
އަލްމުނައްޖިމާއި އައްރައްމާލްއާއި ކުދިހިލަ އެކަތިއަނެކަތީގެ މައްޗަށްލައި ތަޅާ މީހާއާއި އަތްތިލައާއި ތަށިތައްޓަށް ކިޔަވާމީހާ އަކީ ކާކުހެއްޔެވެ؟
އަލްމުނައްޖިމް: އޭނާއީ ތަރިތަކުގެ ޙިސާބު އޭނާގެ ނުބައި މަޤްޞަދަށް ވާޞިލުވުމަށްޓަކައި މަގެއްގެ ގޮތުގައި ބޭނުންކުރާ މީހާއެވެ.
އަަލްރައްމާލް: އޭނާއީ ބިމުގައި ވެލިމަތީގައި ރޮގުއަޅައި އެއިން ޣައިބުގެ ޢިލްމު އެނގޭކަމަށް ދަޢްވާކުރާމީހާއެވެ.
ކުދިހިލަ އެކަތިއަނެކަތީގެ މައްޗަށްލައި ތަޅާމީހާ : އޭނާއީ ކުދިހިލަ އެކަތިއަނެކަތީގެ މައްޗަށްލައި ތަޅައި އެގޮތުން އޭނާއަށް ޣައިބުގެ ޢިލްމު އެނގޭކަަމަށް ދަޢްވާކުރާމީހާއެވެ.
އަތްތިލައާއި ތަށިތަށްޓަށް ކިޔަވާމީހާ: އޭނާއީ އަވަސްއަވަހަށް މާނަ ދޭހަނުވާ ލަފުޡުތަކެއް އިންސާނާގެ އަތްތިލައަށާއި ތަށްޓަށް ކިޔަވައި އެގޮތުން މުސްތަޤުބަލުގެ ޢިލްމު އެނގޭކަމަށް ދަޢްވާކުރާ މީހާއެވެ.
ތަރިތަކުގެ ޙިސާބު ނުބައި މަޤްޞަދަށް ވާޞިލުވުމަށްޓަކައި މަގެއްގެ ގޮތުގައި ބޭނުންކުރުމާއި ބިމުގައި ވެލިމަތީގައި ރޮގުއަޅައި އެއިން ޣައިބުގެ ޢިލްމު އެނގޭކަމަށް ދަޢްވާކުރުމާއި ކުދިހިލަ އެކަތިއަނެކަތީގެ މައްޗަށްލައި ތަޅައި ޣައިބުގެ ޢިލްމު އެނގޭކަަމަށް ދަޢްވާކުރުމާއި އަތްތިލައާއި ތަށިތައްޓަށް ކިޔެވުމާއި، މިއެންމެހާ ވަސީލަތްތަކަކީ ކާހިނުންނާއި ޢައްރާފުން އެބައިމީހުންނަށް ޣައިބުގެ ޢިލްމާއި މުސްތަޤުބަލް އެނގޭކަމަށް ކުރާދަޢްވާގައި ދޮގުވެރިއަކަށްވާ ޙާލު ބޭނުންކުރާ ވަސީލަތްތަކެކެވެ.
ފަހެ، އަލްމުނައްޖިމާއި އައްރައްމާލްއާއި ކުދިހިލަ އެކަތިއަނެކަތީގެ މައްޗަށްލައި ތަޅާ މީހާއާއި އަތްތިލައަށް ކިޔަވާމީހާއީ ކާހިނެއް ނުވަތަ ޢައްރާފެކެވެ. ބައެއްފަރު އަލްމުޝަޢްވިޛް ހަމަކަށަވަރުން އޭނާއީ ކާހިނެއް ނުވަތަ ޢައްރާފެއް ކަމަށް ދަޢްވާކޮށް، ކާހިނުންނާއި ޢައްރާފުންނަށް ތަޤްލީދުކޮށްގެން މިކަންތައް ކޮށްއުޅެއެވެ. އެއީ އޭނާ މީސްތަކުންގެ މުދާ ބާޠިލުގޮތުގައި ކެއުމަށްޓަކައެވެ.
އަލްމުޝަޢްވިޛަކީ ކާކުހެއްޔެވެ؟
އޭނާއީ ދޮގުވެރިޔަކަށް ވާޙާލު، ސިޙްރުވެރިއެއް ނުވަތަ ކާހިނެއްކަމަށް ދަޢްވާކުރާ މީހާއެވެ. އަދި އޭނާ އެފަދައިން ކަންތައްތައް ކުރުމުގެ މަޤްޞަދަކީ އޭނާއަކީ އެފަދަމީހެއް ނުވާޙާލު، ސިޙްރު ހަދާމީހެއްކަމަށް ނުވަތަ ސިޙްރަށް ފަރުވާކޮށްދޭ މީހެއްކަމަށް ނުވަތަ މުސްތަޤުބަލުގެ ޢިލްމުއެނގޭމީހެއް ކަމަށް ބުނެ، ދޮގުހަދައި މީސްތަކުންގެ އަތުން ފައިސާ ނެގުމެވެ. އަދި އޭނާއަކަށް އެކަން ކުރާކަށްވެސް ނޭގެއެވެ. އަދި ހަމަކަށަވަރުން އޭނާ އެބައިމީހުންނަށް ތަޤުލީދުކޮށް އެބައިމީހުންގެ ޙަރަކާތްތަކާ ވައްތަރުވެއެވެ.
ސިޙްރުވެރިޔާއާއި ކާހިނުކަލޭގެއާއި ޢައްރާފާއި މުޝަޢްވިޛުގެ ތަފާތު :
ސިޙްރުވެރިޔާ: އޭނާއީ ސިޙްރުގެ ޢަމަލު ހިންގާމީހާއެވެ. ފަހެ، ﷲގެ އިޛްނަފުޅާއެކު ސިޙްރު ހެދޭމީހާއަށް ސިޙްރުން އަޘަރުކުރެއެވެ.
ކާހިނުކަލޭގެ: ފަހެ، އޭނާއީ މުސްތަޤުބަލުގައި ހިނގާނޭ ކަންތައްތައް އެނގޭކަމަށް ދަޢްވާކުރާމީހާއެވެ. މިވެނިމީހަކު ދެމަސްފަހުން މަރުވާނެ ކަމުގެ ޚަބަރުދިނުން ފަދަ ޚަބަރުތަކާއި އެފަދަ އެހެންކަންތައްތަކުގެ ޚަބަރު އޭނާދެއެެވެ.
ޢައްރާފް : އޭނާއީ ލޯތަކަށް ނުފެންނަ ކަންތައްތައް އެނގޭކަމަށް ދަޢްވާކުރާ މީހާއެވެ. މުސްތަޤުބަލުގެ ޢިލްމު އެނގޭކަމަށް ދަޢްވާކުރާ މީހާއެއް ނޫނެވެ. އެގޮތުން އޭނާ އެހެންރަށެއްގައިވާ ޙާލު އެވެނިމީހަކު މިހާރުވަނީ އެމީހާގެ ކާރުތެރޭގައި ކަމަށް ޚަބަރުދިނުމެވެ. އަދި އޭނާ މުސްތަޤުބަލުގެ ކަންތައްތަކަށް ދަޢްވާނުކުރެތެވެ.
އަދި މުޝަޢްވިޛު ދަންނައެވެ: ފަހެ، އޭނާއީ ދޮގުވެރިއެކެވެ. އޭނާއަކަށް ސިޙްރުހަދާކަށް ނޭނގޭނެއެވެ. އަދި ކާހިނުކަމެއް އޭނާއަކަށް ނޭނގޭނެއެވެ. އަދި ޢައްރާފުކަން ކުރާކަށް އޭނާއަކަށް ނޭނގޭނެއެވެ. އަދި ކިއެއްތަ ހަމަކަށަވަރުން އޭނާ ދަޢްވާކުރަނީ އެކަންތައްތައް ކުރަން އޭނާއަށް އެނގޭކަަމަށެވެ. އެއީ ބާޠިލުގޮތުގައި މީސްތަކުންގެ މުދާތައް ކެއުމަށްޓަކައެވެ. އަދި މީސްތަކުންގެ ތެރެއިން ޣާފިލުވެފައިވާ މީހުންގެ މައްޗަށް އޭނާގެ ޢަމަލުތައް އިސްކުރުމަށްޓަކައެވެ.
ތައުބާއަށް އެނބުރި ރުޖޫޢަވުން:
ސިޙްރުވެރިންގެ ދޮރުގައި ޓަކިޖަހައި، ކާހިނުކަން ކުރުމުގައި އެމީހެއްގެ ނަފްސު އިސްރާފުކޮށް، އެހެންމީހުންނަށް އަނިޔާކުރުމަށް އޭނާގެ ނަފްސު ޒީނަތްތެރިކޮށްފައިވާމީހާ ފަހެ، ދީން ފަސާދަކުރާ އެފާފަތައް ކުރުން ހުއްޓާލާށެވެ. އަދި އޭނާ ކޮށްފައިވާ ހަލާކުކުރުވަނިވި ފާފަތަކާ މެދު ހިތާމަކުރާށެވެ. އަދި އެބޮޑުވެގެންވާ މުޞީބާތުގެ ތެރެއަށް އެނބުރި ނުދާށެވެ. އަދި ސިޙްރު ޙައްލުކޮށް އެބަޔަކަށް އުނދަގޫ ލިބިފައިވާ މީހުންގެ ކިބައިން ގެއްލުންތައް ފިލުވާށެވެ. އަދި ބޮޑުވެގެންވާ ޖަރީމާއިން ތައުބާވެ ﷲއަށް ރުޖޫޢަވާށެވެ. އަދި ތަައުބާވުމާއި އިސްތިޣްފާރުކުރުމާއި ސުންނަތް އަޅުކަމާއި ޞާލިޙް ޢަމަލުތައް ކުރުން ގިނަކުރާށެވެ.
ހުސްޠާހިރުވަންތަ އިލާހު ވަޙީކުރެއްވިއެވެ.
وَإِنِّى لَغَفَّارٌ لِّمَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًا ثُمَّ ٱهْتَدَىٰ ﴿20:82﴾
މާނައީ " ތައުބާވެ އީމާންވެ ޞާލިޙްޢަމަލުކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން ތިމަންއިލާހުއީ، ގިނަގިނައިން ފާފަފުއްސަވާ އިލާހުކަން ކަށަވަރެވެ."
އަދި ފިރްޢަޥްނުގެ ސިޙްރުވެރިން ތައުބާވެ، އެބައިމީހުންގެ ވެރި ރައްބަށް އެބައިމީހުން އީމާންވި ހިނދު ﷲ އެބައިމީހުންގެ ތައުބާ ޤަަބޫލުކުރައްވައި އެބައިމީހުންގެ ދަރަޖަ މަތިވެރިކުރެއްވިއެވެ. އަދި އެބައިމީހުންވީ މޫސާ عليه السلام އަށް ތަބަޢަވީ މީސްތަކުންގެ ތެރެއިންނެވެ.
ފަހެ، ތިބާ ތައުބާވާ މީހުންގެ މަގުގައި ހިފާށެވެ. އަދި ސިޙްރުވެރިންނާއި މުޝަޢްވިޛުންގެ މަގުން ތިބާ އިންޛާރު ލިބިގަންނާށެވެ.
އަޅަމެން ﷲގެ ޙަޟްރަތުން އެދެނީ އެއިލާހު މުސްލިމުން ފަސާދައުފައްދާ ސިޙްރުވެރިންގެ ޢަމަލުތަކުން ރައްކާތެރިކޮށްދެއްވުމެވެ. އަދި އެއިލާހު މުސްލިމުންގެ ތެރެއިންވި ސިޙްރު ޖެހިފައިވާ މީހާގެ އުނދަގޫތައް ފިއްލަވައި ދެއްވުމެވެ. އަދި އޭނާގެ މުޞީބާތައްވުރެ ބޮޑު ހެޔޮކަމެއް އޭނާއަށް ދެއްވާށިއެވެ.
އަދި އަޅަމެންގެ ނަބިއްޔާ މުޙައްދު صلى الله عليه وسلم އަށާއި އެނަބިއްޔާގެ އާލުންނަށާއި އެނަބިއްޔާގެ ޞަޙާބީންނަށް ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ.
އެޑިޓަރުގެ ނޯޓް: "އެމީހާގެ ދީން ވިއްކާލާ މީހާ" އަރަބި ބަހުން ލިޔެފައިވާ މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު އެވެ. ސިލްސިލާ ގޮތެއްގައި މިނޫހުގެ ކިއުންތެރިންނާއި ހަމައަށް މިފޮތުގެ ބައިތަށް ގެނެސްދިނުމަށް އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު، ރުހުން ދެއްވާފައިވާކަމީ މިނޫހުގެ ކިއުންތެރިންނާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށް އުފާކުރާކަމެކެވެ. މިފަދަ އަގުހުރި އެތަކެއް މަސައްކަތްތަކެއް، އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދުއަށް ކުރުމުގެ ތަޢުފީގު ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!