ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މަސްޖިދުލް އީސާކަލޭފާނުގައި އެސީ ހަރުކޮށް، އިއާދަކުރަނިވި ހަކަތައިން ބޭނުންކުރާ މިސްކިތަކަށް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
މި ޕްރޮޖެކްޓްގެ ދަށުން އެ މިސްކިތުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކުރަނީ، އެ ރަށު ކައުންސިލުން އިސްނަގައިގެންނެވެ. މިގޮތުން އެ މިސްކިތުގައި 24000 (ސައުވީސް ހާސް) ބީޓީޔޫގެ 12 އޭސީ ހަރުކުރުމަށް ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ. އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އިއުލާން ވެސް ކޮށްފައެވެ.
އެ މިސްކިތް އިއާދަ ކުރަނިވި ހަކަތައިން ބޭނުންކުރާ މިސްކިތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ، ކުރިނބީ ޔޫތު މޫވްމެންޓުން އިސްނަގައިގެންނެވެ. މި ގޮތުން އެ ޕްރޮޖެކްޓަށް 248400 (ދެލައްކަ ސާޅީސްއަށްހާސް ހަތަރުސަތޭކަ) ރުފިޔާ ހަރަދުވާނެތީ، އެ ފަންޑަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު އެ ޖަމިއްޔާއިން ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
އެ ޖަމިއްޔާއިން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މިހާތަނަށް އެ ފަންޑަށް ވަނީ 87328.98 (އައްޑިހަ ހަތްހާސް ތިންސަތޭކަ އަށާވީސް ރުފިޔާ ނުވަދިހަ އަށްލާރި) ލިބިފައެވެ. އެއީ މުޅި ޕްރިޖެކްޓްގެ 35 އިންސައްތައެވެ.
މީގެ އިތުރުން އެ ޖަމިއްޔާއިން ވަނީ މި ޕްރޮޖެކްޓަށް 24000 ބީޓީޔޫގެ ދެ އެއާކަންޑިޝަން ވެސް ކައުންސިލަށް ހަދިޔާ ކޮށްފައެވެ.
ކުރިނބީ ޔޫތޫ މޫވްމެންޓަކީ 2019 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި، އެ ރަށުގެ ކުރިއެރުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.
ކުރިނބީ ބޮޑުމިސްކިތް އިއާދަކުރަނިވި ހަކަތައިން ބޭނުންކުރާ މިސްކިތަކަށް ހެދުމަށް ހިންގާ، މި ޕްރިޖެކްޓަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓް ނަމްބަރަށް ފައިސާ ޓްރާންސްފާ ކުރެއްވުމަށް އެ ޖަމިއްޔާއިން އެދެއެވެ.
އެކައުންޓް: 7730000370194
ނަން: KURINBEE YOUTH MOVEMENT
ވައިބަ ނަމްބަރ: 7697006
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!