ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (41)

Ruheveyni kon hithakun

ކުރީގެ އަދަދާގުޅޭ:

" އެ އަންހެން ކުއްޖަކަށްޓަކައި ތިހާ ވަފާތެރިވެވޭނީ މަދު ދުވަސްކޮޅަކަށް... އޭނާގެ އަތުން އަހަރެން މުއާ ޖަހައިގަންނާނަން"

ޒޯޔާއަށް ހިތާހިތާ ބުނެވުނެވެ. އޭރު މުއާޒްވެސް އޭނާގެ ފަހަތުން އާދެއެވެ.

***

ލަމްހާގެ ކޮޓަރިއަށް ޖުމާ ގޮސް ވަތް އިރު ލަމްހާ ހުރީ ޑްރެސިންގޓޭބަލް ކުރިމަތީގައެވެ. އޭރު އޭނާ ހީވަނީ ފޮޅެމުންދާ ފިނިފެން މަލެއް ހެންނެވެ. އެނދުގައި އިށީނދެލަމުން ޖުމާ ހިނިތުންވެފައި ލަމްހާއަށް ބަލަން ފެށިއެވެ.

" ޖުމާ މިހާރު މާ ގިނައިން ކަނީތަ؟ އަހަންނަށް ހީވޭ ޖުމާ ކުޑަކޮށް ފަލަވާހެންވެސް!"

ބޮލުގެ އިސްތަށިގަނޑު ރީތި ކުރަން ހުރެ ލަމްހާ ބުނެލިއެވެ. އެއާއެކު ޖުމާގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލި، އޭނާއަށް އިސްޖަހާލެވުނެވެ. ލަމްހާގާތު، ޝާހު އެއްވެސް ވާހަކައެއް ނުދައްކާކަންވެސް ޖުމާއަށް އެނގުނެވެ.

" ދެން.. މިހެން ގޭގައި އިންނާތީ ކަންނޭނގެއެއްނު! "

އިޙްސާސްތައް ފޮރުވަމުން ޖުމާ އަނެއްކާވެސް ހީލިއެވެ.

" ލަމް ތިއުޅެނީ ކޮންތާކަށް ދާންތަ؟ ހާދަ ރީއްޗޭ މިރޭ! "

ޖުމާގެ ޖުމްލައިން ލަމްހާ އުފަލުން ފުރުނެވެ. ބޮލުން އަތް ދޫކޮށްލުމަށްފަހު ދެފަރާތަށް އެނބުރިލަމުން ލަމްހާ ފަރި ބަލަން ފެށިއެވެ.

" މިހެދުން ދޫތަ؟ ކުޑަކޮށް ބާރުވީމައެއްނު ރީތި ވާނީ! "

ފަޚްރުވެރިވާފަދަ ބެލުމަކުން އަމިއްލަ ހަށިގަނޑަށް ބަލަން ހުރެ ލަމްހާ އެހިއެވެ. އެއާއެކު ޖުމާވެސް އޭނާއަށް ބަލައިލިއެވެ.

" ވަރަށް ރީތި ހެދުން! ދެން ބުނެބަލަ! ތިހާ ވަރަށް ތި ރީތިވަނީ އެއްކަލަ ބޯއީ ކައިރިއަށް ދާންތަ؟ "

ޖުމާގެ ސުވާލުން ލަމްހާގެ މޫނު ރަތްވެގެން ދިޔައެވެ. އަވަސް އަވަހަށް އޭނާ ބޯ ޖަހާލީ ކަނދުރާއަށް ސެންޓު ބުރުވާލަމުންނެވެ.

" ހޫމް.. މަގޭ ބޯއީ ކައިރިއަށް ދާން! މިރޭ ޑޭޓް ނައިޓަކަށް ދާން ވެގެން"

އެއްލޯ މަރާލަމުން ލަމްހާ ބުންޏެވެ.

" އޯހްހްހް! މިހާރު ސެޓުވީ؟ ހާދަ އަވަހޭ! "

އެނދުން ތެދުވަމުން ޖުމާ ސުވާލުކުރީ ހައިރާން ކަމާއެކުގައެވެ. އޭރު ލަމްހާވެސް ހުރީ ނިކުންނަން ތައްޔާރު ވެގެންނެވެ.

" އާނ! އެއީ އެހާ އުނދަގޫ ކަމެއް ނޫނެއްނު.. ހާދަ ސަޅިއޭ އޭނަ!"

ޖުމާގެ ގައިގައި ބައްދާލަމުން ތުއި އަޑަކުން ލަމްހާ ބުންޏެވެ. އެއާއެކު ޖުމާއަށް ތަންކޮޅެއް ބާރަށް ހީގަނެވުނެވެ. ލަމްހާގެ ކޮޓަރިން ނިކުތް އިރު ސިޓިންގ ރޫމްގައި ހުރި ކޮމްޕިޔިޓަރ ކައިރީ ޝާހު އިންތަން ފެނި ޖުމާ މަޑުކޮށްލިއެވެ. ފައިވާން ރެކުން ފައިވާނެއް ނަގަމުން ލަމްހާ އޭރު ދޮރާ ދިމާލަށް ދެއެވެ.

" ބޭބޭ! އަހަރެން އަންނާނަން އިނގޭ ފްރެންޑެއް ކައިރިއަށް ގޮސް"

ދޮރު ހުޅުވާލުމަށްފަހު ލަމްހާ ބުނެލީ ލޮލުގެ އިޝާރާތުން ޖުމާ ދައްކާލަމުންނެވެ.އެއާއެކު ޝާހު ހިނިތުންވުމަކުން ފުއްދާލިއެވެ. އޭރު ޖުމާ ހުރީ ލަމްހާ ދޮރު ލައްޕައިނުލައިގެންނެވެ.

" އަހަރެން އިން ޙާލު، ލަމް ގާތު ބުނަން ނުކެރުނީތަ؟ "

ސޯފާގައި އިށީންނަމުން ޖުމާ އެހިއެވެ. އެއާއެކު ޝާހު އަވަސް އަވަހަށް ތެދުވެގެން އައިސް ޖުމާއާ ތަންކޮޅެއް ކައިރީ އިށީނދެލިއެވެ. ކުޑަކޮށް ޖުމާއަށް އުނދަގޫވީ ނަމަވެސް އޭނާ ކެތްތެރިވެގެން އިނީއެވެ.

" ނޫނޭ! ކީއްވެ ބުނަން ނުކެރެންވީ؟ އަހަންނަށް ތިއީ މައްސަލައަކަށް ނުވަންޏާ ލަމްއަކަށްވެސް ނުވާނެ އެއްވެސް މައްސަލައަކަށް"

އޯގާތެރިކަމާއެކު ޝާހު ބުނެލިއެވެ. ނަމަވެސް އޭރުވެސް ޖުމާ އިނީ ވަަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ.

" ލަމްވެސް ވަރަށް ބޭނުންވާނެ އަހަރެމެން ދެމީހުން ގުޅެން! އަހަރެން އަދި މިވާހަކަތައް ނުވެސް ދައްކަން"

ޝާހުގެ ޖުމްލަ އަޑު އިވުމާއެކު ޖުމާ ތެދުވިއެވެ.

" އަހަންނަށް ރަނގަޅީ މިރޭ ހުރިހާ ވާހަކައެއް ޝާހު ލަމްއަށް ކިޔައިދިނިއްޔާ! އަހަރެން ވަރަށް ހިތް ބިރުގަނޭ! އަހަންނަށް ހީވަނީ އަހަންނަށް ލިބެން އުޅޭ ކޮންމެ އުފަލެއްވެސް، ނުލިބި އުޅެނިކޮށް ބީވެގެން ހިނގައިދާނެހެން..."

ތުރުތުރުއަޅާ އަޑަކުން ޖުމާ ދައްކަމުން ދިޔަ ވާހަތައް އަޑުއަހަން ހުރި ޝާހުއަށް އުނދަގޫވަމުން ދިޔައެވެ. އެހެންކަމުން އޭނާ އައިސް ޖުމާގެ ކުރިމަތީގައި ހުއްޓުނެވެ. އަދި މަޑުމަޑުން ޖުމާގެ އަތުގައި ހިފާލުމަށްފަހު އެއަތަށް ބަލައިލިއެވެ.

" ތިހާ ގޯސްކޮށް ނުވިސްނާ! ބޭކާރުގޮތުގައި ވިސްނާ ވިސްނުންތަކުން ތިމާއަށް ލިބޭނެ އެއްވެސް ހިތްހަމަޖެހުމެއް ނޯންނާނެ! އޭރުން ދާނީ ނަފްސާނީ ބަލިމަޑުކަމަކަށް! ޖުމާ... އަހަރެން ޖުމާއަށް ޔަޤީންކަން މިދެނީ ޖުމާއަށް ދުވަހަކުވެސް ނުލިބޭހާ އުފާވެރިކަން ދޭނެ މީހަކަށް އަހަރެން ވާނެކަން.. ތި ދަރިފުޅަށް ބައްޕައެއްގެ ލޯބިވެސް ދޭނީ ޚުދު އަހަރެން.. އަދި މި އުޑުދަށުން އަހަންނަށްވުރެ ޖުމާދެކެ ލޯބިވާނެ ބައިވެރިޔަކު ނުލިބޭނެ! "

އެވާހަތަކުން ޖުމާއަށް ހަމަ ރަނގަޅަށްވެސް ރޮވުނެވެ. އެހެންކަމުން ބޭއިޙްތިޔާރުގައި އޭނާއަށް ޝާހުގެ ކޮނޑުގައި ބޯއަޅާލެވުނެވެ.

" އަހަރެން ކިހިނެއް ތި ހެޔޮކަމުގެ ބަދަލް ދޭނީ؟ "

ރޮވިފައި ހުރެ ޖުމާއަށް އަހާލެވުނެވެ. އެއާއެކު ޖުމާގެ ދެކޮނޑުގައި އަތްޖައްސާލަމުން އުފާވެރި ރާގެއްގައި ޝާހު ބުންޏެވެ.

" ބަދަލެއްގެ ގޮތަކު ނޫން... އެކަމަކު އަހަންނަށް ވަފާތެރި ލޯތްބެއް ދިނީމަ އެހިސާބުން އަހަރެން ހިތްހަމަ ޖެހޭނެ! އަހަންނާ ކައިވެނި ކުރުމަށްފަހު ވަފާތެރިއެއްގެ ގޮތުގައި ހުރެދިނީމަ  ތި މައުސޫމް އަންހެން ކުއްޖާގެ ސަބަބުން އަހަންނަށް މުޅި ދުނިޔޭގެ އުފާވެރިކަން ލިބުނު ފަދަ! "

ޖުމާއަށް މަޑުމަޑުން ޝާހުއާ ދުރަށް ޖެހިލެވުނެވެ. އަދި އޭނާއަށް ބަލައިލެވުނީ އުފާވެރި ނަޒަރެއް އެކުލެވިފައިވާ ޝާހުގެ ދެލޮލަށެވެ.

" އަހަންނަކީ ބޭވަފާތެރިއެއް ނޫން! އަހަރެންދެކެ ޙަޤީޤީ ލޯބިވާ މީހަކަށްޓަކައި އަަހަރެން ފުރާނަވެސް ދީފާނަން"

ޖުމާގެ މަޑުމައިތިރި އަޑުން ޝާހުއަށް ބޭއިޙްތިޔާރުގައި ޖުމާ އޭނާއާ ގާތްކޮށްލެވުނެވެ.

***

މުއާޒް ފިހާރައަށް ދާން ނިކުތް ވަގުތު އޭނާއަށް ސިހުން ލިބުނީ ސައިކަލް މަތީގައި އިން ޒޯޔާ ފެނުމުންނެވެ. ހިނިތުންވެފައި އިން ޒޯޔާ މުއާޒް ފެނުމާއެކު އިތުރަށް ހީލިއެވެ.

" ހަނދުވަރުދޭ ރެއެއްވީމަ ސައިކް ދުއްވާލަން ދާހިތުން"

ކުޑަކޮށް ބޯ އަރިކޮށްލަމުން ތުއި ގޮތަކަށް ޒޯޔާ ބުނެލިއެވެ. އެއާއެކު މުއާޒަށް ބަލައިލެވުނީ އަތުކުރީގައި އޮތް ގަޑިއަށެވެ.

" ފިހާރަ ހުޅުވަން ޖެހޭނެއެއްނު.. އެހެންވެ މިގަޑީގައި ކޮންމެހެންވެސް ދާން އެބަ ޖެހޭ!"

ޖީބުން ތަޅުދަނޑި ނަގަމުން މުއާޒް އެހެން ބުނެލީ ޒޯޔާއަށް ވިސްނޭތޯއެވެ. ނަމަވެސް އޭނާ އިނީ ސައިކަލް މަތިން ފައިބާ ހިޔާލެއްގައެއް ނޫނެވެ.

" ފިހާރައިގައި އިނދެލަން އަހަރެންވެސް ދާން ބޭނުން! ގޭގައި އެކަނި އިންނަން ވަރަށް ފޫހިވޭ"

ޒޯޔާ ބުނެލިއެވެ. އެއާއެކު މުއާޒަށް ގޮތް ހުސްވީ ކަހަލައެވެ. ނަމަވެސް ޒޯޔާގެ ނިންމުމަށް އޭނާ ފާޅުގައި ދެކޮޅު ހެދިއެވެ.

" ޕްލީޒް ޒޯޔާ! ދެން ފައިބާ! އަހަރެން މިދަނީ ފިހާރައިގައި އިންނާކަށް ނޫނޭ! އޮފީހުގައި ކުރަން ޖެހޭ ކަންތައްތައް ނިންމަން މިދަނީ.. އަހަންނަށް އުނދަގޫވާނެ އިތުރު މީހަކު އުޅެންޏާ!"

މުއާޒްގެ ހިތްހަމަނުޖެހުން ޒޯޔާއަށް އިޙްސާސްވިއެވެ.

" މުއާޒް އަންނަންދެން އަހަރެން އިންތިޒާރު ކުރާނަން! ފިހާރަ ބަންދުކޮށްފައި އަޔަސް ހަނދުވަރުގެ އަލިކަން ފަނޑެއް ނުވާނެ"

ސައިކަލްމަތިން ފޭބުމަށްފަހު ޒޯޔާ ބުނެލިއެވެ. އެއާއެކު މުއާޒަށް ޒޯޔާގެ މޫނަށް ބަލައިލެވުނެވެ. އޭރުވެސް ޒޯޔާ ހުރީ ލޯބިވެތި ނަޒަރަކުން މުއާޒަށް ބަލަހައްޓައިގެންނެވެ. އަވަސް އަވަހަށް މުއާޒަށް އިސްޖަހާލުމަށްފަހު ސައިކަލް ސްޓާޓް ކޮށްލިއެވެ.

***

" އަހަރެން ހިއެއް ނުކުރަން މާހިލަށް އަހަރެން އެހާ ކަމުދާނެކަމަކަށްވެސް"

މާހިލާއެކު ހިނގާފައި އައިސް ލަމްހާ ހުއްޓުނީ އޭނާގެ ގޭގެ ދޮރުމަތީގައެވެ.

" ކީއްވެ ކަމުނުދާންވީ؟ ތިއީވެސް އަންހެން ކުއްޖެކެއްނު"

ސަމާސާ ރާގަކަށް މާހިލް އެހެން ބުނުމާއެކު ލަމްހާ ދެލޯ ބޮޑުކޮށްލަމުން ހީގަތެވެ.

" އަންހެން ކުއްޖެއް ވިއްޔާ ކޮންމެ މީހަކުވެސް ހަމަ އޯކޭތަ؟ "

" ނޫން! އަހަރެން ސަމާސާކޮށްލީ! އެހާ އަވަހަށް ސީރިއަސް ނުވައްޗޭ!"

ލަމްހާގެ އަތުގައި ހިފާލަމުން މާހިލް ބުންޏެވެ. އޭރުވެސް ލަމްހާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

" އަހަރެން މިރޭ ބޭބެ ގާތު ބުނަންވީތަ؟ "

ލޯތްބާއެކު ލަމްހާ ސުވާލުކުރިއެވެ. އެއާއެކު މާހިލް ބޯ ޖަހާލަމުން ބުންޏެވެ.

" ކައިވެނިކުރަން އަދި އަވަސްތަ؟ މިހެން މިބުނީ އެންމެ ދެތިން ފަހަރުގެ ބައްދަލް ވުމަކުން ލަމްއަށް އަހަރެން ދަސްނުވެދާނެތީވެ! "

" އަހަރެންދެކެ މާހިލް ލޯބިވެއެއްނު! އެ ނިމުނީ! ލޯތްބަކީ އޭގައި ހުރިހާ ރަހަތަކެއްވެސް އެކުލެވޭ އެއްޗެކޭ! ބައެއްފަހަރު އަޑިގުޑަންތަކާވެސް ކުރިމަތިލާންޖެހޭނެ.. އަހަރެންގެ ކިބައިގައި އެ ހިތްވަރު އެބަހުރި"

ލަމްހާގެ ވާހަކަ ހުރިގޮތުން މާހިލް ހިތްހަމަ ޖެހުނު ކަހަލައެވެ. އެހެންކަމުން އޭނާ ލަމްހާގެ އަތްތިލައަށް ބާރަށް ފިތާލަމުން ބުންޏެވެ.

" އެހެންވިއްޔާ އޯކޭ! "

ހިނިއައިސް ހުރެ މާހިލް ބުންޏެވެ.

***

އުފާވެރި މޫނަކައިގެން ލަމްހާ އެތެރެއަށް ވަތް އިރު ސިޓިންގރޫމް ސޯފާގައި އޮތް ޝާހު ފެނުނެވެ. ބޫޓު ހަރަށް ފައިވާން ލުމަށްފަހު ލަމްހާ އައިސް ސޯފާގައި އިށީނެވެ.

" ބޭބޭ؟ ކޮންކަމަކާ ތި ހެނީ؟"

ފޯނު ސްކްރީނަށް ބަލަހައްޓައިގެން ހެވިފައި އޮތް ޝާހުގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލަމުން ލަމްހާ އެހިއެވެ. އެއާއެކު ޝާހު ތެދުވެ ހަމަޖެހިލަމުން ލަމްހާއަށް ބަލައިލިއެވެ.

" އެއީ... ޖުމާ"

ޝާހު އެހެން ބުނުމުން ހައިރާންކަމާއެކު ލަމްހާއަށް ހިނިތުން ވެވުނެވެ.

" އޭނ؟ ޖުމާއޭ! މިހާރު ނަންބަރުވެސް ދިނީތަ؟ ބޭބެ މާ ގަދައެއްނު"

ޝައުޤުވެރިކަމާއެކު ލަމްހާ ބުންޏެވެ. އެއާއެކު ސޯފާމަތީގައި ފޯނު ބާއްވަމުން ޝާހު ލަމްހާގެ މޫނަށް ބަލައިލިއެވެ.

" ކޮއްކޮއަކަށް ނުވިއެއްނު އެއްވެސް ކަމެއް! އެހެންވެ ބޭބެ އަމިއްލައަށް ޖުމާއާ ވާހަކަ ދެއްކީ! "

ޝާހުގެ ވާހަކަތައް އަޑުއަހަން އިނދެ ލަމްހާ ބޯ ޖަހަމުން ދިޔައީ ހެވިފައި އިނދެއެވެ.

" މިހާރު ސެޓުވީތަ؟ "

ލާނެތް ގޮތަކަށް ލަމްހާ އެހިއެވެ. އެއާއެކު ޝާހު ބޯ ޖަހާލީ ފޮނި ގޮތަކަށެވެ.

" އޯހް! އެހެންވިއްޔާ ބޭބެގެ ކައިވެންޏާއެކު އަހަރެންވެސް އެކަން ނިންމާލަންވީދޯ!"

ލަމްހާގެ ޖުމްލައިން ޝާހުގެ މޫނުމައްޗަށް ހައިރާންކަން ވެރިވީތަން އޭނާއަށް ފެނުނެވެ. އެހެންކަމުން އޭނާއަށް ތަންކޮޅެއް ބާރަށް ހެވިއްޖެއެވެ.

" ކޮއްކޮވެސް ކަމެއް ކުރަންދޯ އެބަ! ބޭބެގާތު ނުބުނެދޯ ތިއުޅެނީ؟ ހާދަ ސިއްރޭ ދެން"

އިސްޖަހާލަމުން ޝާހު ބުންޏެވެ. އެއާއެކު ލަމްހާ ބޯ އަރިކޮށްލުމަށްފަހު ޝާހުގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.

" އަހަރެން ކީއްކުރަން ބޭބެއަށް ސިއްރު ކުރަންވީ؟ އަހަރެންގެ މަންމައަކީވެސް އަދި ބައްޕައަކީވެސް ހަމަ ބޭބެ! "

" ނަސީބެއްނު ތިވަރު ޤަބޫލުކުރާކަންވެސް.. "

އެހެންބުނެ، ޝާހު ކޮނޑު ކުޑަކޮށް ތަޅުވާލުމާއެކު ލަމްހާ ބޯ ހިއްލާލިއެވެ.

" ދެން ބުނެބަލަ! ބޯއީފްރެންޑެއް ހުރޭދޯ! "

ޝާހު އަނެއްކާވެސް އެހިއެވެ. އެއާއެކު ލަމްހާ އެއްމިޔަކަނުން ހީލަމުން ބޯ ޖަހާލިއެވެ.

" އޮފީސް ކުއްޖެއް! ރާއްޖެތެރޭ ކުއްޖެއް.. ވަރަށް ރަނގަޅު! އަހަންނަށް ދެން އޭނަ ވަރަށް ކަމުގޮއްސި.. އޭނަ ބުނި ބޭބެ ކައިރީ ބުނައްޗޯވެސް! ބޭބެ ޤަބޫލުވިއްޔާއޯ ކުރިއަށް ގެންދެވޭނީ.. އޭނަ ބޭނުމެއް ނޫނޯ ބޭބެ އަތުން ލަމް ޖަހައިގަންނާކަށް"

ހިނިގަނޑެއް ޖަހާލަމުން ލަމްހާ ބުންޏެވެ. އެއާއެކު ޝާހުއަށްވެސް ހެވުނެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ޖުމާގެ ޚިޔާލްތަކެވެ.

" ހުރިހާ ގޮތަކުންވެސް ކޮއްކޮ ތިބުނާ ކުއްޖާއާމެދު ހިތްހަމަ ޖެހެންޏާ ބޭބެ ހުރަހެއް ނާޅާނަން! އެކަމަކު ކައިވެންޏަކާ ހަމައަށް ދިޔުމުގެ ކުރިން ބޭބެއާ މީޓްކޮށްލަން މިގެއަށް ގެންނަން ވާނެއެއްނު"

ޝާހުގެ ވާހަކަތައް ލަމްހާއަށް ވަރަށް ކަމުދިޔައެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ބޯ ޖަހާލީ ފުޅާ ހިނިތުންވުމެއްގައި އިނދެއެވެ.

" ޖުމާ ކޮއްކޮ ގާތު އެއްވެސް ވާހަކައެއް ނުދައްކާތަ؟ "

އާގަންނަމުން ކަހަލަ ގޮތަކަށް ޝާހު އެހިއެވެ. އެއާއެކު ނުވިސްނޭފަދަ ގޮތަކަށް ލަމްހާ ޝާހުގެ މޫނަށް ބަލައިލިއެވެ.

" ހޫމް.. އަނެއްހެން މާ ހާއްސަ ވާހަކަތަކެއް ނުދައްކާ! ކިހިނެއްވީ؟ "

" ޖުމާ އެއްބަސްވެއްޖެ ކައިވެންޏަށް.. އެކަމަކު.."

ބުނަން އުޅުނު ޖުމްލަ ޝާހު މެދުކަނޑާލުމާއެކު ލަމްހާ ކުޑަކޮށް ހާސްވިއެވެ. އަދި ސުވާލުގެ ނަޒަރަކުން ޝާހުއަށް ބަލަހައްޓައިގެން އޭނާ އިނެވެ.

" ޖުމާ... ޕްރެގްކަން އެނގޭތަ؟ "

ލަސްލަހުން ޝާހު ސުވާލުކޮށްލީ ލަމްހާގެ މޫނަށް ބަލައިލަމުންނެވެ. އެއާއެކު ހައިރާންވެ އިނދެ ލަމްހާއަށް ދެބުމަ އުފުލައިލެވުނެވެ.

" ޖުމާ؟ ޕްރެގްތަ؟ އެހެން ނުވާނެ! އޭނަ ނުބުނެ މީހަކާ އިންވާހަކައެއް"

ހައިރާންކަމާއެކު ލަމްހާ ބުންޏެވެ.

" މީހަކާ ނީނދެޔޭ! "

" ވަޓް؟ "

ތުންފަތުގައި އިނގިލި ޖައްސާލަމުން ލަމްހާއަށް ބުނެވުނެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *