ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ކުޅުދުއްފުށީ ކްލަބް ކޮރަލް އަދި ހިރިމަރަދޫ ޑޮމިނޭޓާސްއާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ވާދަކުރަން ޖެހިއްޖެއެވެ.
މިއަދު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ޒިގްޒެގް ބައްދަލުކުރި މެޗާއިއެކު ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ވަނީ ކުޅެ ނިމިފައެވެ. މިއަދުގެ މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައި ވަނީ ހަނިމާދޫއިންނެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ތިން ލަނޑުޖަހައި މެޗުގައި ހެޓްރިކް ހެދި ހަނިމާދޫ ޓީމްގެ މުހައްމަދު އަލީއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހަނިމާދޫއިން ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއިއެކު ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ކަށަވަރުކޮށްފައެވެ. މި ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ކަށަވަރު ކުރީ މިއަދު މެޗުން ބަލިވި ޒިގްޒެގެވެ. ޒިގްޒެގުން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެފައެވެ. އެ ޓީމަށް ދެވަނަ ލިބުނީ ހަތަރު ޕޮއިންޓާއި އެކުއެވެ.
ގްރޫޕް އޭގެ އެއްވަނަ ހޯދީ ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސްއެވެ. އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް ހަތް ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕްގެ ދެވަނަ ހޯދީ ކޮރަލްސްއެވެ. ކޮރަލްސް އިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުކޮށް އެއް މެޗުން މޮޅުވެ 5 ޕޮއިންޓް ހޯދާފައެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކުޅޭނީ މި މަހު 20 ވަނަ ދުވަހުއެވެ. ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ޑޮމިނޭޓާސް އާއި ޒިގްޒެގެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ކޮރަލްސް ބައްދަލުކުރާ ސެމީގެ ދެވަނަ މެޗު ކުޅޭނީ 21 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!