ކުރީގެ ޢަދަދާ ގުޅޭ:

" އަޅުގަނޑު މިދަނީއޭ.. މަންމަ މަޑުކުރޭ"
މުއާޒްގެ ޖުމްލައިން ކަފީލާއަށް ވަގުވަގަށް ހިނިތުންވެވުނެވެ.

Ad
rt

" ޒޯޔާގެ ފޮށިވެސް ސައިކަލުގައި ގެނެވޭނެތަ؟ "

މަންމަގެ ޖުމްލަ އަޑު އިވުމާއެކު މުއާޒް ބޯޖަހާލުމަށްފަހު ހިނގައިގަތެވެ. ބޭރަށް ނިކުމެ ސައިކަލަށް އަރާ، ދުއްވާލި އިރުގައިވެސް އޭނާގެ ސިކުނޑިއޮތީ މުޅިން ނުތަނަވަސްވެފައެވެ. ބަނދަރާ ދިމާލަށް ސައިކަލްގެ މިސްރާބު ބަދަލުކޮށްލުމާއެކު މީހުންތައް ލޯންޗުން ފައިބަމުންދާ މަންޒަރު އޭނާއަށް ފެނުނެވެ. އެހެންކަމުން ދުރުގައި ސައިކަލް ބެހެއްޓުމަށްފަހު އޭނާ ލޯންޗާ ދިމާލަށް ހިނގައިގަތެވެ.

" ރަށުން ބޭރު ކުއްޖަކު އައިތަ ؟ "

އާއްމުކޮށް މުއާޒް ވާހަކަ ދައްކާ އުޅޭ އިއްބެ ފެނުމާއެކު މުއާޒް އަހާލިއެވެ. އެއާއެކު އިއްބެ ފަހަތަށް އެނބުރި ޖެޓީއަށް ބަލައިލުމަށްފަހު ހިނިގަނޑެއް ޖަހާލިއެވެ.

" އެއީ ތިގެއަށް އައި މަންޖެއެއްތަ؟ ނުދަންނަ ކުއްޖަކު އެބައިން ލޯންޗް ތެރޭގައި..."

" ހޫމް.. އެއީ މަންމަގެ ރައްޓެއްސެއްގެ ދަރިޔެއް"

ވާހަކަ ގިނަ ނުކޮށް މުއާޒް ކުރިއަށް ހިނގައިގަންނަމުން ބުނެލިއެވެ. އެއާއެކު އަނެއްކާވެސް އޭނާގެ ކަންފަތުގައި ޖެހުނީ އިއްބެގެ އަޑެވެ.

" ކޮންމެ މީހެއްގެ ދަރިޔަކަސް އެއީ ފަތްމިންޏަކަށް ދޫ ކުރާވަރުގެ މަންޖެއެއް ނޫނޭ.. މުއާ ބަލައިގެން އުޅެއްޗޭ"

ހެމުންހެމުން އިއްބެ އެހެން ބުނި ނަމަވެސް މުއާޒް މާބޮޑު ސަމާލުކަމެއް ނުދިނެވެ. މަޑުމަޑުން ގޮސް ޖެޓީއަށް އެރުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ލޯންޗުން ފޭބި ޒުވާން އަންހެން ކުއްޖާއެވެ.

" މިހުރީ ތިގެއަށް އައިސް ހުރި ކުއްޖެއް"

ކައްޕިގެ އަޑަށް މުއާޒް ހިނިތުންވެލިއެވެ. އަދި ޖެޓީމަތީގައި ހުރި ޒޯޔާގެ ފޮށީގައި ހިފުމަށްފަހު ބުނެލިއެވެ.

" އާދޭ! މަންމަ ބުނެގެން ސައިކަލްގައި މިއައީ ބަލާ"

ލަދުން ހުރެ މުއާޒް އެހެން ބުނުމާއެކު ޒޯޔާ ހިނިތުންވެލިއެވެ. އަދި އުނަގަނޑުން ތިރިއަށް ފައިބައިފައިވާ އޭނާގެ ކަޅުކަންގަދަ ފަން އިސްތަށިގަނޑު ކޮނޑާ ދިމާއިން ކުރިމައްޗަށް ގެންނަމުން ހިނގައިގަތެވެ.

ބާރު ދުވެލީގައި ދުއްވާފައި ގޮސް ގޭ ދޮރުމަތީގައި ސައިކަލް ހުއްޓުމާއެކު ކަފީލާ ނިކުމެއްޖެއެވެ. އޭރު އޭނާގެ މޫނުމަތީގައިވަނީ އުފާވެރިކަމުގެ ފުޅާ ހިނިތުންވުމެކެވެ.

" ދަރިފުޅާ ޒޯޔާ! ހާދަ ބޮޑު ވެއްޖެޔޭ.. މިހާރު އަދި ވަކިން ރީތިހެން ހީވޭ"

ސައިކަލުން ފޭބި ޒޯޔާގެ ބުރަކަށީގައި ފިރުމަމުން ކަފީލާ ވާހަކަ ދެއްކިއެވެ. އެއަށްފަހު އޭނާ ޒޯޔާގެ އަތުގައި ހިފައިގެން ގެއަށް ވަންނަން ހިނގައިގަތެވެ. އޭރު މާ ކުރިން މުއާޒް ގޮސް ގެއަށް ވަދެއްޖެއެވެ.

" މުއާޒް! ސައި ނުބޮނީތަ؟ ސައިބޮއިގެން ދާން އަންނަންވީނު"

ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު ކަފީލާ ގޮވާލިއެވެ. ނަމަވެސް މަންމައަށް ބަލައިލުމަށްފަހު މުއާޒް ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

" އެއީ ދައްތަގެ ދޮށީ ފިރެހެން ދަރިފުޅު.. މުއާޒް... ހަގު މީހާ މާހިލް އުޅެނީ މާލޭގައި! މުއާޒް ވަރަށް ލަދު ގަންނާނެ! މީހުންނާ އެހާ ވާހަކައެއްވެސް ނުދައްކާނެ.. ސައިކަލްގައި އައި އިރު ވާހަކަ ދެއްކިތަ؟"

ކަފީލާ އެހެން އެހުމާއެކު ޒޯޔާއަށް ބަލައިލެވުނީ މުއާޒްގެ ކޮޓަރިއާ ދިމާލަށެވެ. އޭރުވެސް އޭނާގެ ދެލޮލުގައިވަނީ ދަހިވެތިކަމެވެ. ދެލޯ ކުޑަކޮށްލަމުން އޭނާ ފުން ނޭވާއެއް ދޫކޮށްލީ ހިނިތުންވެލަމުންނެވެ.

" ނޫން.. އެއްވެސް އެއްޗެއް ނުބުނެ"

ޒޯޔާ އެހެން ބުނުމާއެކު ކަފީލާއަށްވެސް ބަލައިލެވުނީ މުއާޒްގެ ކޮޓަރިއާ ދިމާލަށެވެ. އޭރުވެސް އޭނާ ބޭނުންވާ ކަންތައްތައް، އޭނާގެ ހިތުގައި ކުރަހާ ރާވަމުންދެއެވެ.

***

އާދައިގެ މަތިން މިއަދުވެސް ޖުމާ، ލަމްހާގެ ބަޔަށް ދިޔައީ ޝާހުއަށް ކާން ހަދާށެވެ. އެދުވަހަށްފަހު ޝާހު އައުމުގެ ކުރިން މަސައްކަތް ނިންމާލުމަށްފަހު ޖުމާ ގެއަށް އާދެއެވެ. އަދި އޭގެ ފަހުން އޭނާ އުޅެނީވެސް ޝާހަށް ފިލައިގެންނެވެ.

" އަހަރެން އެބަ އުޅެން މިއަދު! "

އައިސް އަލަމާރި ކައިރީގައި ހުއްޓުމާއެކު ކޮޓަރިން ނިކުތް ޝާހުގެ އަޑަށް ޖުމާ ދިޔައީ ސިހިގެންނެވެ. ޝާހުގެ މޫނަށް ބަލައިލެވުމާއެކު ޝާހުގެ މޫނުމަތީގައިވާ ނުތަނަވަސްކަން އޭނާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ޖުމާ އަވަސް އަވަހަށް ބޭރަށް ނިކުންނަން ހިނގައިގަތެވެ.

" ހޫނު ފެންތައްޓަކަށް ލުނބޯކޮޅެއް އަޅައިދެވިދާނެތަ؟ "

ބަލި އަޑަކުން ޝާހު އެހެން ބުނުމުން ޖުމާއަކަށް އިންކާރު ކުރާކަށް ނުކެރުނެވެ. ކުރިއަށް އެޅި ފިޔަވަޅު ފަހަތަށް އެޅުމަށްފަހު އޭނާ އަނެއްކާވެސް އެނބުރިގަތެވެ.

" އަހަންނަށް މަޢާފް ކުރޭ ޖުމާ! "

ޝާހު ދައްކާ ވާހަކަ އިވުނު ނަމަވެސް ޖުމާ ހުރީ އެއްވެސް ޖަވާބެއް ދޭން ބޭނުން ނުވެފައެވެ.

" އަހަންނަށް އެނގޭ އަހަރެންގެ ސަބަބުން ޖުމާއަށް މިހާރު އުނދަގޫ ވާނެކަން"

އަނެއްކާވެސް ޝާހު ބުނެލިއެވެ. އޭރު ޖުމާ އައިސް މޭޒުމަތީގައި ހޫނު ފެންތަށި ބަހައްޓައިފިއެވެ. މޭޒު ކައިރީގައި އިށީންދެ އިން ޝާހު ޖުމާގެ މޫނަށް ބަލައިލުމާއެކު ބޭއިޙްތިޔާރުގައި ޖުމާއަށްވެސް ބަލައިލެވުނެވެ. އެއާއެކު|ޝާހުގެ ދެލޮލުގައިވާ އުދާސްތައް ޖުމާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން އިތުރު ދިމާލަކަށް ބަލައިލާކަށް ޖުމާގެ ހިތެއް ނޭދުނެވެ.

" ސޮރީ އިނގޭ! "

އަނެއްކާވެސް ޝާހު ބުނެލިއެވެ. ޝާހުގެ އަޑު އިވުމާއެކު ޖުމާއަށް ތެޅިގަނެވުނެވެ. އޭނާ ބޭނުންވީ ވަގުތުން ޝާހު ކައިރިން ދުރަށް ދާށެވެ. އެހެންކަމުން އިތުރަށް މަޑުކުރުމެއްނެތި ޖުމާ ބާރުބާރަށް ހިނގައިގަތީ ބޭރު ދޮރާ ދިމާލަށެވެ.

" ޖުމާ! ޕްލީޒް"

އަނެއްކާވެސް ޖުމާގެ ދެފައިގައި ކަސްތޮޅުއެޅުވީ ޝާހުގެ ވޭނީ އަޑުންނެވެ. ޖުމާ ހުއްޓުމާއެކު ވަރުދެރަގޮތަކަށް ޝާހު ތެދުވެގެން ޖުމާާއާ ދިމާލަށް ހިނގައިގަތެވެ.

" ޖުމާ! "

އަނެއްކާވެސް އިވުނީ ޝާހުގެ އަޑެވެ. މިފަހަރު ޖުމާާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.

" އަހަންނަށް މަޢާފެއް ނުކުރާނަންތަ؟ "

ޖުމާގެ ފަހަތުގައި ހުއްޓުމަށްފަހު ޝާހު އަހާލިއެވެ. އެއާއެކު ދެލޯ ހުޅުވައި ބޮޑުކޮށްލަމުން ޖުމާ އެބުރިލީ ރުޅިއައިސް ހުރެއެވެ.

" ކިހިނެއް ވެގެންތަ ތިއުޅެނީ؟ "

ދުލުން ބޭރުކުރަން ބޭނުން ނުވި ނަމަވެސް ޖުމާއަށް ބުނެވުނީ ނުހަނު ބާރަށެވެ. އެއާއެކު ހައިރާންވެފައި ހުރެ ޝާހުއަށް ފަހަތަށް ޖެހިލެވުނެވެ.

" ޝާހުއާހެދި އަހަންނަށް ވަރަށް އެބަ އުނދަގޫވޭ! ތިގޮތަށް އަހަންނާ ވާހަކަ ނުދައްކަފާނަންތަ؟ "

މިފަހަރު ޖުމާގެ އަޑުގައިވަނީ މާޔޫސީ ރާގެކެވެ. އާދޭހުގެ އަޑަކުން ޖުމާ ބުނެލި ޖުމްލައިން ޝާހުއަށް މަޑުޖެހެވުނެވެ. ދޭނެ ޖަވާބެއް ނޭނގި އޭނާއަށް ހުރެވުނީ ޖުމާގެ މޫނަށް ބަލާށެވެ.

" ކީއްވެތަ ޖުމާގެ މޫނުމަތީގައިވާ ވާހަކަތައް އަހަންނަށް ނޭނގިގެން މިއުޅެނީ؟ ޖުމާގެ މޫނުމަތިން އަހަންނަށް ފެންނަމުންދާ ހިތާމައިގެ އަސަރުތަކަކީ އެންމެ ފުރަތަމަ ޖުމާއާމެދު އަހަންނަށް ޝައުޤުވެރިވާން މެދުވެރިވި ސަބަބު.."

" ޝާހު ޕްލީޒް... އަހަރެންގެ ވާހަކަތައް |ޝާހުއަށް އެނގެން ޖެހޭނެ ކަމަކަށް އަހަރެން ނުދެކެން"

ތަންކޮޅެއް ބާރަށް އެހެން ބުނުމަށްފަހު އިތުރަށް މަޑުނުކޮށް ޖުމާ ނިކުމެގެން ދިޔައެވެ. އޭރުވެސް |ޝާހުއަށް ހުރެވުނީ އެދިމާލަށް ބަލާށެވެ.

ބާރުބާރަށް ގޮސް ޖުމާ އެތެރެއަށް ވަނުމާއެކު އުނދުން ކައިރީ ހުރި ޒާރާ ފަހަތް ބަލައިލިއެވެ. އެއާއެކު ގިސްލަމުން އަންނަ ޖުމާ ފެނި ޒާރާގެ ހިތް ތެޅިގަތެވެ.

" ކިހިނެއްވީ؟ އޭ ޖުމާ! ކިހިނެއްތަވީ؟ "

ޖުމާ އައިސް ޒާރާގެ ގައިގައި އޮޅުލައިގަތުމާއެކު ޒާރާ އަވަސް އަވަހަށް ސުވާލު ކުރަމުން ދިޔައެވެ.

" ދޮންތާ! ޝާހު... ޝާހު..."

ރޮމުން ރޮމުން ޖުމާ މަސައްކަތް ކުރަމުން ދިޔައީ ޝާހުގެ ވާހަކަތައް ޒާރާއަށް ކިޔައިދެވޭތޯއެވެ.

" ފުރަތަމަ ހުއްޓާލަބަލަ! ޖުމާއަށް ޝާހު ކަމެއް ކުރީތަ؟ ހަމަޖެހިލަބަލަ! "
ޖުމާ ދެފަރާތަށް ބޯ ހޫރާލުމަށްފަހު ޒާރާއާ ދުރަށް ޖެހިލިއެވެ. އަދި ފުރަގަސް ދިނުމަށްފަހު ދުރަށް ހިނގައިގަތެވެ.

" ޝާހު އަހަރެންދެކެ ލޯބިވާކަން އަހަންނަށް އިޙްސާސް ކުރެވޭ ދޮންތާ! އެދެލޮލުން އަހަންނަށް އެ ލޯބި ފެނިއްޖެ! އަހަންނަށް އިޙްސާސް ކުރެވޭ މިހާރު... އެކި ގޮތްގޮތުން އޭނަ އަހަންނަށް އިޙްސާސް ކޮށްދޭން މަސައްކަތްކޮށްފި"

ޖުމާ ރޮވިފައި ހުރެ ދައްކަމުންދާ ވާހަކަތކުން ޒާރާގެ މޫނުމަތީގައި ރުޅިވެރިކަން އުތުރި އަރައިގަތެވެ. އެހެންކަމުން އަވަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާ ޖުމާގެ ކުރިމައްޗަށް އަރާ ނުރުހުންތެރިކަމާއެކު ޖުމާއަށް ބަލައިލިއެވެ.

" ޖުމާ މޮޔަވީތަ؟ ތިއުޅެނީ އެއްކަމަކުން އަރައި ނުގަނެވިގެން.. ފިރެހެނުންނަށް ކުރާ އިތުބާރު ގެއްލިއްޖެޔޭވެސް ހަމަ ޖުމާއެއްނު ބުނީ! މާހިލްއާ ހެދި ދުނިޔޭގައި އުޅޭ ހުރިހާ ފިރެހެނުންވެސް އެއްހަމަ ކުރީވެސް ހަމަ ޖުމާ! ދެން މިހާރު ތި ކިޔަނީ ކީކޭތަ؟ ޖުމާ ތި އިން ހާލު އެނގޭ އިރަށް ޝާހުވެސް ފިލާނެލަން އަހަންނަށް އެނގޭ! ފިރެހެނަކު ލޮލުގެ ހިމަކޮޅުން ބަލައިލާއިރަށް އޭނަ ލޯބިވަނީއޭ ހީކުރާތީއޭ މައްސަލައަކީ! މާހިލްގެ އެންމެ އިޝާރާތަކުން ޖުމާ އޭނައަށް އިތުބާރުކޮށް އޭނަގެ މަޅީގައި ޖެހުނީ! އެކަމުގެ ސަބަބުން ހަލާކުވެގެން ދަނީ ހަމައެކަނި ޖުމާގެ ޙަޔާތެއް ނޫނޭ! އަހަރެންގެ ޙަޔާތްވެސް... އެކަން ޖުމާ ހަނދާން ނައްތާނުލައްޗޭ!"

ދެއަތް އުރާލަމުން އެހެން ބުނުމަށްފަހު ޒާރާ ބާރުބާރަށް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް ޖުމާގެ ކަނފަތުގައި ޒާރާގެ އަޑު ގުގުމަމުން ދެއެވެ. މީގެ ކުރިން އެހާ ބާރަށް އެއްޗެއް ބުނެފައިވާ ނުވާ ޒާރާ މިއަދު ޖުމާއަށް އަޑު އުފުލުމުން ޖުމާ ހުރީ ނުހަނު ބޮޑަށް ހިތުގައި ޖެހިފައެވެ.

" އެކަމުގެ ސަބަބުން ހަލާކުވެގެން ދަނީ ހަމައެކަނި ޖުމާގެ ޙަޔާތެއް ނޫނޭ! އަހަރެންގެ ޙަޔާތްވެސް... އެކަން ޖުމާ ހަނދާން ނައްތާނުލައްޗޭ!"

ޒާރާ ބުނެލި އެ ޖުމްލައިން ޖުމާގެ ކަންފަތަށް އޭރުވެސް އުނދަގޫ ކުރުވަމުން ދިޔައެވެ. ހާސްވެ މާނޭވާ ލަމުން ޖުމާ އަނެއްކާވެސް ހިނގައިގަތީ ޝާހުގެ ބަޔަށް ދާށެވެ. ގައިގައި ހުރި ބާރެއް ލުމަށްފަހު އެބައިގެ ދޮރު ހުޅުވައި އެތެރެއަށް ވަތް އިރު ޖުމާގެ ދެލޮލުން ފެންތައް ފައިބަމުން ދެއެވެ. މޭޒުގައި ބޯ އަޅައިގެން އޮތް ޝާހު ސިހިފައި ބޯ ހިއްލައިލީވެސް ހަމަ އެވަގުތެވެ. އޭރު ޖުމާ ހުރި ޙާލަތު ފެނި ޝާހުއަކަށް ނީނދެވުނެވެ. ބާރުބާރަށް ތެދުވެގެން ގޮސް ޖުމާގެ ކުރިމަތީގައި ހުއްޓި ސުވާލުގެ ނަޒަރަކުން އޭނާ ބަލަން ފެށިއެވެ. އޭރުވެސް ޖުމާ ދިޔައީ މަޑުމަޑުން ގިސްލަމުންނެވެ. ދެމީހުންގެ ނަޒަރު ސީދާވެ ބަލަހައްޓައިގެން އިރުކޮޅަކު ތިބެވުނީ ވާހަކަ ދައްކަންވީ ކާކުކަމެއް ނޭނގިފައެވެ.

" ކި..ކީއްވެ ރޮނީ؟ "

ވަރަށް އުދަގުލުން ޝާހު ސުވާލު ކުރިއެވެ. އެއާއެކު ޖުމާއަށް އިސްޖަހާލެވުނެވެ. ދެއަތް ދެއަތާލައި ފިތަމުން އޭނާވެސް މަސައްކަތްކުރީ ވާހަކަ ދެއްކޭތޯއެވެ.

" ޝާ...ޝާހު.... އަހަރެން ބޭނުންތަ؟ "

ހާސްވެފައި ހުރެ ޖުމާ އެހެން އަހާލުމާއެކު ޝާހުގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ދާދި ދެންމެއަކު ނުރުހުންވެގެން ދިޔަ ޖުމާ މިހާރު ދައްކަމުންދާ ވާހަކަ ބަދަލުވެފައިވާތީ އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

" އަހަރެންދެކެ ލޯބިވޭތަ؟ "

އަނެއްކާވެސް ޖުމާ އެހިއެވެ.

" ކުއްލިއަކަށް ކީއްވެ ތިގޮތަށް ތި ވާހަކަ ދައްކަނީ؟"

ޤަބޫލު ނުކުރެވޭ ޙާލު ޝާހު ސުވާލު ކޮށްލީ ޖުމާއާ ކައިރިއަށް އިތުރު ފިޔަވަޅެއް އަޅަމުންނެވެ. އެއާއެކު ޖުމާއަށް ފަހަތަށް ޖެހިލެވުނެވެ.

" އަހަރެންގެ ހިތުގައި މި އުފެދެނީ ވަހުމެއްތަ؟ ޝާހު އަހަރެން ބޭނުން ނޫނީތަ؟"

" ނޫން.. އަހަރެން ވަރަށް ބޭނުން ޖުމާ! އަހަރެން ބޭނުން ޖުމާއާ ކައިވެނި ކޮށްގެން ރީތި ދިރިއުޅުމެއް އުޅެން"

ވަގުތުގެ ބޭނުން ހިފައި ޝާހު އަވަސް އަވަހަށް ބުނެލިއެވެ. އެއާއެކު ޖުމާ ގަދަކަމުން ހިނިތުންވެލިއެވެ. އަދި އިސްޖަހާލުމަށްފަހު އޭނާ ބަނޑުގައި އަތްޖައްސާލިއެވެ.

" އަހަރެންގެ ހަށިގަނޑުގައި އިތުރު ފުރާނައެއް އެބައޮތް.. އެހެންވިޔަސް... އަހަރެން ޤަބޫލު ކުރާނަންތަ؟"

މިފަހަރު ޖުމާ ބުނެލި ޖުމްލައިން ޝާހުއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހައިރާންވެފައި އޭނާއަށް ހުރެވުނީ ޖުމާއަށް ބަލަހައްޓައިގެންނެވެ.

" ޖުމާ؟ ތިކުރަނީ ކޮންކަހަލަ ސަމާސާއެއް؟"

ބާރުވެފައިވާ ޝާހުގެ ދެތުންފަތް ހަރަކާތްކޮށްލީ ވަރަށް އުނދަގުލުންނެވެ. އެއާއެކު ޖުމާ ދެރަވެފައި ހުރެ ހީލިއެވެ.

" މިއީ ސަމާސާއެއް ނޫން ޝާހު... މިއީ ޙަޤީޤަތެއް"

" ތިއީ މީހެއްގެ އަނތްބެއްކަން ކުރިން އެނގުނު ނަމަ އަހަރެން މިހެންނެއް ނޫޅުނީމުސް"

ފަހަތަށް ޖެހިލަމުން ޝާހު ބުންޏެވެ. އެއާއެކު ޖުމާ އިސްޖާލިއެވެ.

" އަހަރެން އަދި ކައިވެންޏެއް ނުކުރަން."
މިފަހަރު ޖުމާ ބުނެލި ޖުމްލައިން ޝާހުއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އެހެންކަމުން އޭނާއަށް ބޭއިޙްތިޔާރުގައި ހިނިގަނޑެއް ޖަހާލެވުނެވެ.

" އަހަރެން ތަޅުވަނީތަ؟ "

ހިމޭން ވުމަށްފަހު ޝާހު އަހާލިއެވެ. އެވަގުތު ޖުމާ ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި ވޭނީ ނަޒަރަކުން ޝާހުގެ ދެލޮލަށް ބަލައިލިއެވެ.

" މީހަކަށް ކުރެވުނު އިތުބާރަކަށް އަހަންނަށް ހެދުނު ގޯހެއް"

ޖުމާގެ އަޑު އިވުމާއެކު ޝާހުއަށްވެސް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭރު ޖުމާގެ މޫނުމަތިން ފެންނަމުންދަނީ ކަންބޮޑު ވުމުގެ އަސަރުތަކެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)