އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި ޑާބީ މެޗު، ޔުނައިޓެޑުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން (3-1) ސިޓީން މެޗު ކާމިޔާބު ކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. މި ލަނޑު 8 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ސިޓީގެ އޭރިއާ ބޭރުގައި ހުރެ ގޯލުގެ މަތީކަނަށް ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދިނީ ރަޝްފޯޑެވެ.
ފުރަތަމަ ހާފު އެއްކޮށް ޔުނައިޓެޑުން ލީޑް ހިފެހެއްޓި ނަމަވެސް މުޅި ހާފުގައި ބޯޅަ ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅެ ލަނޑުޖަހާނެ ފުރުސަތު ހޯދީ ސިޓީންނެވެ. ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ފޮޑެންއަށް ލިބުނުއިރު، ހާލަންޑަށް ވަނީ މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ގޯލު ބުޑުގައި ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ދަނޑިމަތިން ބޭރަށެވެ.
ސިޓީގެ ފުރަތަމަ ލަނޑު 56 ވަނަ މިނެޓުގައި ފޮޑްން ކާމިޔާބުކުރީ ރޮޑްރީ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. ސިޓީއަށް ދެވަނަ ލަނޑު ޖަހައިދީ ލީދު ހޯދައި ދިނީ ވެސް ފޮޑެންއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަމިނެޓަށް ވެފައި ވަނިކޮށެވެ. ސިޓީގެ ތިންވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭ ޖެހީ ހާލަންޑެވެ. މިއީ ޔުނައިޓެޑް ކޮޅަށް ހާލަންޑް މިހާތަނަށް ޖެހި ހަވަނަ ލަނޑެވެ.
މި މެޗުން މޮޅުވެ ސިޓީން ވަނީ އެއްވަނާގައި އޮތް ލިވަޕޫލާއި އެއް ޕޮއިންޓަށް ކައިރިއަށް ޖެހިލާފައެވެ. ލިވަޕޫލް އެއްވަނާގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 63 ޕޮއިންޓާއި އެކުގައެވެ. ސިޓީ ދެވަނާގައި އޮތީ 27 މެޗުން 62 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ 6 ވަނާގައެވެ. އެ ޓީމަށް 27 މެޗުން ލިބިފައި ވަނީ 44 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!