އޭއެފްސީ އޭޝިއަން ކަޕް 2027 ބާއްވާ ތާރީޚަށް ގެނައި ބަދަލުތަކާ ގުޅިގެން، ކުރިއަށް އޮތް ހަފުތާގައި ކުޅުމަށް ހަމަޖެހިފައި އޮތް ސައުދީ ޕްރޯ ލީގުގެ މެޗުތައް ފަސްކޮށްފިއެވެ. ސައުދީ އަރަބިއްޔާގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ ލީގުގެ މެޗުތައް ފަސްކުރިކަން އެ އިދާރާއިން ވަނީ އަންގާރަ ދުވަހު ހާމަކޮށްފައެވެ.

މެޗުތައް ފަސްކުރަން ނިންމިކަން ސައުދީ ޕްރޯ ލީގުން އިއުލާނުކުރީ އެ ހަފުތާގެ މެޗުތައް ފެށުމަށް ދެ ދުވަހަށް ވެފައި ވަނިކޮށެވެ. މިއީ 2026-27 ވަނަ އަހަރުގެ ސީޒަނުގެ ތާވަލު އަލުން މުރާޖައާކުރުމުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

Ad
rt

ސައުދީ ޕްރޯ ލީގުން ނެރުނު ބަޔާނެއްގައި ބުނީ، މި ނިންމުމަކީ 2026-27 ގެ ލީގު ތާވަލު މުރާޖައާކުރުމުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށާއި، އޭޝިއަން ކަޕް ބާއްވާ ތާރީޚަށް ގެނައި ބަދަލުގެ ސަބަބުން އެ ގައުމުގެ ޑޮމެސްޓިކް ފުޓްބޯޅަ ކަލަންޑަރަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި ލީގުގެ 13 ވަނަ މެޗުވީކްގެ އައު ތާރީޚުތައް، ތާވަލު މުރާޖައާކޮށް ނިމުމުން އިއުލާނުކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ފަހަކަށް އައިސް ދިން ހަމަލާތަކާ ގުޅިގެން، އަންނަ އަހަރުގެ ޑިސެމްބަރު މަހަށް އޭޝިއަން ކަޕް ފަސްކުރިކަން އިއުލާނުކުރީ އަންގާރަ ދުވަހުގެ ކުރީކޮޅުގައެވެ. ޖުމްލަ 24 ޓީމު ވާދަކުރާ ބައްރުގެ މި ބޮޑު މުބާރާތް ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ ޖެނުއަރީ 7 އިން ފެބްރުއަރީ 5 އަށެވެ. ނަމަވެސް، މިހާރު ހަމަޖެހިފައިވާ ގޮތުން މި މުބާރާތް ކުރިއަށްދާނީ 2027 ވަނަ އަހަރުގެ ޑިސެމްބަރު 23 އިން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ 21 ގެ ނިޔަލަށެވެ.

އޭޝިއާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމާފައިވަނީ، އޭއެފްސީ އޭޝިއަން ކަޕް ސައުދީ އަރަބިއާ 2027 ގެ ލޯކަލް އޮގަނައިޒިން ކޮމިޓީ އަދި ސައުދީ އަރަބިއަން ފުޓްބޯލް ފެޑެރޭޝަނާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހުގައެވެ.

މި މުބާރާތް ފަސްކުރަން ޖެހުނީ ސައުދީ އަރަބިއްޔާގެ ސަލާމަތީ މަސްރަޙަށް އައި ބަދަލުތަކާ ގުޅިގެންނެވެ. އެގޮތުން ވޭތުވެދިޔަ މަހު ރިޔާޒުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ދިން ހަމަލާއެއްގައި މަދުވެގެން 13 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވިއެވެ. ވޭތުވެދިޔަ 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތެރޭގައި ސައުދީއަށް ދިން އެންމެ ނުރައްކާތެރި މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ ޔަމަނުގެ ހޫޘީންނެވެ. އަދި އޭގެ އެއް ހަފުތާ ތެރޭގައި އެ އެއާޕޯޓަށް ދިން އިތުރު ހަމަލާތަކެއްގައި ވެސް މަދުވެގެން ފަސް މީހަކު ވަނީ މަރުވެފައެވެ.

މި ސީޒަނުގައި ލޮޖިސްޓިކް ސަބަބުތަކާ ހުރެ ސައުދީ ޕްރޯ ލީގުގެ ބައެއް މެޗުތައް މީގެ ކުރިން ވެސް ވަނީ ފަސްކޮށްފައެވެ. އަދި މިދިޔަ މަހު ރިޔާޒުގައި އަލް ނަސްރާއި ޔޫއޭއީގެ އަލް ވަސްލް ބައްދަލުކުރަން އޮތް އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗު ވެސް ވަނީ މިސައިލް ހަމަލާއެއްގެ ބިރު އޮތުމުން ފަސްކޮށްފައެވެ. އެ މެޗު ފެށުން ފަސްކުރީ މެޗު ފެށެން 15 މިނެޓަށް ވެފައި ވަނިކޮށް، ސައުދީ އަރަބިއްޔާގެ ސިވިލް ޑިފެންސުން ސަލާމަތީ އިންޒާރެއް ނެރުމާ ގުޅިގެންނެވެ.