ފަތުރުވެރިކަމަށް ހަނިމާދޫއިން 10000 އަކަފޫޓުގެ 4 ބިން ދޫކުރަނީ

ފޮޓޯ: އިނާޝް
ފޮޓޯ: އިނާޝް

ހދ. ހަނިމާދޫގައި ލޯކަލް ޓްއަރިޒަމް އިތުރަށް ފުޅާކުރުމުގެ ގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހަނިމާދޫއިން ދޫކުރަން ނިންމާފައި ވަނީ 10000 (ދިހަހާސް) އަކަފޫޓުގެ 4 ބިމެކެވެ. މި ބިންތައް ދޫކުރަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. މި ބިންތަކުގެ ސްކޭލަކީ ދިގުމިނުގައި 125 ފޫޓް އަދި ފުޅާމިނުގައި 80 ފޫޓެވެ. މި ބިންތައް ދޫކުރަން ނިންމާފައި ވަނީ މިހާރު އެ ރަށުގެ އުތުރު ކޮޅުގައި ހިންގަމުން އަންނަ ސިޓީ ހޮޓަލުގެ އުތުރުންނެވެ. މިއީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހާއްސަކޮށްފައިވާ ސަރަހައްދެކެވެ.

މި ބިންތަކަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މެއި މަހުގެ 19 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީ ވާންޖެހއެވެ. ރަޖިސްޓަރީ ފީއެއްގެ ގޮތުގައި 2000 (ދެހާސް) ރުފިޔާ ދައްކަން ޖެހެއެވެ. ބިޑްގައި ރަޖިސްޓަރީވާ ފަރާތްތަކަށް ކައުންސިލުން ބިޑްފޮތް ފޯރުކޮށްދޭނެއެވެ.

ބީލަން ހުށަހެޅުމަށާއި ބީލަންތައް ހުޅުވުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މެއި މަހުގެ 19 ވަނަ ދުވަހު 13:00 ގައި ހަނިމާދޫ ކައުންސިލް ޖަލްސާކުރާ މާލަމުގައި ނުވަތަ އެ ކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ.

ހަނިމާދޫ ކައުންސިލުން ވަނީ މީގެ ތިންދުވަސް ކުރިން އެ ރަށު ޓްއަރިޒަމް ޒޯނުން 5000 (ފަސްހާސް) އަކަފޫޓުގެ 14 ބިމެއް، ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައެވެ. އެ 14 ބިމުގެ ތެރެއިން އަށް ބިމެއް ދޫކުރަން ނިންމާފައި ވަނީ އެ ރަށުގެ އުތުރުކޮޅުގައި މިހާރު ހިންގަމުން އަންނަ ސިޓީ ހޮޓަލުގެ އުތުރުން ހުސްކޮށް އޮތް ސަރަހައްދުންނެވެ. ރަށުގެ ދެކުނު ފަރާތުން ދޫކުރުމަށް ހަމަޖެހިފައިވާ ހަ ބިން ދޫކުރަން ނިންމާފައި ވަނީ ހަނިހޭޅި ބާބެކިއު އޭރިއާގެ އުތުރުން ހުސްކޮށް އޮތް ސަރަހައްދުންނެވެ.

ހަނިމާދޫ އިންޓަނޭނަލް އެއާޕޯޓް ބޮޑު ކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިގެން ބާރަށް ކުރިއަށް ދާއިރު، އެއާޕޯޓް ނިމި ސީދާ ބޭރުގެ ގައުމުތަކަށް ހަނިމާދޫއިން ދަތުރުކުރެވެން ފެށުމުން އެ ރަށުގެ ޓޫރިޒަމް ވިޔަފާރިއަށް ފަސޭހަ ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މަޝްރޫޢުއާއި ގުޅިގެން ހަނިމާދޫގެ ބިމުގެ ޑިމާންޑް މިހާރު ވެސް ވަނީ މައްޗަށް ދާން ފަށާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި