އަލްކާހިނު: އޭނާއަކީ މުސްތަޤުބަލުގައި ހިނގާނޭ ކަންތައްތައް އޭނާއަށް އެނގޭކަމަށް ދަޢްވާކުރާމީހާއެވެ.

މިޘާލެއްގެގޮތުން ފަހެ، މިވެނި މީހަކު މާދަމާ މަރުވާނޭކަމާއި އޭނާ މަރުވާނެތަނާއި އެވެނިމީހަކު ދުނިޔޭގަައި ދިރިއުޅޭނީ އުފަލުގައިތޯ ނުވަތަ ނޫންތޯއާއި މިފަދަ މުސްތަޤުބަލާ ގުޅުންހުރިކަންތައްތައް އޭނާއަށް އެނގޭކަމަށް އޭނާ ދަޢްވާކުރުމެވެ.

Ad
d

އަދި މިކާހިނު ކަލޭގެ ދަޢްވާކުރަނީ މަލާއިކަތުންނާއި ރަސޫލުންނަށް ނޭނގޭކަމެއް އޭނައަށް އެނގޭކަމަށެވެ. އެހެނީ ހަމަކަށަވަރުން ޣައިބުގެ ޢިލްމަކީ ﷲ ތަޢާލާ، އެއިލާހުގެ ޢިލްމުފުޅުގައި އެއިލާހަށް ޚާއްޞަކުރައްވާފައިވާ ޢިލްމެކެވެ.

ހުސްޠާހިރުވަންތަ އިލާހު ވަޙީކުރެއްވިއެވެ.

قُل لَّا يَعْلَمُ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴿27:65﴾

މާނައީ : " އިބަ ނަބިއްޔާ ވިދާޅުވާށެވެ! ﷲ އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް ޣައިބުގައިވާކަމެއް ނޭނގޭނެތެވެ. އަދި އެއުރެން އަލުންދިރުއްވައި، މަޙްޝަރަށް ފޮނުއްވާހުށީ ކޮންއިރކުކަން އެއުރެންނަކަށް ނުމެއެނގޭމެއެވެ."

އަދި އެއިލާހު جل و علا އެއިލާހުގެ ނަފްސަށް ވަޙީކުރެއްވިއެވެ.

عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ ﴿9:94﴾

މާނައީ : " ނުފެންނަ ކަންތައްތަކާއި، ފެންނަކަންތައް ދެނެވޮޑިގެންވާ އިލާހު..."

އަދި އެބައިމީހުން ދަޢްވާކުރާ ނަސީބު ދެނެގަތުމަށް އިރުވަރުބެލުމަކީ ކާހިނުކަމުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެކެވެ.

ކާހިނުންގެ ޙަޤީޤަތް

ކާހިނުންނާ ބެހޭގޮތުން ސުވާލުކުރެވުނު ހިނދު ނަބިއްޔާ صلى الله عليه وسلم ކާހިނުންގެ ޙަޤީޤަތް މަދުޢިބާރާތުން މޮޅަށް ޚަބަރުދެއްވިއެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لَيْسُوا بِشَيْءٍ» މާނައީ :" އެބައިމީހުންނަކީ އެއްވެސް އެއްޗެއް ނޫނެވެ."

ޝައިޚުލް އިސްލާމް ވިދާޅުވިއެވެ. (( ބިމުގައި ހިނގާ ކަންތައްތަކަށް ތަރިތަކުން ބާރުފޯރާކަމަށް ޤަބޫލުކުރާ މީހުންނާއި ކިޔެވުންތައް ކިޔަވާމީހުންގެ ތެރޭގައި ޖާހިލުކަމާއި މަގުފުރެދުމާއި ދޮގާއި ނުވާނޭ ކަންތައް ތަކުގެ ވާހަކަދެއްކުންވާ މިންވަރު މަތިވެރިވެވޮޑިގެންވާ ذوالجلال އަށް މެނުވީ ޢަދަދު ކުރެވިގެން ނުވެއެވެ.))

ފަހެ، ޣައިބުގެ ހުރިހާ ތަޅުދަނޑިތަކެއްވަނީ އެއްކައުވަންތަ އަލްޤައްހާރުގެ އަތްޕުޅުގައެވެ. އަދި މީސްތަކުންނަށް ކާހިނުންގެ ދޮގުވެރިކަމާއި އެބައިމީހުން ތެދުވެރި ނޫންކަން އެނގެއެވެ. އެހެނެއްކަމަކު އީމާންކަން ބަލިކަށިވުމާއި ޝައިޠާނުން ގަދަވެ އެބައިމީހުން ލައްވައި ﷲ އަށް އުރެދުމަށް އެބައިމީހުންނަށް ހިތްވަރުދެއެވެ.

ޝައިޚުލް އިސްލާމް ވިދާޅުވިއެވެ. (( ހަމަކަށަވަރުން ޚާއްޞުންނާއި ޢާއްމުންނަށް ތަޖުރިބާއިންނާއި ތަވާތުރުކޮށް އެނގެނީ ހަމަކަށަވަރުން ބިމުގައި ހިނގާ ކަންތައްތަކަށް ތަރިތަކުން ބާރުފޯރާކަމަށް ޤަބޫލުކުރާ މީހުންގެ ޙުކުމްތަކުގައި ތެދަށްވުރެ އެތައްގުނައަކަށް ދޮގު އެކުލެވިފައިވާ ކަމެވެ.))

ކާހިނުންގެ ޙީލަތްތެރިކަން:

ކާހިނުން ގާތަށްް މުސްތަޤުބަލުގެ ކަންތައްތަކާ މެދު ސުވާލުކުރަން އަންނަމީހާއަށް އެބައިމީހުން ޚަބަރުދެނީ މުޖުމަލުކޮށް ( ތަފްސީލަކާ ނުލައި ) ކޮންމެ އިންސާނަކަށްވެސް ދިމާވާނެ ކަންތައްތަކުގެ ޚަބަރުތަކެވެ. މިޘާލަކަށް އެބައިމީހުން އޭނާއަށް ބުނާނެތެވެެ. ކަލެއަށް ހިތާމައެއް ކުރިމަތިވާނެއެވެ. އެއަށްފަހު އެހިތާމަ ފިލައިގެންދާނެއެވެ. އެހެނީ އެބައިމީހުންނަށް އެނގި ކަށަވަރުވެފައިވަނީ ހަމަކަށަވަރުން ހިތާމަތައް އިންސާނާގެ މައްޗަށް ދިގުލައިގެން ނުދާނޭ ކަމެވެ. އަދިކިއެއްތަ ﷲގެ ރަޙްމަތުން ހިތާމަތަކުން އެނާ މިންޖުވާނޭކަމެވެ.

ނުވަތަ އެބައިމީހުން އޭނާއަށް ބުނާނެތެވެ. މުސްތަޤުބަލުގައި ތިބާއަށް ރިޒްޤު ޙާޞިލުވާނެއެވެ. އެހެނީ އެބައިމީހުންނަށް އެނގި ކަށަވަރުވެފައިވަނީ ހަމަކަށަވަރުން ކޮންމެ މަޚްލޫޤަކަށް ﷲ ރިޒްޤު ދެއްވާނެކަމެވެ.

ނުވަތަ އެބައިމީހުން އޭނާއަށް ބުނާނެތެވެ. ތިބާގެ ޙަޔާތުގައި ތިބާ އުފާވާނެ ޚަބަރެއް ތިބާއަށް އަޑުއިވޭނެއެވެ. އެހެނީ އެބައިމީހުންނަށް އެނގި ކަށަވަރުވެފައިވަނީ ހަމަކަށަވަރުން އުފާތަކާއި ހިތާމަތަކާއި ހިތްދަތިވާކަންތައްތަކާއި ހިތާމަތަކުން ސަލާމަތްވުމަކީ ޙަޔާތުގައި ދިމާވާނޭ ކަންތައްތައް ކަމެވެ. އަދި މިފަދަ މުޖުމަލު ބަސްތައް ބުނަނީ އެބައިމީހުން ހަދާ ދޮގުތަކަށް ޣާފިލުވެފައިވާ މީހާ އެބައިމީހުންގެ ގާތަށް ގިނަގިނައިން ކަންކަމުގައި ގެނައުމަށްޓަކައެވެ.

ކާހިނުންގެ ދޮގުވެރިކަން:

ނަބިއްޔާ صلى الله عليه وسلم ޚަބަރުދެއްވާފައިވަނީ ހަމަކަށަވަރުން ކާހިނުކަލޭގެ އެއްޚަބަރެއްގައި ސަތޭކަ ދޮގު ހަދާނޭކަމެވެ. އެއީ އެނަބިއްޔާ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. « فَيُلْقِيهَا عَلَى لِسَانِ الْكَاهِنِ، أَوِ السَّاحِرِ، فَيَكْذِبُ مَعَهَا مِائَةَ كَذْبَةٍ »

މާނައީ " ( އުޑުގެ ޚަބަރުތަކުން ވައްކަންކުރާ ޖިންނި ގެންނަ ޙައްޤުބަސް ) ފަހެ، އެޖިންނި އެޙައްޤުބަސް ކާހިނުކަލޭގެއަށް ނުވަތަ ސިޙްރުވެރިޔާއަށް ގެނެސްދެއެވެ. ފަހެ، އޭނާ ( ސިޙްރުވެރިޔާ ނުވަތަ ކާހިނުކަލޭގެ) އެޙައްޤުބަހާއެކު ސަތޭކަ ދޮގުހަދައެވެ."

އަދި އެއްޚަބަރެއްގައި ހަމައެކަނި ފަސް ދޮގު ހަދާ ރައްޓެއްސަކު ތިބާއަށްވީނަމަ ތިބާ އޭނާ ދޫކޮށްލާނޭކަން ކަށަވަރެވެ. އަދި އޭނާއާ ރަޙްމަތްތެރިކަން ބޭއްވުން ހުއްޓާލާނޭކަން ކަށަވަރެވެ. އެހެނީ ހަމަކަށަވަރުން އޭނާވަނީ ތިބާގެމައްޗަށް ގިނަދޮގުތައް ހަދައި ތިބާގެ ބުއްދިވެރިކަން ނިކަމެތި ކޮށްފައެވެ. ފަހެ، ފަސް ދޮގެއް ނޫނެވެ. ސަތޭކަ ދޮގުހަދާފައިވާ ކާހިނުމީހާ ކޮންފަދަހެއްޔެވެ؟! އޭނާއާ ( ކާހިނު ކަލޭގެއާ ) ދުރުވެ، އޭނާގެކިބައިން އިންޒާރު ލިބިގަނެ، އޭނާގެ ޢަމަލުތަކުން ދުރުވުން ޙައްޤުކަން ބޮޑުވެގެން ނުވޭހެއްޔެވެ؟!

އެބައިމީހުންގެ ދޮގުވެރިކަމުގެ ބުރުހާންތައް:

ކާހިނުކަލޭގެއަށް އޭނާ ދަޢްވާކުރާ ގޮތަށް، ޣައިބުގެ ޢިލްމު އެނގޭކަމުގައިވާނަމަ އޭނާމަރުވާނެ ވަގުތު އޭނާއަށް އެނގޭނޭކަން ކަށަވަރެވެ. އެއީ އޭނާގެ ރައްބަށް އޭނާ ކާފަރުވެފައިވާ ކުފުރުން ދުރުވެ ތައުބާވުމަށްޓަކައެވެ. އެއީ ނަރަކައިގައި އޭނާ ތާއަބަދަށް ނުއޮތުމަށްޓަކައެވެ. އަދި ކާހިނު ކަލޭގެއަށް ޣައިބުގެ ޢިލްމު ފޯރުކޮށްދޭކަމަށް ދަޢްވާކުރާ ޖިންނީންނަށް އެކަލޭގެފާނުގެ އަސާކޮޅު ކަތުރުފަނި ކެއުމުގެ ފަހުންމެނުވީ ސުލައިމާން عليه السلام އަވަހާރަވެއްޖެކަން އެނގިފައެއް ނުވެއެވެ. ފެހެ، އެކަން ކާހިނުކަލޭގެއަށް އެނގޭނީ ކިހިނަކުންހެއްޔެވެ؟!

ހުސްޠާހިރުވަންތަ އިލާހު ވަޙީކުރެއްވިއެވެ.

فَلَمَّا قَضَيْنَا عَلَيْهِ ٱلْمَوْتَ مَا دَلَّهُمْ عَلَىٰ مَوْتِهِۦٓ إِلَّا دَآبَّةُ ٱلْأَرْضِ تَأْكُلُ مِنسَأَتَهُۥ ۖ فَلَمَّا خَرَّ تَبَيَّنَتِ ٱلْجِنُّ أَن لَّوْ كَانُوا۟ يَعْلَمُونَ ٱلْغَيْبَ مَا لَبِثُوا۟ فِى ٱلْعَذَابِ ٱلْمُهِينِ ﴿34:14﴾

މާނައީ " ދެންފަހެ، އެކަލޭގެފާނު އަވަހާރަވުމަށް ތިމަންއިލާހު ނިޔާކުރެއްވި ހިނދު، ކަތުރުފަނި ނޫންއެއްޗެއް އެއުރެންނަށް އެކަލޭގެފާނު އަވަހާރަވެއްޖެކަމަށް ނޭންގިއެވެ. އެކަތުރުުފަނި އެކަލޭގެފާނުގެ އަސާކޮޅު ކަމުންގެންދިއައެވެ. ދެންފަހެ، އެކަލޭގެފާނު ވެއްޓިވަޑައިގަތުމުން، ޖިންނީންނަށް އެގިއްޖައޫއެވެ. ހަމަކަށަވަރުން، އެއުރެންނަށް ޣައިބު އެނގޭނަމަ، އިހާނަތްތެރިކަން ދެނިވި ޢަޛާބުގައި ( އެހެނީ : ގަދަ މަސައްކަތުގައި ) އެއުރެން ނުތިބީހެވެ."

ކާހިނުން ގާތަށް ދިއުމުގެ ޙުކުމް:

ކާހިނުކަލޭގެ ޣައިބުގެ ޢިލްމުގައި އައްރައްބު جل و علا އާ ބައިވެރިވާކަމުގެ ދަޢްވާއަކީ ﷲގެ މައްޗަށް އޭނާހަދާފައިވާ ދޮގެކެވެ. އެހެންވެ އޭނާގެ ގާތަށް ދިއުމާމެދު ބޮޑުވެގެންވާ ވަޢީދު ޙަދީޘް ބަސްފުޅުގައި އައިސްފައިވެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

«مَنْ أَتَى عَرَّافًا أَوْ كَاهِنًا فَسَأَلَهُ عَنْ شَيْءٍ فَصَدَّقَهُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ »

މާނައީ " ޢައްރާފަކު ނުވަތަ ކާހިނަކު ގާތަށް މީހަކު ގޮސް އޭނާއާ އެއްވެސް އެއްޗަކާ ބެހޭގޮތުން ސުވާލުކޮށް އެކަމެއް ތެދުކޮށްފިނަމަ، ފަހެ، ހަމަކަށަވަރުން މުޙައްމަދު صلى الله عليه وسلم މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް އެމީހަކު ކާފަރުވެއްޖެއެވެ."

ކާހިނުގެ އިޢްތިރާފް:

ދޮގުހަދާމީހާ ދޮގުހެދުމުގައި ކިތަންމެވަރަކަށް ދެމިހުރިނަމަވެސް ފަހެ، އޭނާގެ ކަންތައްތައް ފަހުން ނަމަވެސް ފާޅުވާނެތެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

« الصِّدْقَ طُمَأْنِينَةٌ وَإِنَّ الْكَذِبُ رِيبَةٌ »

މާނައީ " ތެދުވެރިކަމަކީ ހިތުގެ ހަމަޖެހުމެވެ. އަދި ހަމަކަށަވަރުން ދޮގުވެރިކަމަކީ ހިތުގައި ޝައްކުއުފެދޭ ކަމެކެވެ."

އަދި ކާހިނުކަލޭގެ ދަޢުވާކުރަނީ ޣައިބުގެ ޢިލްމުގައި އޭނާއާއެކެ ﷲ ބައިވެރިވެލައްވާކަމަށެވެ. އަދި ހަމަކަށަވަރުން ނަބިއްޔާ، ޚަބަރުދެއްވާފައިވަނީ އެމީހަކަށް މިލްކުވެގެން ނުވާކަމެއްގައި މީހަކު ދަޢްވާކޮށްފިނަމަ ފަހެ، ﷲ އެމީހަކު ފަޟީޙަތް ކުރައްވާނެތެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«المُتَشَبِّعُ بِمَا لَمْ يُعْطَ كَلاَبِسِ ثَوْبَيْ زُورٍ»

މާނައީ " އެމީހަކަށް ލިބިފައި ނެތްއެއްޗެއް ލިބިފައި ހުރިކަމަށް މީސްތަކުންނަށް ދައްކަންއުޅޭ މީހާއަކީ ދޮގު ދެ ހެދުން ލައިގެން އުޅޭ މީހެއްފަދަ މީހެކެވެ."

އަދި ހަމަކަށަވަރުން ޝައިޚުލްއިސްލާ އިބުނު ތައިމިއްޔާގެ ޒަމާނުގައި ކާހިނަކު މީސްތަކުންގެ މައްޗަށް އޭނާ ހަދާފައިވާ ދޮގުތަކަށް އިޢްތިރާފުވިއެވެ. ޝައިޚުލްއިސްލާމް ވިދާޅުވިއެވެ.(( އަދި މިފަދައިން އެބައިމީހުންގެ ނުބައި މަޤްޞަދަށް ވާޞިލުވުމަށް ތަރިތަކުގެ ޙިސާބު ބޭނުންކުރާ މީހުންވެއެވެ. އަޅުގަނޑު އެބައިމީހުންނާ ދިމިޝްޤުގައި ވާހަކަދެއްކީމެވެ. އެބައިމީހުންގެ ރައީސުން އަޅުގަނޑު ގާތަށް ޙާޟިރުވިއެވެ. އެބައިމީހުން އޭގެ ޞައްޙަކަމަށް އިޢްތިރާފުވާ ބުއްދީގެ ދަލީލުތަކުން އެބައިމީހުން ކުރާކަންތައްތަކުގެ ފަސާދަ އަޅުގަނޑު އެބައިމީހުންނަށް ބަޔާންކޮށްދިނީމެވެ. އެބައިމީހުންގެ ތެރެއިންވި ރައީސަކު ބުންޏެވެ. ﷲގަންދީ ބުނަމެވެ. އަހަރެމެން އެންމެކަލިމައެއް ތެދުކޮށްފުމަށްދާންދެން ހަމަކަށަވަރުން އަހަރެމެން ސަތޭކަދޮގު ހަދަމެވެ.))

ފަހެ، ކާހިނުން އިޢްތިރާފުވަނީ ދޮގުހަދާކަމަށް އެކަންޏެއްނޫނެވެ. އަދި ކިއެއްތަ ގިނައިން ދޮގުހަދާކަމަށާއި އެކަމުގައި ދެމިތިބޭ ކަމަށެވެ. ފަހެ، އިންސާނާއަށް އެބައިމީހުންގެ ފަރާތުން ދޮގާއި ޣައިބުގެ ކުށްހީތަކާއި ޣައިބުގެ ޢިލްމުގައި ﷲ އާއެކު ބައިވެރިވާކަމުގެ ދަޢްވާ ނޫންއެއްޗެއް އެބައިމީހުންގެ ފަރާތުން ޙާޞިލުނުވާއިރު އެބައިމީހުންގެ ކައިރިއަށް ދަނީ ކީއްވެގެންހެއްޔެވެ؟!!

Ad
df

އެޑިޓަރުގެ ނޯޓް: "އެމީހާގެ ދީން ވިއްކާލާ މީހާ" އަރަބި ބަހުން ލިޔެފައިވާ މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު އެވެ. ސިލްސިލާ ގޮތެއްގައި މިނޫހުގެ ކިއުންތެރިންނާއި ހަމައަށް މިފޮތުގެ ބައިތަށް ގެނެސްދިނުމަށް އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު، ރުހުން ދެއްވާފައިވާކަމީ މިނޫހުގެ ކިއުންތެރިންނާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށް އުފާކުރާކަމެކެވެ. މިފަދަ އަގުހުރި އެތަކެއް މަސައްކަތްތަކެއް، އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދުއަށް ކުރުމުގެ ތަޢުފީގު ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.