ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އިތުރުވަމުންދާތީ މަޖިލިހުގެ މެމްބަރުންގެ ހިޔާލު ހުރި ގޮތް ހޯދުމަށް މަޖިލިހަށް ހުށަހެޅި ގަރާރު ދިރާސާ ކުރުމަށް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ.
މި ގަރާރު މަޖިލިހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ. އެ ގަރާރު ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމުން 78 މެމްބަރުންގެ އިއްތިފާގުން އެ ގަރާރު ބަލައިގެންފައިވެއެވެ. އެހެންވެ ރިޔާސަތުން ނިންމީ އެ ގަރާރު ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވުމަށެވެ.
ގަރާރުގައި ބުނެފައިވާ ގޮތުގައި 17 ވަނަ މަޖިލިހުން ފެށިގެން ރާއްޖޭގައި އިންތިހާބު ކުރެވުނު މަޖިލިސްތަކުގައި މެމްބަރުންގެ އަދަދު އަންނަނީ ކޮންމެ ފަސް އަހަރަކުން ދާއިރާތަކުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތަކުން އިތުރުވަމުން ކަމަށެވެ. މިއީ އޮގަސްޓް 7، 2008 ގެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާ އަދި 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ވުޖޫދުކޮށްފައިވާ ގާނޫނާ އެއްގޮތަށް ކުރިއަށްދާ އުސޫލެއް ކަމަށް ގަރާރުގައިވެއެވެ.
ނަމަވެސް މެމްބަރުންގެ އަދަދު ވަކި އަދަދެއްގައި ހިފެހެއްޓުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އެ ގަރާރުގައިވެއެވެ.
ގަރާރުގައި ބުނީ މެމްބަރުން އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު، ދުނިޔޭގެ ނިސްބަތުން ވެސް ދިވެހި ގައުމުގެ އާބާދީ އާ އަޅާބަލާއިރު، ރާއްޖޭގެ މަޖިލިހަށް އިންތިހާބު ކުރަން ޖެހޭ މެމްބަރުންގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ގާނޫނު ހަދާ މަޖިލިހަށް ކޮންމެ ފަސް އަހަރަކުން މެމްބަރުން އިތުރުވަމުންދާ ދިއުމަށް މަޖިލިހުން ހައްލެއް ހޯދަން ޖެހޭ ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.
މިދިޔަ ހަތަރު ދައުރަށް ބަލާއިރު 17 ވަނަ މަޖިލިހުގައި 77 މެމްބަރުން، 18 ވަނަ މަޖިލީހުގައި 85 މެމްބަރުން ތިއްބެވި އިރު، 19 ވަނަ މަޖިލިހުގައި 87 މެމްބަރުން ތިއްބެވިއެވެ. އަދި މިހާރު ހިނގަމުން އަންނަ 20 ވަނަ މަޖިލިހުގައި 93 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. އެހެންކަމުން މިއީ 16 މެމްބަރުންގެ އިތުރުވުމެކެވެ.
މި ގަރާރަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ މެމްބަރުންގެ އަދަދު ހިފަހައްޓަން ޖެހޭ ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެކަމަކު، އެކަން ކުރުމުގައި ހިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. ބައެއް މެމްބަރުން ވިދާޅުވެފައިވަނީ ގާނޫނުއަސާސީގައި 5،000 މީހަކަށް މެންބަރެއް ކަނޑައަޅަން ޖެހޭ ގޮތަށް އޮތް އޮތުން 10،000 އަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ. އެކަމަކު، އެހެން މެމްބަރުން ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކޮށް ދާއިރާތަކަކީ ކޮބައިކަން ކަނޑައަޅައި މަޖިލީހުގައި ތިއްބަވާނެ މެންބަރުންގެ ސީދާ އަދަދެއް ހިމެނުމަށެވެ.
ގާނޫނުއަސާސީގައި މިހާރު ބުނާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެއެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!