ސަޢޫދީ ޢަރަބިއްޔާގެ އަމީރާ ލަޠީފާ ބިންތި ޢަބްދުލްޢަޒީޒް އަލްސަޢޫދު އިއްޔެ އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވީ ސީދާ ކޮން ސަބަބަކާ ހުރެކަން އަދި ހާމަކުރެވިފައެއް ނުވެއެވެ.
އަމީރާ ލަޠީފާ އަކީ ސަޢޫދީ ޢަރަބިއްޔާގެ ފުރަތަމަ ރަސްގެފާނު، ބަނީ ސަޢޫދު ޚާންދާނުގެ މުއައްސިސް އަބްދުލްޢަޒީޒް ބިން ޢަބްދުއްރަޙްމާން އާލް ސަޢޫދުގެ ދަރިކަނބަލުންނެވެ.
އެކަމަނާގެ އަވަހާރަވުމާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ރަސްމީ މީޑިއާތަކުންނާއި، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެކަމަނާއަށް ހެޔޮ ދުޢާކޮށް، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށްފައެވެ.
އަމީރާ ލަޠީފާގެ ޖަނާޒާގެ ކަންކަން ކުރިއަށްދާނެ ގޮތާއި، ވަޅުލެވޭނެ ތަނެއް އަދި ވަކި ވަގުތެއް އިޢުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް، ސަޢޫދީ ޢަރަބިއްޔާގެ އާދަކާދައިގެ މަތިން، ޖަނާޒާގެ ކަންތައްތައް ވަރަށް އަވަހަށް ނިންމާނެ ލަފާކުރެވެއެވެ.
އަމީރާ ލަޠީފާގެ އަވަހާރަވުމާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އާއި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި ގިނަ އަދަދެއްގެ ބޭރުގެ ލީޑަރުންވެސް ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!