ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ރޯދަ މަސް ތެރެއަށް ވަންނާތީ އާއި އިންތިހާބުތައް ރޯދަ މަސްތެރޭގައި ބޭއްވުން ހުއްޓުވުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް އިސްލާހު ހުށަހަޅައިފިއެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ގާނޫނުގެ 43 ވަނަ މާއްދާ އަށް ވަނީ އަކުރުތަކެއް އިތުރުކުރަން ހުށަހަޅައިފައެވެ. އޭގައިވާ ގޮތުން ރޯދަ މަސްތަކުގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެއެވެ. ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް ވެސް ޝިފާއުގެ އިސްލާހުގައިވެއެވެ.
އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނު ނުވަތަ އާންމު ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލު ކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ރޯދަ މަހު އިންތިހާބު ނުބޭއްވުމަށްޓަކައި ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަދަލު ގެނެސް، އިލެކްޝަން ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަން ވާނެ ކަމަށް އޭގައިވެއެވެ.
ޝިފާއު ވިދާޅުވި ގޮތުގައި މި އިސްލާހު ހުށަހެޅުއްވީ ރޯދަ މަހާ ގުޅިފައިވާ ދިވެހިންގެ ހާއްސަ އާދަކާދަތަކާއި އަދި ރޯދަ މަހާ ގުޅިގެން ދައުލަތުގެ މުވައްޒަފުންގެ ވަޒީފާއަދާކުރުމުގައި ވެސް ގެންނަ ބަދަލުތަކާއި މިއެންމެހާ ކަމަކަށް ރިއާޔަތް ކުރުމުގެ ގޮތުންނެވެ. ވީހާ ގިނަ ބަޔަކުގެ ބައިވެރިވުން ހިމެނޭފަދަ އިންތިހާބެއްކަން އިތުރަށް ކަށަވަރުކޮށް ޔަގީން ކުރަން ބޭނުންވާ ކަމުގައި ޝިފާއު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ގޮތުގައި އަންނަ މާޗް މަހުގެ 17 ގައި އިންތިހާބު އޮންނާނެއެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފްތާއެވެ.
އިންތިހާބުތައް ރޯދަ މަހު ބޭއްވުން މަނާކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅާފައި މިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދަ މަހު ބޭއްވުމާ ދެކޮޅަށް ސިޔާސީ ބޮޑެތި ޕާޓީތައް ހިމެނޭހެން ގިނަ ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!