ކޮންމެ ދުވަހެއްގެ ނިދުމުގެ ކުރިން ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔުމަކީ ވަރަށް މުހިންމު އަދި ގިނަގުނަ ފައިދާތަކެއް ލިބިގެންވާ ކަމެކެވެ. މި ދެއާޔަތަކީ އާމަނަރްރަސޫލު އަދި ލާޔުކައްލިފުﷲ ގެ ނަމުން މަޝްހޫރުވެފައިވާ ދެއާޔަތެވެ.
މި ދެއާޔަތުގެ މާނައަށް ބަލާއިރު، އޭގައި އީމާންކަމުގެ އަސާސްތަކާއި، އަޅުކަމުގެ މުހިންމުކަމާއި، އަދި އަޅުތަކުން އަޅުކަން ކުރުމުގައި ދިމާވާ ދަތިތަކާއި އުނދަގޫތަކުން ސަލާމަތްވުމަށް އެދި ﷲ އަށް ދުޢާކުރުމުގެ މުހިންމުކަން ހިމެނިފައިވެއެވެ.
ފުރަތަމަ އާޔަތުގައި ބަޔާންކޮށްފައިވަނީ މުއުމިނުންގެ އީމާންކަމުގެ ފުރިހަމަކަމެވެ. އެއީ ﷲ އަށާއި، މަލާއިކަތުންނަށާއި، ފޮތްތަކަށާއި، ރަސޫލުންނަށް އީމާންވުމެވެ. އަދި މި އާޔަތުގައި އަޅުތަކުން ﷲ އަށް ކިޔަމަންތެރިވެ، ފާފަފުއްސެވުމަށް އެދި ދުޢާކުރުމުގެ މުހިންމުކަންވެސް ބަޔާންކޮށްފައިވެއެވެ.
ދެވަނަ އާޔަތުގައި ބަޔާންކޮށްފައިވަނީ ﷲ ގެ ރަޙްމަތްފުޅުގެ ތަނަވަސްކަމެވެ. އެކަލާނގެ އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ ތަކުލީފެއް ނުޖައްސަވާނެކަމެވެ. އަދި މި އާޔަތުގައި އަޅުތަކުން ﷲ އަށް ދުޢާކުރަން ޖެހޭ މުހިންމު ކަންތައްތައް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ހަނދާންނެތިގެން ނުވަތަ ގަސްދުނެތި ކުރެވޭ ކުށްތަކަށް މަޢާފަށް އެދުމާއި، އުފުލަން ނުކުޅެދޭފަދަ ބުރަ ތަކުލީފުތަކުން ސަލާމަތްކޮށްދެއްވުމަށް އެދުން ހިމެނެއެވެ.
މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ރޭގަނޑުގެ ވަގުތެއްގައި ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔަވައިފި މީހަކަށް އެކަން ފުދިގެންވެއެވެ." (ޞަހީހް ބުޚާރީ)
މިހަދީޘް ޝަރަހަ ކުރައްވަމުން އިމާމް ނަވަވީ ރަހިމަހު ﷲ ވިދާޅުވެފައިވެއެވެ. "ފުދިގެންވެއެވެ" އޮތް ބަހުގެ މުރާދަކީ އެރޭ ރޭއަޅުކަން ކުރުމުން ފުދިގެންވާ ވާހަކައެވެ. އަދިވެސް މިބަހުގެ މުރާދުގައި ބުނެވިގެންވެއެވެ، އެމީހަކަށް ޝައިޠާނާގެ ކިބައިން ފުދިގެންވެއެވެ. މީގެ އިތުރުން ހުރިހާ އާފާތްތަކުން ސަލާމަތްވުމަށް ފުދިގެންވުމާއި މިހުރިހާ ކަމަކުން ފުދިގެންވުން މިބަހުގެ މުރާދު ކަމުގައި ބުނެވިގެންވެއެވެ.

ސޫރަތުލް ބަޤަރާގެ ފަހު ދެ އާޔަތް ޤަވާޢިދުން ކިޔެވުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންޖެހޭނެއެވެ.
ސޫރަތުލް ބަޤަރާގެ ފަހު ދެ އާޔަތާއި މާނަ އަދި ތަފްސީރު:
آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ
މާނަ: رسول އާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) رسول އާއާއި مؤمن ން إيمان ވިއެވެ. އެ އެންމެންމެ اللَّه އާއި، އެކަލާނގެ ملائكة ންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسول ންނަށް إيمان ވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ رسول ންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ. (285)
ތަފްސީރު: ޤުރްއާނާއި ވަޙީގެ ސިފައިގައި ރަސޫލާ ﷺ ގެ މައްޗަށް ބާވައިލެއްވުނު ތަކެތި އެކަލޭގެފާނު ތެދުކުރައްވައި ޤަބޫލުކުރެއްވިއެވެ. އަދި އެކަލޭގެފާނާއެކު ތަޤްވާވެރި މުއުމިނުންވެސް ޤަބޫލުކުރިއެވެ. އެއެންމެން (ރަސޫލާ ﷺ އާއި މުއުމިނުން) ﷲގެ އެއްކައުވަންތަކަން ތެދުކޮށް ޤަބޫލުކޮށް، އެކަލާނގެ މަލާއިކަތުންނާއި، ހުރިހާ ފޮތްތަކާއި، ރަސޫލުބޭކަލުންނަށް އީމާންވިއެވެ. ﴿لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِۦ ۚ﴾ އެއެންމެން ބުނާ ޙާލުއެވެ. ތިމަންމެންނީ ޔަހޫދީންނާއި ނަޞާރާއިން ހެދިފަދައިން ބައެއް ރަސޫލުބޭކަލުންނަށް އީމާންވެފައި، އަނެއްބައި ރަސޫލުބޭކަލުންނަށް ކާފިރުވާ ބައެއް ނޫނެވެ. ތިމަންމެން އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ރަސޫލުބޭކަލުންނަށް އީމާންވަމުއެވެ. ފަހެ، ޔަހޫދީން ވަނީ މޫސާ عليه السلام ގެ ރަސޫލުކަން ޤަބޫލުކޮށް ޢީސާ عليه السلام އާއި މުޙައްމަދު ﷺ ގެ ރަސޫލުކަމަށް ކާފިރުވެފައެވެ. ނަޞާރާއިން ވަނީ ޢީސާ عليه السلام ގެ ރަސޫލުކަން ޤަބޫލުކޮށް، މުޙައްމަދު ﷺ ގެ ރަސޫލުކަމަށް ކާފިރުވެފައެވެ. ހުރިހާ އަހުލުކިތާބީން ވަނީ ހިދާޔަތާއި ދުރުވެ މަގުފުރެދުމުގެ ތެރޭގައެވެ. ﴿وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ﴾ އަދި މުޙައްމަދު ﷺ އަށް އީމާންވީ މީހުން ދެންނެވިއެވެ. އަޅަމެން އިބަރަސްކަލާނގެ ދަޢުވަތު އަޑުއަހައިފީމެވެ. އަޅަމެން އިބަރަސްކަލާނގެ އަމުރަށް ކިޔަމަންވެއްޖައީމެވެ. އަދި އަޅަމެން އިބަރަސްކަލާނގެ ފޮނުއްވި ހުރިހާ ރަސޫލުބޭކަލުންނަށް އީމާންވަމުއެވެ. އެހެންކަމުން، އިބަރަސްކަލާނގެ އަޅަމެންގެ ހުރިހާ ފާފަ ފުއްސަވައިދެއްވުން އެދި އަޅަމެން އިބަރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަމުއެވެ. އަޅަމެންގެ ޙިސާބު ބައްލަވައި، ޖަޒާދެއްވުމަށް އަޅަމެން އެނބުރި ދާންޖެހެނީ ހަމަ އިބަރަސްކަލާނގެ ޙަޟްރަތަށެވެ. މިއާޔަތުގައި މާތް ﷲ އެވަނީ ރަސޫލާ ﷺ އާއި އެކަލޭގެފާނަށް ތަބަޢަވީ މުއުމިނުންގެ އީމާންކަން ޞައްޙަކަމާއި، އެބައިމީހުންނަށް ރަޙްމާނުވަންތަ ރަސްކަލާނގެ ރުހިވޮޑިގަންނަވާކަމަށް ހެކިވެވޮޑިގެންފައެވެ.
لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
މާނަ: اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ. އެ نفس އެއް ހޯދި ހެޔޮކަމެއް (ގެ ثواب) އެ نفس އަކަށް ވެއެވެ. އަދި، އެ نفس އެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ نفس އެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصد އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް عفو ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ! (286)
ތަފްސީރު: މާތް ﷲ އެއްވެސް މީހަކަށް އެމީހަކަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވައެވެ. އަދި ކިއެއްތަ، އެކަލާނގެ ކޮންމެ މީހަކަށް ވެސް ތަކުލީފު ޖައްސަވަނީ އެމީހަކާ އެކަށީގެންވާ ވަރަށެވެ. ކޮންމެ ނަފުސަކަށް ވެސް އެނަފުސެއް ކުޅަ ހެޔޮކަމަކަށް ހެޔޮ ޖަޒާ، އަދި ކުޅަ ނުބައިކަމަކަށް ޢުޤޫބާތް ލިބޭނެއެވެ. ﴿رَبَّنَا لَا تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا﴾ އެބައިމީހުން މާތް ﷲއަށް ދުޢާ ދަންނަވަމުން ބުނެއެވެ، އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ހަނދާންނެތިގެންނާއި، އޮޅިގެން ކުރެވޭ ކަންކަމަށް އިބަރަސްކަލާނގެ އަޅަމެނަށް ޢަޛާބު ނުދެއްވާނދޭވެ!
﴿رَبَّنَا وَلَا تَحْمِلْ عَلَيْنَآ إِصْرًا كَمَا حَمَلْتَهُۥ عَلَى ٱلَّذِينَ مِن قَبْلِنَا﴾
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރީން އައި އުއްމަތްތަކަށް ޖެއްސެވި ފަދައިން، އަޅަމެންނަށް ކުޅަދާނަ ނުވާވަރުގެ ތަކްލީފު އަޅަމެންނަށް ނުޖައްސަވާނދޭވެ!
﴿رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِۦ ۖ﴾
އަޅަމެންގެ ވެރިރަސްކަލާކޮ! އިންސާނުންނަށް ނުއުފުލޭވަރުގެ މުޞީބާތްތަކާ، ދަތި އުނދަގޫ ތަކާ، ތަކުލީފުތައް އަޅަމެންނަށް ނުޖައްސަވާނދޭވެ!
﴿وَٱعْفُ عَنَّا وَٱغْفِرْ لَنَا وَٱرْحَمْنَآ ۚ﴾
އަޅަމެންނަށް ކުރެވިފައިވާ ފާފަތައް އަޅަމެންނަށް ފުއްސަވައިދެއްވާނދޭވެ! އަދި އަޅަމެންގެ ޢައިބުތައް ފޮރުއްވައި، ޤިޔާމަތް ދުވަހު އަޅަމެން ފަޟީޙަތް ނުކުރައްވާނދޭވެ! އަދި ހުރިހާ އެއްޗަކަށް ތަނަވަސް ވެގެންވާ އިބަރަސްކަލާނގެ ރަޙްމަތުން އަޅަމެންނަށް ރަޙްމަތް ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ ވެރިރަސްކަލާނގެއެވެ. އަޅަމެންނަށް ނަޞްރުދެއްވާ، އަޅަމެންގެ ހުރިހާ ކަމެއް ބަލަހައްޓަވާ ރަސްކަލާނގެއެވެ. އަޅަމެންނީ އިބަރަސްކަލާނގެ ނިކަމެތި އަޅުންނީމުއެވެ.
﴿أَنتَ مَوْلَىٰنَا فَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ﴾
ބުދަށް އަޅުކަންކުރާ ކާފިރުންނާއި، ދީނުގެ ދުޝްމަނުންނާއި، ރަސޫލުބޭކަލުންގެ ރަސޫލުކަން ދޮގުކުޅަ މީހުން ހިމެނޭހެން، އަޅަމެންގެ ދުޝްމަނުންގެ މައްޗަށް އަޅަމެންނަށް ނަޞްރުދެއްވާނދޭވެ! ޞަޙީޙު މުސްލިމްގައި ރިވާވެގެން ވެއެވެ.
"لَمَّا نَزَلَتْ عَلَى رَسُولِ اللَّهِ صلى الله عليه وسلم ﴿لِّلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَإِن تُبْدُوا۟ مَا فِىٓ أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ ٱللَّهُ ۖ فَيَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ﴾ قَالَ فَاشْتَدَّ ذَلِكَ عَلَى أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم فَأَتَوْا رَسُولَ اللَّهِ صلى الله عليه وسلم ثُمَّ بَرَكُوا عَلَى الرُّكَبِ فَقَالُوا أَىْ رَسُولَ اللَّهِ كُلِّفْنَا مِنَ الأَعْمَالِ مَا نُطِيقُ الصَّلاَةُ وَالصِّيَامُ وَالْجِهَادُ وَالصَّدَقَةُ وَقَدْ أُنْزِلَتْ عَلَيْكَ هَذِهِ الآيَةُ وَلاَ نُطِيقُهَا . قَالَ رَسُولُ اللَّهِ صلى الله عليه وسلم " أَتُرِيدُونَ أَنْ تَقُولُوا كَمَا قَالَ أَهْلُ الْكِتَابَيْنِ مِنْ قَبْلِكُمْ سَمِعْنَا وَعَصَيْنَا بَلْ قُولُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ " . قَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ . فَلَمَّا اقْتَرَأَهَا الْقَوْمُ ذَلَّتْ بِهَا أَلْسِنَتُهُمْ فَأَنْزَلَ اللَّهُ فِي إِثْرِهَا ﴿ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَـٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِۦ ۚ وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ ﴾ فَلَمَّا فَعَلُوا ذَلِكَ نَسَخَهَا اللَّهُ تَعَالَى فَأَنْزَلَ اللَّهُ عَزَّ وَجَلَّ ﴿لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا ٱكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا ۚ﴾" (صحيح مسلم، كتاب الإيمان، باب أنّه سبحانه لم يكلِّف إلا ما يطاق) ( ﴿لِّلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَإِن تُبْدُوا۟ مَا فِىٓ أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ ٱللَّهُ ۖ فَيَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ﴾
މިއާޔަތް ބާވައިލެއްވުމުން އެކަން ރަސޫލުﷲ ﷺ ގެ އަޞްޙާބު ބޭކަލުންނަށް ބުރަ ކަމަކަށްވެގެން އެބޭކަލުން އައިސް ރަސޫލާ ﷺއަރިހު ދެންނެވިއެވެ. ޢަމަލުތަކުގެ ތެރެއިން ކުރުމަށް އަހަރުމެންނަށް ޖައްސަވައިފައިވަނީ އަހަރުމެންނަށް ކުޅަދާނަވެގެންވާ ކަންކަމެވެ. ނަމާދާއި، ރޯދައާއި، ޙައްޖާއި، ޖިހާދެވެ. ކަލޭގެފާނުގެ މައްޗަށް ބާވައިލެއްވުނު މިއާޔަތުގައި ވަނީ އަހަރުމެންނަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ. ރަސޫލުﷲ ﷺ އެބޭކަލުންނަށް ޙަދީޘުކުރެއްވިއެވެ. ތިޔަބައިމީހުން ބޭނުންވަނީ ތިޔަބައިމީހުންގެ ކުރީން އަހްލުކިތާބީން ބުނި ފަދައިން سمعنا وعصينا (އަޅަމެން އަޑު އަހައިފީމެވެ. އަދި އަޅަމެން އުރެދިއްޖައީމެވެ.) ބުނަން ހެއްޔެވެ. ތިޔަބައިމީހުން سمعنا وأطعنا (އަޅަމެން އަޑު އަހައި ކިޔަމަންވެއްޖައީމެވެ.) މިހެން ބުނާށެވެ. ދެން އެބޭކަލުން އެ އާޔަތް ކިޔަވައިވިދާޅުވެ، އެއަށް ދޫ ފަރިތަވީ ފަހުން މާތް ﷲ ﴿ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَـٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِۦ ۚ وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ ﴾ މިއާޔަތް ބާވައިލެއްވިއެވެ. ދެން އެބޭކަލުން އެކަންކުރެއްވުމުން މާތް ﷲ އެއާޔަތް ނަސްޚުކުރެއްވިއެވެ. އަދި މިއާޔަތް ބާވައިލެއްވިއެވެ. ﴿لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا ٱكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا ۚ﴾ މިއާޔަތް ބާވައިލެއްވިއެވެ.) (ޞަޙީޙު މުސްލިމް، ޙަދީޘު: 125) ދެން ކުރީގެ އާޔަތް މަންސޫޚުކުރެއްވިއެވެ. އެއީ، ނިޔަތުގެ ޙިސާބު ބެއްލެވޭނެ ވާހަކަ އޮތް އާޔަތެވެ. މިއީ ހައްތަހާވެސް މާތް ﷲގެ ފަޟްލުވަންތަކަމެވެ. އަދި އެކަލާނގެ އަޅުތަކުންނަށް އެކަލާނގެ ލައްވާ ރަޙްމަތެވެ. އެކަލާނގެ ފަޟްލުވަންތަކަމާއި، ދީލަތިވަންތަކަމުން، އެބައިމީހުންނަށް ކުޅަދާނަ ނުވާވަރުގެ ތަކުލީފެއް އެބައިމީހުންނަށް ނުޖައްސަވައެވެ. އެކަލާނގެ ވަނީ އަބަދަށް ދެމިގެންވާ އެކަލާނގެ ޝަރީޢަތަކީ އުނދަގޫކަމެއް ނެތް ފަސޭހަ އެއްޗަކަށް ހައްދަވައިފައެވެ. އެންމެހައި ޙަމްދެއް ހުރީ އެކަލާނގެއަށެވެ.
@munaajaa99 In a hadith, The Prophet (PBUH) narrated by Abu Masud, if anyone reads these last 2 ayat surah Baqarah before sleeping, it will protect his reciter overnight. #2 Surah Baqarah protects the Devil from entering the house.
ނޯޓް: ތަފްސީރު ނަގާފައިވާނީ اَلتَّفْسِيْرُ الْوَاضِحُ الْمُيَسَّرُ "ބަޔާން ވެގެންވާ ފަސޭހަ ތަފްސީރު" ގެ ދިވެހި ތަރުޖަމާ އިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!