ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ ސިލްސިލާ ފޯރަމް ''އަހާ''ގެ ފުރަތަމަ ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ފޯރަމް އޮންނާނީ މިރޭ 20:30 ގައި މާލޭގެ ސަލްޓަންޕާކުގައެވެ.
މި ފޯރަމް ބާއްވަން ނިންމާފައި ވަނީ ކޮންމެ ދެ މަހަކުން އެއް މަހުއެވެ. މި ފޯރަމްގައި ރައްޔިތުން ވަޒީރުންނާ ކުރަން ބޭނުން ކޮންމެ ސުވާލެއް ވެސް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި މި ފޯރަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްކާ ގުޅޭގޮތުން ވަޒީރުން ރައްޔިތުންނަށް މައުލޫމާތު ވެސް ދެއްވާނެއެވެ.
މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން:
1- އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު: ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު
2- އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު: މުޙައްމަދު ސަޢީދު
3- އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ވަޒީރު: ޢާއިޝަތު ޝިހާމް
4- އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު: ޑރ.ޢަބްދުﷲ މުއްޠަލިބް
5- ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ވަޒީރު: ޢަބްދުﷲ ރާފިޢު
ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ ސިލްސިލާ ފޯރަމް - އަހާ
ފުރަތަމަ ފޯރަމް މިރޭ 8:30 ގައި ސަލްޓަންޕާކުގައި. ސުވާލުކުރެއްވުމުގެ ފުރުޞަތު ރައްޔިތުންނަށް ވަނީ ހުޅުވާލާފައި. pic.twitter.com/CQDhebM0cj
— The President's Office (@presidencymv) January 25, 2024
މިރޭގެ ފޯރަމްގައި ވަޒީރުންނާއި ސުވާލުކުރެއްވުމުގެ ފުރުޞަތު ރައްޔިތުންނަށް ވަނީ ހުޅުވާލާފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. މިގޮތުން ސުވާލު ފޮނުއްވުމަށް AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު އެސްއެމްއެސް ކުރަންޖެހެނީ 300 އަށެވެ. މީގެ އިތުރުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
މި ފޯރަމް ކުރިއަށް ގެންދާނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އާއި ރައީސް އޮފީސް ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!