ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ދ ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" އަށް އިނާމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވާން ހއ.އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލި ފުރުސަތުގެ ދަށުން ބައިވެރިވި ފަރާތްތަކުގެ މެދުގައި އޮޑިޝަން ބާއްވައި މިހާރު ވަނީ މުބާރާތަށް 20 ބައިވެރިން ހޮވާފައެވެ.
އިނާމް ހުށަހަޅަން ހުޅުވާލާފައި ވަނީ ޖުމްލަ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެ ހަތަރު ބަޔަށް އިނާމް ހުށަހަޅަން ވަކިތާރީހުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ.
- 20 ވަނައިން 14 ވަނައަށް / އިނާމް ހުށަހެޅޭ މުއްދަތު 15 މާޗް 2024 ގެ 14:00 ގެ ނިޔަކަށް
- 13 ވަނައިން 10 ވަނައަށް / އިނާމް ހުށަހެޅޭ މުއްދަތު 21 މާޗް 2024 ގެ 14:00 ގެ ނިޔަކަށް
- 10 ވަނައިން 6 ވަނައަށް / އިނާމް ހުށަހެޅޭ މުއަދަތު 22 މާޗް 2024 ގެ 14:00 ގެ ނިޔަކަށް
- 5 ވަނަ އިން 1 ވަނައަށް / އިނާމް ހުށަހެޅޭ މުއްދަތު 29 މާޗް 2014 ގެ 14:00 ގެ ނިޔަކަށް
އިނާމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ގޫގުލް ފޯމް ފުރިހަމަ ކުރުމަށް ފަހު ކަނޑައެޅިފައިވާ ތާރީހުތަކުގެ ކުރިން ސަބިމިޓް ކުރުމަށް އެ ކުލަބުން އެދެއެވެ. އަދި އިނާމް ހުށަހަޅަން ބޭނުންވާ ފާރާތްތަކަށް ބޭނުންވާ އިތުރު މައުލޫމާތު 7656766 މި ނަމްބަރަށް ގުޅުމުން ލިބިލައްވާނެއެވެ.
އަންނަ ރަމަޟާން މަހު ބާއްވާ މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގެ ކިޔެވުން އޮންނާނީ މި އަހަރުގެ މާޗް މަހުގެ 15 އަދި 16 ގައެވެ. ދެވަނަ ބުރުގެ ކިޔެވުން އޮންނާނީ މާޗް މަހުގެ 21 އަދި 22 ގައެވެ. މުބާރާތުގެ ފައިނަލް ކުރިއަށް ގެންދަން ރާވާފައި ވަނީ ދެ ދުވަހަކަށް ބަހާލައިގެންނެވެ. ފައިނަލްގެ ފުރަތަމަ ކިޔެވުން މާޗް 28 ގައި ބާއްވާއިރު ގްރޭން ފިނާލޭ އޮންނާނީ ޖެހިގެން އަންނަ ރެއެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުން އެވެ. ތިލަދުން އިން މުބާރާތުގެ ބައިވެރިންގެ ޕްރޮފައިލް ގެނެސްދިނުމުގެ އިތުރުން، މުބާރާތާއި ގުޅުންހުރި ހުރިހާ ހަބަރެއް ވަރަށް ތަފްސީލްކޮށް ގެނެސްދޭނެއެވެ.
މި މުބާރާތަށް އަތޮޅު ތެރެއިން ދިއްދޫއަށް އަންނަ ބައިވެރިންގެ ދަތުރު ހަރަދާއި ހުރުމާއި ކެއުން ހިމެނޭހެން އެންމެހާ އިންތިޒާމްތައް މުބާރާތް ހިންގާ ފަރާތުން ހަމަޖައްސައިދޭނެއެވެ.
މި މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ވަނީ ތިން އުމްރާ ދަތުރު ދިނުމަށް ނިންމާފައެވެ. އަދި މީގެ އިތުރުން ވެސް ގިނަ ވަނަތަކެއް ހޮވައި އަގުހުރި އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އަތޮޅުގައި އުފެއްދުމާއި ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެދޭނޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހް ރަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމެވެ. އެ އަތޮޅުގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި އެ އަތޮޅު ތަމްސީލްކުރާނޭ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދެކެވެ.