ރާއްޖެއަށް ބިދޭސީން ގެނައުމަކުން އަދި ނުފުދޭ ކަމަށާއި، އެ މީހުންއަތުން ދިވެހި ރާއްޖޭގެ ދައުލަތަށް ލިބެންވާ ފައިސާވެސް ހޯދައި ދައްކަންޖެހޭކަމަށް މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބުދުލްގާދިރު (ހަސަނާ) މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ، ޤާނޫނު ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ގައި ވާހަކަދައްކަވަމުން ހަސަނާ ވިދާޅުވީ، ވަޒީފާއާއިބެހޭ ބިލަށް އިސްލާހްގެނައުމުގެ ބިލެއް ހުށަހަޅައިގެން ސަރުކާރުން ފެށި މަސައްކަތަކީ ރާއްޖޭގައި ބޮއްސުންލާފައި އޮތް ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ބޭނުމުގައި ފެށި މަސައްކަތެއް ކަމަށެވެ.

Ad
rt

''އަޅުގަނޑުމެން ހަމައެކަނި ބިދޭސީން ގެނެސް މި ޤައުމަށް ދޫކޮށްލުމަކުން ނުފުދޭ، އަޅުގަނޑުމެންނަށް، މި ޤައުމަށް އެ ބޭފުޅުންގެ ފަރާތުން ވަންނަންޖެހޭ އިންކަމް، ރެވެނިއު ވެސް ވަންނަންޖެހެއޭ'' ހަސަނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބިދޭސީ މަސައްކަތުމީހުން ރާއްޖޭގައި އުޅޭއިރު ދިވެއްސެކޭ އެއްހަމައިން ކަންކަން ވެގެން ދިޔުމަކީ އެއްވެސް ޤައުމެއްގައި އެކަން އޮންނަ ގޮތް ނޫންކަމަށެވެ.

ތަފާސްހިސާބާއި ހަވާލާދީ ހަސަނާ ވިދާޅުވީ 170،000 އާއި 154،341 ދެމެދު ބިދޭސީން ރާއްޖޭގައި މިވަގުތު އުޅެމުންދާކަމަށެވެ. އަދި އެމީހުންގެ 60 އިންސައްތައަކީ ބަންގްލަދޭޝް މީހުންކަމަށެވެ.

''އެހެންވީމަ ސަރުކާރަށް ވަންނަންޖެހޭ ފައިސާއެއް ނުވަދޭ، ވަރކް ޕާމިޓާއި، ވާރކް ވިސާ ޕަރމިޓަށް އަޅުގަނޑުމެންނަށް ވަންނަންޖެހޭ އެއްވެސް ފައިސާއެއް ވަންނަކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ'' ހަސަނާ ވިދާޅުވިއެވެ.

ހަސަނާ ވިދާޅުވީ، ބިދޭސީން މަސައްކަތު މީހުންނާއި ގުޅިގެން ދައުލަތަށް ވަންނަންޖެހޭ ފައިސާ ތެރެއިން މިހާތަނަށް ލިބުނީ 80 ވަރަކަށް މިިލިއަން ރުފިޔާކަމަށާއި، 1.80 ބިލިއަން ރުފިޔާ އަދި ދައުލަތަށް ނުލިބި އެބަހުރިކަމަށެވެ.