މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގެ ވޯޓުގެ ނަތީޖާއަކީ ރައީސް މުޢިއްޒުގެ ތާއީދު ރައްޔިތުންގެތެރޭގައި ފަތުއަޑުކިޔާފައި އިތުރުވަމުން ދާކަމުގެ ސާފު ހެއްކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ޕީއެންސީން ވާދަކުރި ހަ ގޮނޑި ތެރެއިން ފަސް ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.

މި ކާމިޔާބީއާއި ގުޅިގެން ރައީސް މުޢިއްޒަށާއި، ކާމިޔާބު ހޯދި ކެންޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެ، އަދުރޭ ވަނީ ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރަށްވާފައެެވެ.

''ރައީސް ޑރ. މުޢިއްޒުގެ ތާއީދު ފަތުއަޑުކިޔާފައި ރައްޔިތުންގެތެރޭގައި އިތުރުވަމުން ދާކަމުގެ ސާފު ހެކި ވޯޓުން މިއަދުވެސް ދައްކައިދީފި'' އަބުދުއްރަހީމް ވިދާޅުވެފަވެއެވެ.

އަބުދުއްރަހީމް ވަނީ މި ގޮނޑިތައް ސަރުކާރަށް ކާމިޔާބު ކުރުމަށް ކެމްޕެއިނަށް ވަޑައިގެން ވަރަށް ބުރަކޮށް މަސައްކަތް ވެސް ކުރަށްވާފައެވެ.

މިއަދުގެ ބައި-އިލެކްޝަންގައި ޕީއެންސީން ކާމިޔާބު ކުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި އާއި، މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ، ހުޅުމާލެ ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ އަދި ފ. ބިލެތްދޫ ކައުންސިލް ރައީސްގެ ގޮނޑިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ އިބްރާޙީމް މުޙައްމަދެވެ. އަދި ފ. ބިލެތްދޫ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކުރީ އަރީހް އިސްމާއީލް އެވެ. މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ ފާތިމަތު ސައުފާ ސަލީމް އެވެ. މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ ފާތިމަތު އިޝާން ޢަލީ އެވެ. އަދި ހުޅުމާލެ ދާއިރާ ގޮނޑި ކާމިޔާބު ކުރީ ޢަލީ އައިމަން އެވެ.

ޕީއެންސީ އަށް ކާމިޔާބު ނުވީ ހަމައެކަނި ރ. ރަސްމާދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑިއެވެ.

މި ސަރުކާރު އައި ފަހުން ބޭއްވި ބައި-އިލެކްޝަންތަކުގައި ސަރުކާރުން އަންނަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.