ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) މާދަމާ ރޭ (ހޮނިހިރު ދުވަހުގެ ރޭ) ހުޅުވާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީން ބުނީ ނި ޖަގަހަ ހަދާފައި ވަނީ މާލޭގެ، ހ.ވެޔޮވިލާ ގައި ކަމަށެވެ. އެއީ ކުރިން އެމްޑީޕީ އަދި ޑިމޮކްރެޓްސް ޖަގަހަ ހިންގި އިމާރާތެވެ.

Ad
rt

މި ޖަގަހަ ހުޅުވުމަށް ބާއްވާ ރަސްމިއްޔާތު ފެށޭނީ ހޮނިހިރު ދުވަހުގެރޭ 20:30 ގައި ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ޕީއެންސީން ބުނިގޮތުގައި މި ޖަގަހަ ހުޅުއްވައި ދެއްވާނީ އެ ޕާޓީގެ ރައީސް، ދިވެހިރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކަމަށެވެ.

މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޕީއެންސީގެ މެމްބަރުން އަދި އެންމެހާ ދިވެހިރައްޔިތުންނަށް ދަޢުވަތު އަރުވާކަމަށް އެ ޕާޓީން ބުނެއެވެ.

ޕީއެންސީ އަކީ 31 ޖެނުއަރީ 2019 ގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީ އެކެވެ. މި ޕާޓީން ކުރިން ޖަގަހަ ހިންގަމުން އައީ އެ ޕާޓީ ހިމެނޭ އިއްތިހާދުގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޖަގަހައާ އެއް ޖަހަގައެއްގެ ގޮތުގައެވެ.

މިވަގުތު އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ދަފުތަރުކުރެވިފައިވާ ޕީއެންސީގެ މެންބަރުންގެ އަދަދަކީ 27،704 މެންބަރުންނެވެ. އަދި ޕީޕީއެމްގަައި ތިބީ 35044 މެންބަރުންނެވެ.