ކުޅުދުއްފުށީގެ އީދު ކުޅިވަރަށް މިއަހަރު ވެސް ބޮޑު ސަމާލުކަމެއް

ކުޅުދުއްފުށީ މަށިމާލި ޕެރޭޑު، ފޮޓޯ: ސިޓީ ކައުންސިލް
ކުޅުދުއްފުށީ މަށިމާލި ޕެރޭޑު، ފޮޓޯ: ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީގައި ކުލަ ގަދަކޮށް މިއަހަރު ވެސް ބޮޑު އީދު ފާހަގަކޮށްފައިވާއިރު މި އަހަރުގެ ކުޅިވަރުތަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މިއަހަރުގެ ޢީދު ވެސް ކުލަގަދަކޮށް އެ ސިޓީގައި ފާހަގަކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. މިގޮތުން ގިނަ ކުޅިވަރުތަކެއް އެ ސިޓީގައި ވަނީ ބާއްވާފައެވެ.

ބޮޑު ޢީދަށް އެ ސިޓީ ތައްޔާރުކޮށް ކުލަ ބޮކިތަކުން ދިއްލާލާފައިވާއިރު، އެ ސިޓީ ފެންނާން އޮތީ ވަރަށް ވެސް ހިތްގައިމުކޮށެވެ. މިގޮތުން މުޅި ސިޓީހެން ލައިޓްތަކާއި ގިޑިގެތަކުން ޒީނަތްތެރިކޮށްފަވެއެވެ.

ބޮޑު އީދަށް ކުޅުދުއްފުށި ދިއްލާލާފައި، ފޮޓޯ: ސިޓީ ކައުންސިލް

ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ އީދު ކަވަރޭޖު ވެސް ފުޅާކޮށްފައެވެ. މިގޮތުން ސަންގު ޓީވީ މެދުވެރިކޮށް އެ ސިޓީގެ ޢީދު ހަރަކާތްތައް ލައިވްކޮށް ގެނެސްދީފަވެއެވެ.

ބަންދު ދުއްވުން، ފޮޓޯ: ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީގައި ގިނަ އީދު ކުޅިވަރުތަކެއް ކުޅެމުން އަންނައިރު، އޭގެތެރެއިން ހޮނިހިރު ދުވަހު ރޭ ވަނީ ''ކުރުނބާ ޢީދު'' ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އަދި ހަމައެރޭ އީދު މާލި (ދައްސޫރަ) ކުޅިވަރު ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކުޅުދުއްފުށީގައި އޮނު ބަޑިޖެހުން، ފޮޓޯ: ސިޓީ ކައުންސިލް

އެ ސިޓީގައި އީދު ދުވަހު ހެނދުނު ރަށްމަތިފަންނުގައި ވަނީ އޮނުބަޑިޖެހުން ކުރިއަށް ގެންގޮސްފައެވެ. އަދި އެ ދުވަހު ހަވީރު ވަނީ ބަންދު ދުވުމާއި، ރާނީ ހިނގުން ކުރިއަށް ގެންގޮސްފައެވެ.

ރާނީ ހިނގުން، ފޮޓޯ: ސިޓީ ކައުންސިލް

އެ ސިޓީގައި ހަވާ އެރުވުން އޮތީ ރެއެވެ. މީގެ އިތުރުން ދަފި ނެގުމުގެ ހަރަކާތްތަކާއި، އެންމެ މޮޅު އީދުގެ ހޮވުމާއި، އަންހެނުން ކުރުފަލިޖެހުމާއި، އަންހެނުންގެ ކޯޑި ނެރުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަންހެނުން ކުރުފަލިޖެހުން، ފޮޓޯ: ސިޓީ ކައުންސިލް

މީގެ އިތުރުން ބޮޑުފައިވާން ހިނގުމާއި، ފޮޓާ އުފާ ނަމުގައި ވެލިގަނޑު ސްޓޭޖް ސަރަހައްދުގައި ސޯވތައް ބޭއްވުންފަދަ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަންހެނުންގެ ކޯޑި ނެރުން، ފޮޓޯ: ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ ކުޅިވަރުތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް މި އަހަރު ވެސް ލިބިފައި ވަނީ މަށިމާލި ޕެރޭޑަށެވެ.

މަށިމާލި ޕެރޭޑު، ފޮޓޯ: ސިޓީ ކައުންސިލް

އެ ހަރަކާތް އޮތީ އިއްޔެ ހަވީރު އެވެ. ކުޅުދުއްފުށީ މަށި މާލި ޕެރޭޑްތައް ކުރިއަށް ގެންދަނީ އެ ދުވަސްވަރެއްގައި ރާއްޖެއާއި ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި އެންމެ ހިނގާ ކަންކަމުގެ މައްޗަށް ތައްޔާރުކުރާ ކެރެކްޓާތަކާއި މެސެޖުތަކާއެކުގައެވެ.

މަށިމާލި ޕެރޭޑު، ފޮޓޯ: ސިޓީ ކައުންސިލް

މި ޕެރޭޑްގައި އެއިރެއްގައި އޮންނަ ސަރުކާރަކުން އެ ސިޓީ އަށާއި، ޤައުމަށް ވެފައިވާ ބައެއް ވަޢުދުތަކާގުޅޭ ދައްކާލުން ވެސް ކުރިއަށް ގެންދެއެވެ.

ކުޅުދުއްފުށީ މަށިމާލި ޕެރޭޑުގެ ފޮޓޯތައް ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑަށް މީސްމީޑިއާގައި ވައިރަލްވެއެވެ. މިގޮތުން މި އަހަރުގެ ފޮޓޯތައް ވެސް ވަނީ މުޅި މީސްމީޑިއާ ފުރާލާފައެވެ.

މަށިމާލި ޕެރޭޑު، ފޮޓޯ: ސިޓީ ކައުންސިލް

ކުޅުދުއްފުށީ ޢީދު އުފާ އަދި ނުނިމެއެވެ. މިއަދު ވެސް ފިރިހެނުންގެ ކޯޑި ނެރުން ހަރަކާތް ކުރިއަށްދާއިރު، ބޮޑު ފައިވާން ހިނގުން ހަރަކާތް އޮންނާނީ މިއަދު ހަވީރު 16:00 ގައެވެ. މީގެ އިތުރުންމިރޭ ވެސް ''ފޮޓާ އުފާ'' އީދު ޝޯވ އޮންނާނެއެވެ. މިރޭގެ ކުރިއަށް ގެންދަނީ ސަލަބީ އާއި ސައިނާ އަދި ދަ އައިޓަމް އާއި އެކުގައެވެ.

މަށިމާލި ޕެރޭޑު، ފޮޓޯ: ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީގައި އީދު ފާހަގަކޮށްފައި ވަނީ ވަރަށް ފޯރީގައި، އެ ސިޓީގެ ރައްޔިތުންގެ އެކުވެރިކަން އާލާކޮށް، އެއްބައިވަންތަ ބަޔެއްކަން ދައްކައިދެމުންނެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި