ކުރީގެ ތަޢުލިމާބެހޭ ވަޒީރު ބޭނުންކުރެއްވި ރަސްމީ އީމެއިލްގައި ހުރި މެއިލްތައް ޑިލޭޓްކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ކުރީގެ ކުރީގެ ތަޢުލިމާބެހޭ ވަޒީރު ބޭނުންކުރެއްވި ރަސްމީ އީމެއިލްގައި ހުރި ހުރިހާ މެއިލެއް ޑިލީޓްކޮށްފައިވާ މައްސަލައެއް ތަހްގީގްކޮށްދެއްވުމަށް އެދި އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

މި މެއިލްތައް ޑިލީޓްކޮށްލާފައި ވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ހުށަހަޅާފައި ވަނީ މި ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.

އެހެންވެ އެ މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށް ފުލުހުން ބުނެއެވެ.

2023 ވަނަ އަހަރު ނޮވެމްބަރު 17 އާއި ހަމައަށް ތައުލީމާބެހޭ ވުޒާރާގެ ވަޒީރަކަށް ހުންނެވީ ޑރ. އައިޝަތު ޢަލީއެވެ. ބައެއް މަސްދަރުތަކުން ބުނާގޮތުގައި ފުލުހުން ތަހްގީގުކުރަމުން ދަނީ އައިޝަތު ޢަލީގެ ވަޒީރުކަމުގެ ދުވަސްވަރު، ވަޒީރުގެ ރަސްމީ އީމެއިލްތައް ޑިލޭޓްކޮށްފައިވާ މައްސަލައެކެވެ.

ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖުގައި އެއީ ކޮން ވަޒީރެއްގެ ވަޒީރުކަމުގައި ހިނގިކަމެއްކަމަށް ބުނެފަނުވިނަމަވެސް، ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ އެއީ ޑރ. އައިޝަތު ޢަލީގެ ވަޒީރުކަމުގައި ހިނގާފައިވާކަމެއް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދިފައި ވަނީ ތައުލީމާބެހޭ ވުޒާރާއިން ކަމަށެވެ.

17 ނޮވެމްބަރު 2023 ގައި އައު ސަރުކާރުގެ ތަޢުލީމާބެހޭ ވަޒީރަކަށް ޢައްޔަނުކުރައްވާފައި ވަނީ ޑރ. އިސްމާޢީލް ޝަފީޢު އެވެ.