"ކީއްވެ ތިހެން ތިބުނީ؟"
ޒާރާ ސުވާލު ކުރިއެވެ. އެއާއެކު ޖުމާ ހިނިތުންވެލަމުން ލޯތްބާއެކު ޒާރާގެ މޫނަށް ބަލައިލިއެވެ.
" އަހަންނަކީ ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއް ނޫނޭ! އަހަންނަށްޓަކައި ދޮންތަގެ ދިރިއުޅުން ހަލާކުވެ ހިނގައިދާނެތީ އަހަރެންވެސް ވިސްނަމޭ! "
" އަހަރެން ޖުމާއާ ދިމާލަށް އެހެން ބުނީ އެއްވެސް އެއްޗެއް ހިތުގައި އޮވެގެންނެއް ނޫން! އަނެއްކާވެސް ފިރެހެނެއްގެ މަޅީޣައި ޖެހިދާނެތީ އަހަރެން ބިރުގަތީ.. އެކަމަކު ޖުމާ ތިއުޅެނީ އެކަންތައް ބޮޑު ކަމަކަށް ހަދައިގެންތަ؟"
ޒާރާ އަވަސް އަވަހަށް ބުންޏެވެ. މިފަހަރު ޖުމާގެ މޫނުމަތިން ފެނުނީ ކުރިއަށްވުރެ މާ ފުޅާ ހިނިތުންވުމެކެވެ. އެއާއެކު އޭނާ އަވަސް އަަވަހަށް ޒާރާގެ ގައިގައި ބައްދާލިއެވެ. އަދި ހެވިފައި ހުރެ ވާހަކަ ދައްކަން ފެށިއެވެ.
" ދޮންތަ އެހެން ބުނިކަން އެއީ އަހަރެންގެ ނަސީބު! އެކަންތައް ހިތު އަޅައިގެންނެއް ނޫޅެން.. އެކަމަކު އެއީ އަހަންނަށް ދޮންތައާމެދު ވިސްނާލަން ލިބުނު ފުރުޞަތެއް! އަހަރެންގެ އަތުގައި ވަރަށް އޯގާތެރިމީހަކު ހިފައިފި! އާނ ދޮންތާ! ޝާހު އެއީ އާދަޔާ ޚިލާފް ރަނގަޅު މީހެއް.. އޭނަ ހުރިހާ ގޮތަކުންވެސް މާހިލްއާ ވަރަށް ތަފާތު. އޭނަ އަހަރެންދެކެ ވަރަށް ލޯބިވޭ.. އަހަންނާ، އަދި އަހަންނާ ގުޅުން ހުރި ކޮންމެ އެއްޗަކަށް ކޮންމެ ކަމަކަށް އޭނަ ލޯބި ކުރޭ.. "
ޖުމާގެ އަޑުގައިވާ އުފާވެރިކަން އިޙްސާސް ކުރެވި، ޒާރާގެ ހިތަށް ފިނިކަން ލިބުނެވެ. ޖުމާ ދުރަށް ޖެހިލުމާއެކު ޒާރާއަށްވެސް ހިނިތުން ވެވުނެވެ.
" އެކުގައި އުމުރު ހޭދަކޮށްލާނެ ރަނގަޅު ބައިވެރިޔަކު ލިބުމަކީ ހާދަ ހިތްހަމަ ޖެހޭ ކަމެކޭ! އިރާދަ ކުރެއްވިއްޔާ ދެން މުއާބެއާއި ދޮންތަ އެކުގައި އުޅެން މާ ގިނަ ދުވަހެއް ނެތް..."
ޖުމާ އެހެން ބުނުމާއެކު ޒާރާއަށް ނިތް އުފުލާލެވުނެވެ.
" މާދަމާ މުއާބެ އަންނާނެ.. ކޯއްޗެއްތަ ކައްކާނީ؟ މުއާއަށް މީރު އެއްޗެއްދޯ ހަދަންވާނީ"
ކާމޭޒާ ދިމާލަށް ހިނގައިގަތުމަށްފަހު ޒާރާ ބުނެލިއެވެ. އެއާއެކު ޖުމާވެސް މަޑުމަޑުން ގޮސް ކާމޭޒު ކައިރީ ހުރި ގޮނޑި ދަމާލުމަށްފަހު އިށީނެވެ.
" އަހަންނަށް މިހާރު އެހާ ކުޅިކޮށެއް ނުކެވޭ.. މޭ އަންދާ ގޮތްވަނީ! ނަސީބެކޭ ހިތަށް އަރާ ހޮޑު ނުލެވޭކަން ދޯ"
ބޯ ޖަހާލަމުން ޖުމާ ބުނެލިއެވެ.
" އާނ! އެހެން ނޫން ނަމަ ކިހާ ބަލިވީސް! ހުރިހާ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް.. "
ޒާރާ ހީލަމުން އައިސް އަލަމާރިން ޖޫސް ފުޅިއެއް ނެގިއެވެ.
" ޝާހު އެހާ ސީރިއަސްކޮށް ތި ގުޅުން ބާއްވަން ބޭނުން ވަންޏާ ދޮންތައާވެސް ވާހަކަ ދައްކަންޖެހޭނެ ދޯ!އަދި އެއްވެސް އިޝާރާތެއް ނުވެ!"
ޒާރާ އެހެން ބުނުމުން ޖުމާ ބޯ ޖަހާލިއެވެ.
" ޝާހު ބުނީ މުއާބެއާ ވާހަކަ ދައްކާލާނަމޭ! އޭނައަށް ދޮންތައާ ވާހަކަ ދައްކަން ނުކެރިގެން ކަންނޭނގެ! އަދި އެއުޅޭ ލަމް ކައިރީގައިވެސް އޭނަ ނުބުނެޔޭ.. ލަމް ވެސް ވަރަށް އުފާވާނެދޯ.. "
ހެވިފައި ޖުމާ ވާހަކަ ދައްކާތަން ބަލަން ޒާރާއަށް އިނދެވުނީ ހިނިތުންވެވިފައެވެ.
****
ބްރޭކް ގަޑި ޖެހުމާއެކު މާހިލް ތެދުވިއެވެ. އޭރުވެސް ލަމްހާ އިނީ މުޙިއްމު ލިޔުންތަކެއް ތައްޔާރު ކުރުމުގައި އަވަދި ނެތިއެވެ. ލަމްހާއަށް ބަލަހައްޓައިގެން ހުރެ މާހިލް ގޮސް ލަމްހާގެ ގޮނޑީގެ ފަހަތުގައި މަޑުކޮށްލުމަށްފަހު ކުޑަކޮށް ކަރުކެހިލިއެވެ. އެއާއެކު މޫނު އުފުލާލުމަށްފަހު ލަމްހާ ފަހަތް ބަލައިލީ އެހާމެ އަވަހަށެވެ.
" މާހިލް؟ "
ސުވާލުގެ ނަޒަރަކުން ބަލަހައްޓައިގެން އިނދެ ލަމްހާ ގޮވާލިއެވެ.
" ބްރޭކަށް ދާން ވެގެން... މިއަދު ދެން ކެންޓީނަށް ދާންކަމަށް! ހިނގާ އަހަންނާއެކު ކޮފީއެއް ބޯލަން"
މާހިލް އެދުނެވެ. އެއާއެކު ލަމްހާގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. ބޯޖަހާލުމަށްފަހު ކުރަމުން ދިޔަ މަސައްކަތްވެސް އޭނާ ހުއްޓާލީ މާހިލްއާއެކު ދާހިތުންނެވެ.
" އަހަރެން ހީކުރީ ތިހާ ބިޒީ ގަޑިއެއްވީމަ ނޯ ޖަހާނެކަމަށް!"
ލަމްހާއާއެކުގައި ހިނގައި ގަންނަމުން މާހިލް ބުނެލީ މަޑުމަޑުންނެވެ. އެއާއެކު އަނެއްކާވެސް ލަމްހާއަށް ލަދުރަކި ގޮތަކަށް ހީލެވުނެވެ.
" އޫމް.. މާހިލް ނޫން އެހެން މީހެއް ނަމަ ޔަޤީނުންވެސް ނޯ ޖަހާނީ! "
ހިތްވަރާއެކު ލަމްހާ ބޭރުކޮށްލީ މާނަ ފުން ޖުމްލައެކެވެ. ލަމްހާ އެހެން ބުނުމުން މާހިލްގެ ތުންފަތަށް ހިނިތުންވުން ވެރިކުރުވައިފިއެވެ.
" އެއީ ކީއްވެ؟ ބިޒީ ގަޑިއެއްގައި ކޮންމެ މީހަކު ބުންޏަސް ހަމަ ބިޒީ ވާނެތާ! "
ސިޑިން މައްޗަށް އަރަމުން މާހިލް ބުންޏެވެ. ލަމްހާވެސް މާހިލްގެ ފަހަތުން ސިޑިއަށް އަރައިގެން ދާން ފެށިއެވެ.
" ނޫނޭ! އެހެން މީހުންނާ މާހިލް ތަފާތު ކަންނޭނގެ!"
" ތިބުނީ؟"
ލަމްހާގެ ޖުމްލައާއެކު މާހިލަށް ސިހިފައި އަހާލެވުނެވެ. ލަމްހާގެ ވާހަކަ ދެއްކުމުގެ ރާގު ހުންނަ ގޮތުން މާހިލަށް މާ ކުރިންވެސް އެފަދަ ގޮތަކަށް އޮތީ ވިސްނިފައެވެ. އެހެންކަމުން އޭނާ ހުރީވެސް ލަމްހާއާމެދު ޝައުޤުވެރިވެފައެވެ.
" މިބުނީ.... ކީކޭތަ އަހަރެން ބުނާނީވެސް؟ މާހިލްއާމެދު އަހަންނަށް ވަރަށް ތަފާތު ގޮތަކަށް ދެކެވެނީ! ހުރިހާ ގޮތަކުންވެސް އެހެން މީހުންނާ މާހިލް ތަފާތޭ!"
ގޮނޑީގައި އީށީނދެލަމުން ލަމްހާ ބުންޏެވެ. އެއާއެކު މާހިލް އަނެއްކާވެސް ހީލިއެވެ.
" އެހެންތަ؟ ތިބުނީ އަހަރެންގެ ލުކްސް ތަ؟"
އޭރު ލަމްހާ އިނީ ފަރުވާތެރިކަމާއެކު މާހިލްގެ މޫނަށް ބަލަހައްޓައިގެންނެވެ. ދެމީހުންގެ ނަޒަރު ސީދާ ވުމާއެކު ލަމްހާ އަވަސް އަވަހަށް ދުރަށް ބަލައިލީ ހެވިފައި އިނދެއެވެ.
" އެންމެ ފުރަތަމަ ކަމުދިޔައީ ލުކްސް ހަމަ! ދެން... މިހެން އެއްކޮށް އުޅެން ފެށީމަ ޤަބޫލު ކުރެވުނު ތިއީ ވަރަށް ނައިސް މީހެއްކަން.. ވަރަށް ހިތްހެޔޮ ވެފައި އެހާމެ ކެއަރިން"
" އައްދޭ! ހާދަ ވަރަކަށް ތަޢުރީފް ތި ކުރަނީ؟ އަހަރެން އަދި އެއްވެސް މީހަކަށް ކެއަރ އެއް ނުކުރަން... ދެން ލަމް ތިބުނަނީ ކިހިނެއް އަހަރެން ކެއަރ ކުރާ ވާހަކަތަ؟ "
މާހިލްގެ ސުވާލަށް ލަމްހާއަށް ޖަވާބު ނުދެވެނީސް ހެދިކާ ތަބަށް ހިފައިގެން ވެއިޓަރއެއް އަތުވެއްޖެއެވެ. އެހެންކަމުން ދެމީހުންވެސް ކާއެއްޗެހި ނަގަން ފެށިއެވެ.
" އެއްވެސް މީހަކަށް ކެއަރ އެއް ނުކުރަމޭ!؟ މާހިލް ހަމަ އެއްވެސް ބިޓެއް ނުނަގަންތަ؟ "
ވެއިޓަރ ދިޔުމާއެކު ހިނިގަނޑެއް ޖަހާލަމުން ލަމްހާ ސުވާލު ކުރިއެވެ. ލަމްހާގެ ސުވާލުން މާހިލްގެ ހިތުގައި ވަޅުޖަހަމުންދާ ޖުމާގެ ރީތި ސޫރަ އޭނާއަށް ކުރިމަތިން ސިފަވީ ކަހަލައެވެ. ޖުމާއާ ދެމީހުންގެ ދެމެދުގައި އުފެދުނު ލޯބިވެތި ގުޅުމާއި އެދުވަސްތައްވެސް ހަނދާންވިއެވެ.
" ކުއްޖަކުދެކެ ލޯބިވީން! އެކަމަކު.... އެކުއްޖާ ޙާޞިލް ވުމުގެ ކުރިން މުޅިން ގެއްލިއްޖެ! "
ހިނިގަނޑެއް ޖަހާލަމުން މަޖާވެފައި އެހެން ބުނެލި ނަމަވެސް މާހިލްގެ ހިތަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. މާހިލް ހޭން ފެށުމުން އެކުގައި ލަމްހާވެސް ހީގަތެވެ.
" އޯހް! ނަސީބެއްނު.... "
" ކީއްވެ ތިހެން ތިބުނީ؟ "
އަނެއްކާވެސް މާހިލް ކޮށްލީ ސުވާލެކެވެ. ނަމަވެސް ޖަވާބު ދިނުމުގެ ބަދަލުގައި މަސްތީ ނަޒަރަކުން ލަމްހާ ދިޔައީ މާހިލަށް ބަލަމުންނެވެ. އެކި ގޮތްގޮތުން އޭނާ އިޝާރާތްކުރަމުން ދާއިރުގައިވެސް މާހިލަށް އެއްޗެއް ނުވިސްނެނީ ކީއްވެބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
" މާހިލް ކުރާ ކޮންމެ ސުވާލަކަށް ޖަވާބެއް ނުދެވޭނެ! "
ބުމަ ހިއްލާލަމުން ލަމްހާ ސަމާސާ ރާގެއްގައި ބުންޏެވެ. އެއާއެކު މާހިލަށް އަނެއްކާޥެސް ހެވިއްޖެއެވެ.
" އަސްލު އަހަންނަށް އެނގެޔޭ! ލަމް އަހަރެންދެކެ ލައިކް ވޭދޯ!"
އެއްލޯ މަރާލަމުން މާހިލް އަހާލިއެވެ. އެއާއެކު ލަމްހާއަށް ތުންފަތުގައި ދަތް އަޅާލަމުން އިސްޖަހާލެވުނެވެ.
" މާ ދުރުދުރުން ނޫޅެ ސީދާ ތެދަށް ބުނެބަލަ! ލަމްއަށް ހީވަނީތަ އަހަރެން ލަމް ލަދުގަންނަވާފަ ބޭޒާރު ކޮށްލާނެކަމަށް! އަހަންނަކީ އެހާ ގޯސް މީހެއް ނޫނޭ..."
ލަމްހާގެ މޫނަށް ބަލަހައްޓައިގެން އިނދެ މާހިލް ސީދާ މައުޟޫއަށް ފުންމާލިއެވެ. އޭރުވެސް ލަމްހާ އިނީ އިސްޖަހާލައިގެންނެވެ.
" އަހަރެން ކުޑަކޮށް ލަމް ޓެސްޓްކޮށްލީ... އަސްލު އަހަރެންވެސް ލަމްހާމެދު ޝައުޤުވެރިކަމެއް ނެތް ނަމަ މިހެން ކޮފީއަށް އަންނާކަށްވެސް ނުބުނާނެ އެއްނު... ލައިކް ނުވާ ކުދިންނާއެކު މިހެން އަނގަތަޅާކަށް ނުތިބެވޭނެ.. ކުރިމަތީގައި އިންނަން ޖެހޭނީ ތިމާ ހިތްއެދޭ، ތިމާއަށް ރީތި ނޫނީ ތިމާއަށް އެކުއްޖަކު ފެނުމުން އުފާވެރިކަން އިޙްސާސްވާ ފަދަ ލޯބި ކުއްޖެއް! "
އަސަރުގަދަ އަޑަކުން މާހިލް ދައްކަމުން ދިޔަ ވާހަކަތައް ލަމްހާގެ ހިތުގެ އެންމެ ފުންމިނުގައި ރައްކާކުރެވުނެވެ.
" އެއްޗެއް ނުބުނާނަންތަ؟ އަހަރެން މި ހަދަނީ ދޮގު ކަމަށްތަ ހީވަނީ؟ "
ސީރިއަސްކަމާއެކު މާހިލް އެހެން އަހާލުމުން ލަމްހާ އިސް އުފުލައި ބަލައިލިއެވެ. އޭރު އޭނާ ހުރީ ކޮންމެވެސް ވަރަކަށް ފެންކަޅިވެފައެވެ.
" ނޫން! އަހަންނަށް އެނގޭ މާހިލް އަހަރެން ނުތަޅުވާނެކަން.. އަދި އަހަންނަށް ދެރަވާގޮތަށް އެއްވެސް ކަމެއް ނުކުރާނެކަންވެސް އެނގޭ! އަހަންނަށް މާހިލްދެކެ ލޯބިވެވުނުތާ ކިތަންމެ ދުވަހެއް.. ފުރަތަމަ ނަޒަަރުންވެސް އަހަރެންގެ ހިތުގައި މާހިލްގެ ސޫރަ ބިންވަޅު ނެގުނު.. އެއްކޮށް އުޅެން ފެށުމުން މާބޮޑަށް ލޯބި ޖެހުނު.. އަހަރެން އަނގަ ގަދަ ކަމުން ދުރުދުރުންވެސް އެމައުޟޫއަށް ދެވެނީ! އަސްލު މިގޮތަށް ވާހަކަ ދައްކަން ބިރުވެސް ގަތް.. ލަދުވެސް ގަތް.. އެއީ މާހިލްގެ ހިތުގައި އަހަންނަށްޓަކައި ވަނީ ކޯއްޗެއް ކަމެއް އަހަންނަކަށް ނޭނގެ.."
ލަމްހާގެ މޫނުމަތީގެ ޝުޢޫރުތަކުން އޭނާއަށް ވަރަށް އަސަރުކޮށްފިކަން މާހިލަށް އެނގުނެވެ. އެހެންކަމުން އަނެއްކާވެސް އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" މިހާރު އެނގިއްޖެއެއްނު އަހަރެންވެސް ލަމް ބޭނުންވާކަން.."
ނުހަނު ލޯބިން މާހިލް އެހެން ބުނުމާއެކު ލަމްހާގެ މޫނުމަތި ރަތްވެގެން ދިޔައީ ލަދުންނެވެ.
***
އެނދުމަތީގައި އޮތް ފޯން އެތައް ފަހަރަކު ވައިބްރޭޓް ވުމުން މުއާޒް ބޯ ހިއްލާލުމަށްފަހު ފޯނު ނެގިއެވެ.
" މުއާ! ކިހާ އިރަކަށްތަ އާދެވޭނީ؟ އަހަރެން ރޭގައިވެސް ހާދަ ގުޅީމޭ! މާ އަވަހަށް ނިދުނީތަ؟"
ޒާރާ ވާހަކަ ދެއްކީ ކަންބޮޑުވެ ހުރެއެވެ.
" އެނގޭތަ؟ އެއްކަލަ ގޮތަށް ކުކުޅު މި ހެދީ! ބުނީމެއްނު ޒާ ހަދާ ގޮތަށް ސޯސް އަޅައިގެން ކުކުޅު ހެދީމަ ވަރަށް މީރޭ"
ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ޒާރާ ބުންޏެވެ. އޭރުވެސް މުއާޒް އޮތީ ޒާރާ ދައްކާ ވާހަކަ އަޑުއަހާށެވެ.
" މުއާ؟ "
މުއާޒް އެއްޗެއް ނުބުނުމުން ޒާރާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.
" އޫމް؟ އަހަރެން.. ނުދަމޭ! "
އަވަސް އަވަހަށް މުއާޒް ބުންޏެވެ. އޭރު އޭނާ އޮތީ އިންތިހާއަށް ދެރަވެފައެވެ. މުއާޒް އެހެން ބުނުމާއެކު ޒާރާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.
" ކިހިނެއްވީ؟ ބަލިވީތަ؟ "
ޒާރާ އެހިއެވެ.
" ނޫން.. ފިހާރަ ކުޑަކޮށް ބިޒީވީ! ބިޒީކަން ފިލީމަ ދެވޭނީ..."
ޒާރާއަށް ދޮގު ހަދަން ބޭނުން ނުވި ނަމަވެސް، މުއާޒް ޙަޤީޤަތް ސިއްރު ކުރިއެވެ.
" އަޅޭ! ދެން... އަހަރެން ހާދަ އިންތިޒާރެއް ކޮށްފީމޭ! ރޭގަވެސް ރަނގަޅަށް ނުވެސް ނިދުނު.. ދެން ހަމަ ބައްޕަވެސް ހުންނާނެ އެއްނު"
ވީ ދެރައިން ޒާރާއަށް ޝަކުވާ ކުރެވެން ފެށުނެވެ.
" ޒާ! އަހަރެން މިބުނީނު ކަންތައް ވީ ގޮތް..ބައްޕައެއް ނޫނެއްނު މީގެ ކުރިންވެސް ފައިސާ ބަލަހައްޓަނީ؟ މީރާއަށް ފޮނުވަންޖެހޭ ބައިވަރު ރިޕޯޓްސް އެބަހުރި ނުނިމި.. ދެން ޤަބޫލު ކޮށްބަލަ!"
ދުވަހަކުވެސް ވާހަކަ ނުދައްކާ ރާގަކަށް މުއާޒް ވާހަކަ ދެއްކުމުން ޒާރާ ދެރަވެއްޖެއެވެ. މުއާޒް ފިކުރު ބޮޑުވެފައިވާވަރު އެހިނދު އޭނާއަށް އިޙްސާސްވެސް ކުރެވުނެވެ.
" އަހަރެން ޤަބޫލު ކުރަމޭ! އެކަމަކު މީގެ ކުރިން ދުވަަހަކުވެސް އެއްވެސް ރިޕޯޓެއް ދުވަހަށް ނުނިންމައެއް މުއާ ނުބަހައްޓާނެ! ބުނެބަލަ! ކަމެއް ވީތަ؟ މުއާ ބަލީތަ؟ ނުބުންޏަސް އަހަންނަށް އެބަ ހީވޭ މުއާއަށް ކޮންމެވެސް ބަދަލުތަކެއް އަންނަހެން.. އަޑުވެސް ހުންނަނީ އަބަދު މިލާމޯޅިވެފައި.. ބުނެބަލަ! އަހަރެން ނެތީމަތަ؟ އަހަރެން ދާންވީތަ؟ "
ތެޅިގަނެފައި ޒާރާ ވާހަކަ ދެއްކީ ހިތުގައި ޖެހިގެންނެވެ.
" އަންނާށޭ ބުންޏަސް ޒާއަށް އާދެވޭނެތަ؟ "
ފަރުވާކުޑަ ރާގަކަށް މުއާޒް އެހެން ބުނުމުން ޒާރާގެ ދޫ ބަންދުވީ ކަހަލައެވެ. ތެދެކެވެ. ޖުމާ އެކަނި ކޮށްފައި އޭނާއަކަށް ނުދެވޭނެއެވެ.
(ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!