ދުނިޔޭގެ ފުޓުބޯޅައިގެ ތާރީޚުގައި ފެނިގެންދިޔެ އެންމެ މަޝްހޫރު ބައިނަލްއަގްވާމީ އެއް ކެރިއަރު ނިންމަވާލައްވައި، ޕޯޗުގަލް ގައުމީ ޓީމަށް ކުޅުން ހުއްޓާލައްވާކަން ކްރިސްޓނޯ ރޮނާލްޑޯ އިއުލާންކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއަކާއެކު އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ ގައުމީ ޓީމުގެ 7 ނަންބަރު ޖާޒީ އަނބުރާ ރައްދުކުރާނެކަން ހާމަކޮށްފައެވެ.

Ad
rt

މި ނިންމުމަކީ ފަސޭހައިން ނިންމުނު ނިންމުމެއް ނޫން ކަމަށާއި، ބައެއް ނިންމުންތަކަކީ ހަމައެކަނި ސިކުނޑިން ނނުން ނިންމުންތަކެއް ނޫން ކަމަށް ރޮނާލްޑޯ ބުންޏެވެ.

"އެއީ ހިތުން ވެސް ނިންމާ ނިންމުންތައް،" ރޮނާލްޑޯގެ ވާހަކައިގައި ފާހަގަކުރިއެވެ. އަދި އޭނާގެ ފަރާތުން ކޮންމެވެސް ވަރަކަށް އުފާވެރިކަމެއް ލިބުނުނަމަ، ނުވަތަ ލަނޑަކުން އުފާފާޅުކޮށް ކަންބޮޑުވުމެއް ފިލައިގެންދިޔަ ނަމަ އެކަންކަން ވެގެންދިޔައީ އަގުހުރި ކަންތައްތަކަކަށް ކަމަށް އޭނާ ބުންޏެވެ.

މި ދިގު ކެރިއަރު ނިންމާލަވަމުން ރޮނާލްޑޯ ވަނީ އާއިލާއަށާއި، ޕޯޗުގަލްގެ ރައްޔިތުންނަށް، އަދި 23 އަހަރުގެ މި ދަތުރުގައި އެކުގައި މަސައްކަތްކުރެއްވި ކުޅުންތެރިންނާއި ކޯޗުންނާއި އޮފިޝަލުންނަށް ޝުކުރު އަދާކޮށްފައެވެ.

"ޕޯޗުގަލްއަކީ އަބަދުވެސް އަހެންގެ ގައިގެ އެއްބައި،" އިއުލާންކުރި ވީޑިއޯގެ ކެޕްޝަންގައި ރޮނާލްޑޯ ލިޔެފައިވެއެވެ.

ޕޯޗުގަލްގެ ގައުމީ ޓީމަށް 234 މެ ކުޅެދީ، 146 ލަނޑު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯއަކީ ބައިނަލްއަގްވާމީ މެޗްތަކުގައި ޕޯޗްގަލް އަށް އެންމެ ގިނަ މެޗް ކުޅެދީ އަދި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު އޮތް ކުޅުންތެރިޔާއެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތާއި، 2019 އަދި 2025 ވަނަ އަހަރުގެ ނޭޝަންސް ލީގު ޕޯޗުގަލްއިން ކާމިޔާބުކޮށްފައިވެއެވެ.

ގައުމީ ޓީމާ ވަކިވާން ޖެހުނީ ޓީމުގެ ކޯޗު ޖޯޖް ޖީސަސްއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދި، ސެޕްޓެމްބަރު 24 ވަނަ ދުވަހު ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ތަމްރީނު ކޭމްޕު ދޫކޮށް ދިއުމާ ގުޅިގެންނެވެ. އެއަށްފަހު އޮތް މެޗުގައި ޖީސަސް އޭނާ ބެންޗުގައި ބޭއްވުމުގެ އިތުރުން ކުރިއަށް އޮތް މެޗުގައި ފުރަތަމަ 11 ގައި ހިމަނަން ރާވާފައިނުވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ފަހުން ޖީސަސް ބުނެފައިވަނީ ރޮނާލްޑޯއަށް އަލުން ޓީމަށް އައުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ.

ރޮނާލްޑޯގެ ހިދުމަތް ފާހަގަކޮށް ޕޯޗުގަލްގެ ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ އޭނާއަށް "ފުން ޝުކުރާއި ބޮޑު ލޯތްބެއް" ފާޅުކޮށްފައެވެ.

"ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ނަން އުފުލައިދީ، ގިނަ ޒުވާން ޖީލުތަކަކަށް ހިތްވަރު ލިބިދީފައި،" ފެޑެރޭޝަނުން ބުންޏެވެ. އަދި އޭނާގެ އަގު ވަޒަންކުރުމުގެ ގޮތުން ހާއްސަ އިވެންޓެއް ބޭއްވުމަށް ރާވާފައިވާ ކަމަށް ވެސް ބުންޏެވެ.

ކުލަބު ފުޓުބޯޅައިގައި ރޮނާލްޑޯ ކުރިއަށް އޮތް ތަނުގައިވެސް ކުޅުން ކުރިއަށް ގެންދާނެ ކަމަށް ލަފާކުރެވެއެވެ. ސައުދީ އަރަބިއްޔާގެ އަލް ނަސްރު ކުލަބާއެކު މި ސީޒަނުގެ ނިޔަލަށް ކުލަބު ކެރިއަރު ނިންމާލާނެ ކަމަށް ބެލެވޭއިރު، އޭނާ މިހާރު އަންނަނީ ކެރިއަރުގެ 1000 ވަނަ ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުންނެވެ. މިހާތަނަށް އޭނާ ވަނީ 985 ލަނޑު ކާމިޔާބުކޮށްފައެވެ.