މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އާލާސްކަންފުޅާ އުޅުއްވާތީ، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވެސް ހާޒިރުވެވަޑައިގެންނެވޭ ގޮތެއް ނުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރު ހާޝިމް ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، އޭނާ އެންމެ ފުރަތަމަ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމަށް އެންގެވީ މިދިޔަ ހަފްތާގައެވެ. އެކަމަކު، އެ ބައްދަލުވުން ކުއްލި ގޮތަކަށް ފަސް ކުރީ، ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެޖެންޑާ ބަދަލު ކުރެއްވުމުންނެވެ.

Ad
rt

އޭގެ ފަހުން، ހާޝިމް އަށް ދައުވަތު ދީ، ކޮމިޓީ ބައްދަލުވުމަކަށް ގޮވާލީ އިއްޔެއެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އެ ބައްދަލުވުމަށް ހާޝިމް ވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެން، ލިޔުމަކުން ކޮމިޓީ އަށް ޖަވާބު ދެއްވިއެވެ. އެއަށް ފަހު، މިއަދު ވެސް ކޮމިޓީ ބައްދަލުވުމެއް ތާވަލްކޮށް ހާޝިމް އެ ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމަށް އެންގުމުން އޭނާ މިފަހަރު ވެސް އެންގެވީ އާލާސްކަންފުޅާ އުޅުއްވާތީ ކޮމިޓީ އަށް ހާޒިރުވެވަޑައިގެންނެެވެން ނެތް ކަމަށެވެ.

ކޮމެޓީގެ މުގައްރިރު ގާސިމް ވިދާޅުވީ ކޮމެޓީއަށް ހާޒިރުވުމަށް އަދި އެއް ފުރުސަތު ގަވަރުނަަރަށް ދޭން ޖެހޭ ކަމަށެވެ. އަދި ހާޝިމް ވަޑައިނުގެންފި ނަމަ، ރިޕޯޓުގެ މައްޗަށް ބަލާފައި ކޮމިޓީން ގޮތެއް ނިންމަން ފެނިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެންވެ ކޮމިޓީން ފާސް ކުރީ މާދަމާ 11:00 ގައި ހާޝިމް ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމަށް އެންގުމަށެވެ.

އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން އެ އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ހާޝީމް މަޖިލިހުގެ ކޮމިޓީއަށް ހާޒިރު ކުރާއިރު، ހާޝިމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ވަނީ ފަށައިފައެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.

ނާޒިމް ވަނީ ގައުމުގެ އިގްތިސޯދު ހީނަރުވެ، އަލުން އަނބުރާ އިޔާދަ ކުރަން އުނދަގޫ ހިސާބަކަށް ގައުމުގެ އިގްތިސޯދު ނިކަމެތިވެގެން ދިޔައިރު، އެމްއެމްއޭގެ ގާނޫނުގައި ބަޔާން ކުރާ މަގްސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެމްއެމްއޭގެ މައިގަނޑު އެއް އަސާސްކަމުގައިވާ މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުންދާކަން ފެންނަމުން ނުދާ ކަމަަށް ނާޒިމް ވިދާޅުވެފައި ވެއެވެ.

އެގޮތުން ރާއްޖޭގައި ހިންގާ ބޭންކްތަކާއި ފައިނޭންޝިއަލް އިންސްޓިއުޓްތަކުން އާއްމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮަށް ހިފަހައްޓާ، ބެންކްތަކުގެ ރިޒާވް، އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ބާރު އަޅުއްވާފައިވާ ކަމަށް ނާޒިމް ވިދާޅުވެފައި ވެއެވެ. ނާޒިމް ވިދާޅުވީ މިގޮތަށް އަމަލު ކުރުމުގެ ސަބަބުން އިގްތިސޯދު ތެރޭގައި ދައުރުވަމުންދާ ފައިސާ މަދުވެ، އިގްތިސޯދީ މަސައްކަތްތައް ހުއްޓި، ގައުމުގެ އިގްތިސޯދުގެ ދުވެލި މަޑުޖެހިފައިވާ ކަމަށެވެ.