ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް އޮލިވަ ޖިރޫޑް، އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށާއި އާސެނަލްއަށް ވެސް ކުޅުނު އުމުރުން 37 އަހަރުގެ ޖިރޫޑް ފްރާންސުން ޔޫރޯއަށް ނެގި ސްކޮޑުގައި ހިމަނާފައިވާއިރު، އޭނާއަކީ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ ފްރާންސަށް ކުޅެދިން 131 މެޗުގައި 57 ލަނޑު ޖަހާފައެވެ. ފްރާންސް ޓީމާއިއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ވެސް އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.

Ad
rt

ޖިރޫޑް މިހާރު ކުޅެމުން އަންނަނީ އިޓަލީގެ އޭސީ މިލާނަށެވެ. އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، ސީޒަންގެ ފަހު މެޗުގައި މިލާން ނުކުންނާނީ, ލީގުގެ ތާވަލުގެ ފުލުގައި އޮތް ސަލެނިޓާނާއާއި ދެކޮޅަށެވެ. ރިޕޯޓްތައް ބުނާގޮތުން މި ސީޒަނަށް ފަހު އޭނާ ދެން ބަދަލުވާނީ އެމެރިކަން މޭޖަ ސޮކަ ލީގުގެ ލޮސް އެންޖަލިސްއަށެވެ.

2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ފްރާންސް ޓީމުގައި ހިމެނިގެން ޖިރޫޑް ވަނީ ކުޅެފައެވެ. އެ މުބާރާތުގައި އޭނާ ވަނީ ހަތަރު ލަނޑު ޖަހާފައެވެ. ކުއާޓާ ފައިނަލުގައި ފްރާންސް އިންގްލެންޑް އަތުން މޮޅުވީ ފަހުވަގުތު އޭނާ ޖެހި ލަނޑުންނެވެ. މުބާރާތުގެ ފައިނަލުގައި އާޖެންޓީނާއާއި ދެކޮޅަށް ކުޅެ ފްރާންސް ބަލިވީޕ ޕެނަލްޓީ ޖަހައިގެންނެވެ.

ޖިރޫޑް ފުރަތަމަ ފްރާންސްގެ ސީނިއާ ޓީމަށް ކުޅުނީ 2011 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރަކީ 25 އަހަރެވެ.