ހދ.ނޮޅިވަރަންފަރު ތަރައްޤީއަށް އެންމެ ބޭނުންވެފައިވާ ކަންކަމާއި، ހައްލުކުރަން ބޭނުންވެފައިވާ މައްސަލަތައް ނައިބުރައީސް ހުސެން މުހައްމަދު ލަތީފް އާއި އެރަށު ކައުންސިލުން މިއަދު ހިއްސާކޮށްފިއެވެ.
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވަނީ މިއަދު ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިއޮތް މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ތަރައްޤީއަށް އެންމެ ބޭނުންވެފައިވާ ކަންކަމާއި، ހައްލުކުރަން ބޭނުންވެފައިވާ މައްސަލަތައް ނައިބުރައީސަށް ނޮޅިވަރަންފަރު ކައުންސިލް ކައުންސިލުން ހިއްސާކޮށްފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ނޮޅިވަރަންފަރު ކައުންސިލުން ފާހަގަކުރެއްވި ކަންކަން
- އެރަށުގައި އަލަށް ހަދާފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާ ކަރަންޓް އަދި ނަރުދަމާގެ ޚިދުމަތުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް،
- އެރަށު ފުޓްބޯޅަ އަދި ފުޓުސަލް ދަނޑު ރަނގަޅުފެންވަރަކަށް ހެދުން،
- އެރަށުގައި ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދެއްވުން،
- އެރަށުގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވުން،
- ސުކޫލުގެ އާ އިމާރާތުގެ މަޝްރޫޢު ވީ އެންމެ އަވަހަކަށް ފަށައިދިނުން،
- މިހާރު ހުރި ޕޮލިސް ސްޓޭޝަން އެހެން އިމާރާތަކަށް ބަދަލުކޮށްދިނުން،
- އޭ.ޓީ.އެމްގެ ޚިދުމަތް ލިބޭނެގޮތް ހަދައިދިނުން
- ރަށުގެ ބަނދަރުގެ ނެރު ފުންކުރުން
- ރަށުގައި ކުނި މެނޭޖުކުރާނެ ގޮތެއްނެތުމުން ކުރިމަތިވާ ގޮންޖެހުންތައް
- ސިއްޙީ މަރުކަޒް ޚިދުމަތްތައް ރަނގަޅުކުރުމާއި ބޭސްލިބުމުގައި ކުރިމަތިވާ ދަތިތައް
ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރައްވައި ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަން ވަނީ ފާހަގަކުރައްވާފައެވެ.
ތަރައްޤީގެ ހުރިހާކަމެއްވެސް ސަރުކާރާ ރައީސް މުޢިއްޒު ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށާއި، ނޮޅިވަރަންފަރު ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ނައިބު ރައީސް ދެއްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!