ފުލުހުންގެ ތަރުޖަމާނު އަދި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާންގެ ނަމުގައި ސްކޭމް ކުރާ ފަރާތްތަކުން މެސެޖު ކުރަން ފަށައިފިއެވެ.

ޕޮލިސް ކޮމިޝަނަރުގެ އޮފީހުގެ ހެޑުގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރައްވަމުން އަންނަ ޝިފާން ވަނީ އޭނާގެ ޓުވިޓަރ އެކައުންޓުގައި މިކަމަށް ސަމާލުވުމަށް އެދި ޓުވީޓެއް ކުރައްވާފައެވެ.

Ad
rt

ޝިފާން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ "ސަމާލު! މިއީ އަޅުގަނޑެއް ނޫން. އެއްވެސް މުޢާމަލާތެއް ހިންގެވުމުގެ ކުރިން ނަމްބަރ ޔަޤީންކުރެއްވުން އެދެން" މިފަދައިންނެވެ.

މި ސްކޭމް ހިންގާ ފަރާތުން ވައިބަރ މެދުވެރިކޮށް ޝިފާންގެ ފޮޓޯ އާއި ނަން ބޭނުންކޮށްގެން 7854084 ނަންބަރުން މެސެޖު ކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ފާއިތުވި ދުވަސްތަކުގައި ސްކޭމް ކޯލްތަކާއި ވައިބަރ އަދި ފޭސްބުކް ހެކު ކޮށްގެން ފައިސާ ހޯދަން މީހުންނަށް މެސެޖުކޮށް ފައިސާ ފޭރުމުގެ މައްސަލަތައް ދަނީ އިންތިހާ އަށް ބޮޑުވަމުންނެވެ. މިއީ ވަރަށް އާއްމުވެފައިވާ މައްސަލައެކެވެ.

މިފަދަ ކުށްތަކުން ރައްކާތެރިވުމަށް ޕޮލިހުން އަންގަވާފައިވާ ގޮތުގައި އެއްވެސް ފަރާތަކަށް ކޭޝް ނުވަތަ ކްރެޑިޓް ކާޑުގެ ނަންބަރު ނުދިނުމަށާއި، ތިމާއާއި ސީދާ ގުޅުމެއް ނެތް ނުވަތަ ތިމާ ބައިވެރި ނުވާ މުބާރާތްތަކާއި ނަސީބު ނަންބަރު ނެގުން ކަމަށް ބުނެ ގުޅާ ފަރާތްތަކާއި ވާހަކަ ނުދެއްކުމަށް އަންގަވާފައިވެއެވެ.

އަދި ބޭންކަކުން ގުޅާފައި އެއްވެސް ފަރާތެއްގެ ކާޑު ނަންބަރު ނުވަތަ އެކައުންޓް ނަންބަރު ނުހޯދާނެކަން ވިސްނުމަށާއި، ފޯނަށް އަންނަ އެސްއެމްއެސް ކޯޑު ނުވަތަ އޯޓީޕީ އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށްވެސް ޕޮލިހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން މިފަދަ ކުށްތަކުގެ ޝިކާރައަކަށްވުމުގެ ފުރުސަތު ބޮޑުކަމުން އާއިލާގައި ތިބޭ މިފަދަ ފަރާތްތަށް މިކަންކަމަށް ތަކުރާރުކޮށް ހޭލުންތެރި ކުރުވުމަކީ މުހިންމުކަމެކެވެ.

މައްސަލަ ހުށަހެޅުމަށް ބޭނުންވާނީ ކޮން ތަކެއްޗެއް؟

މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއް ހުށަހެޅުމަށް ބޭނުންވާނެ ބައެއް ކަންކަމާއި ތަކެތި ތިރީގައި އެވަނީއެވެ.

- ހުށަހަޅާ ފަރާތުގެ ބަޔާން

- ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުއާމަލާތްތައް

- ކުރެވިފައިވާ ފައިސާގެ މުއާމަލާތްތަކުގެ ލިޔެކިޔުން

- ހެކިން