ކުޅުދުއްފުށި ސިޓީގައި މި ރޯދަމަހު ކަރަންޓުގެ މައްސަލަ ބޮޑުވުމުން މި މަހު އެ ރަށުގެ ހުރިހާ ކަރަންޓު ބިލަކަށް 50 އިންސައްތަ ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުޅުދުއްފުށީގައި މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ލިބުމުގައި މި ރޯދަމަހު ގިނަ ގޮންޖެހުންތަކެއް އާންމުންނަށް ކުރިމަތިވުމުން އެ ކުންފުނިން އެކަމަށް މާފަށް އެދޭ ކަމަށެވެ. އަދި ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

Ad
rt

އެ ކުންފުނިން ބުނި ގޮތުގައި މިހާރު ވެސް 800 ކިލޯވޮޓްގެ އާ ޖެންސެޓެއް ގެންދެވި އިންސްޓޯލްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެ މަސައްކަތް ނިމުމުން މި މައްސަލަ އަށް ވަގުތީ ހައްލެއް ލިބޭނެއެވެ.

ފެނަކައިން ބުނީ މި ރޯދަމަހު ކަރަންޓުގެ ހިދުމަތް ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން އާންމުން އުފުލަން ޖެހުނު ތަކުލީފުތަކަކީ އެ ކުންފުނިން ކަންބޮޑުވެ، ހިތާމަކުރާ ކަމެއް ކަމަށެެވެ. އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ގޮތުން މި މަހުގެ ކަރަންޓު ބިލުން 50 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މިދިޔަ ފަސް އަހަރު ބޮޑެތި އިހުމާލުތަކެއް ވެފައިވުމުގެ ސަބަބުން އެތައް ރަށެއްގެ ކަރަންޓަށް ދިމާވަމުން ދާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ބޭނުންވަނީ 1.2 މެގަވޮޓުގެ ޖަނަރޭޓަރެއް ކަމަށާއި އެ ގަތުމަށް މިހާރު ހަވާލުކޮށްފައިވާ ކަމަށް ފެނަކަ އިން ކުރިން ވަނީ ބުނެފައެވެ.