ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތް، ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފިއެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ވާދަކުރެއްވީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެކުވެގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައެވެ.
"ދިވެހީންގެރާއްޖެ" މި ޝިޢާރުގެ ދަށުން، ކުރިއަށް ގެންދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި 53 ދުވަހުގެ ތެރޭގައި، ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، ހުރިހާ ސިޓީތަކަށް ރައީސް ވަނީ ޒިޔާރަތްކުރައްވާފައެވެ.
ރިޔާސީ އިންތިޚާބުގެ ހަރަކާތްތަކުގައި ދިވެހި ޤައުމުގެ ޙާލަތާއި ކުރިމަގާމެދު އެމަނިކުފާނުގެ ވިސްނުންފުޅާއި ތަސައްވުރާއި ސިޔާސަތު ހާމަކުރައްވައި، 205 ފަހަރު ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ރިޔާސީ އިންތިޚާބުގައި ދައްކަވާ ހުރިހާ ވާހަކަފުޅުތަކާއި، ވެވަޑައިގަންނަވާ ހުރިހާ ވަޢުދެއް އެއްފޮތެއްގެ ސިފައިގާ ޝާއިޢުކުރައްވައި އާންމުކުރެއްވުމަކީ، ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
1024 ސަފުހާގެ މައްޗަށް އެކުލެވޭ މިފޮތުގައި، ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ކޮންމެ ވާހަކަފުޅެއްގައި ވެވަޑައިގެންނެވި މުހިންމު ވަޢުދުތައް ވަކީން ފާހަގަކޮށްދެއްވާފައިވެއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކާއި، ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ފޮޓޯތައްވެސް ހިމަނުއްވާފައިވެއެވެ.
މިއީ، ދިވެހިރާއްޖޭގެ ރައީސަކު، ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތަކާއި، އިންތިޚާބުގައި ދެއްކެވި ވާހަކަފުޅުތައް ފޮތެއްގެ ސިފައިގާ އެކުލަވައިލައްވާ އާންމުކޮށް ޝާއިޢުކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން މިފޮތުގައި ހިމެނޭ ވާހަކަފުޅުތައް ވަކިވަކިން ބައްލަވައިލެއްވުމުގެ އިތުރުން، މުޅި ފޮތް ޕީ.ޑީ.އެފް. ފޯމެޓްގައި ޑައުންލޯޑްވެސް ކުރެއްވެއެވެ.
ފޮތް ބައްލަވައި، ޑައުންލޯޑް ކުރެވޭނެ ލިންކު: https://presidency.gov.mv/drmuizzu2023
މިފޮތް ޗާޕުކޮށް، މި ފެބްރުއަރީ މަހުގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކަށާއި، ސްކޫލް މަދަރުސާތަކަށާއި، ލައިބްރަރީތަކަށް ހަދިޔާކުރެއްވުމަށް ވެސް ވަނީ ހަމަޖައްސަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!