ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ޓަރމިނަލްގެ އޮޕަރޭޝަންސް ފެށުމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާނެ ކަމަށް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޝަރީފު މިގެން ވިދާޅުވީ އައު ޓާމިނަލްގެ އޮޕަރޭޝަން ފެށުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ ކަންކަން ދެނެގަނެ އެކުގައި މަސައްކަތް ކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތައް ފެށުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިއްޔެ ހުޅުލެ އައިލަންޑް ހޮޓަލުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިދުމަތް ފޯރިކޮށްދެމުން އަންނަ ފަރާތްތައް ބައިވެރިވިއެވެ.
މި މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން، އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ އައު ޓާމިނަލަށް އޮޕަރޭޝަންސް ބަދަލުކުރުމަކީ ވަރަށް ފުރިހަމަކޮށް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އައު ޓަރމިނަލް ބޭނުންކުރަން ފެށުން ވީހާވެސް އޮމާންކޮށް ގެންދިއުމަށްޓަކައި އެއާޕޯޓުގައި ޚިދުމަތް ދޭ ސްޓޭކްހޯލްޑަރުންގެ އެއްބާރުލުން މުހިންމު ވާނެކަމަށް ވިދާޅުވިއެވެ.
"އައު ޓަރމިނަލްގެ އޮޕަރޭޝަންސް ފެށުމުގެ ގޮތުން އެއަރޕޯޓުގައި ޚިދުމަތްދޭ ފަރާތްތައް ހިމެނޭ ޚާއްސަ ކޮމިޓީތައް އުފެދިގެންދާނެ. އަދި މި ކޮމިޓީތަކުގެ މަޝްވަރާތަކުން އެންމެ ރަނގަޅު ގޮތުގައި މިކަން ކުރެވޭނެ މަގުފަހިވެގެންދާނެ." ޝަރީފު ވިދާޅުވިއެވެ.
މި މިބައްދަލުވުމުގައި ސިވިލް އޭވިއޭޝަންސް އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް އަލީ ޖަލީލްގެ އިތުރުން އިމިގްރޭޝަންސްގެ އޮފިސަރުންނާއި، ކަސްޓަމްސް އޮފިސަރުންނާއި، އެއާލައިންތައް އޮޕަރޭޓްކުރާ ފަރާތްތަކުގެ އިތުރުން އެއާޕޯޓުގައި ޚިދުމަތް ދެމުންގެންދާ ރިސޯޓުތަކުން ބައިވެރިވިއެވެ.
ވީއައިއޭގެ އައު ޓާމިނަލަކީ އެއާޕޯޓް ތަރައްޤީ ކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫއުގެ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން އައު ކޯޑް-އެފް ރަންވޭ އަކާއި، ނޫވިލު ސީޕްލޭން ޓާމިނަލާއި، ވީއައިޕީ ބިލްޑިން އަކާއި، ކާގޯ ޓާމިނަލަކާއި، ފިއުލް ފާމެއްގެ އިތުރުން ފަޔަ ސްޓޭޝަނެއްވެސް ވަނީ ޤާއިމު ކުރެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!