އަންނަ އާދިއްތަ ދުވަހު، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އަށް ޓެސްޓް ފްލައިޓް ޖައްސަން ތައްޔާރުވެފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން ހާމަކޮށްފިއެވެ.

ރީޖަނަލް އެއާޕޯޓްސް އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ 1،200 މީޓަރުގެ ސަރަހައްދެއްގައި ރަންވޭ ލައިޓް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހު ޓެސްޓް ފްލައިޓެއް ޖެއްސޭ ވަރުވާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުންޏެވެ.

Ad
rt

ރީޖަނަލް އެއާޕޯޓްސް އިން ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ ޓެކްނިކަލް އިންސްޕެކްޝަންގައި މޯލްޑިވިއަންގެ އިން ބައިވެރިވެފައިވާތީ ޝުކުރު އަދާކޮށްފައެވެ.

"އަޅުގަނޑުމެންނަށް ލިބޭ އުފަލަކީ، މި މަޝްރޫއުގެ މަސައްކަތް ޓައިމްލައިންގެ ތެރޭގައި ކުރިއަށްދާކަން، އަދި އާ ރަންވޭގެ ނިމިފައިވާ 1،200 މީޓަރުގެ ސަރަޙައްދެއްގައި ފްލައިޓް އޮޕަރޭޓްކުރުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން،" ރީޖަނަލް އެއާޕޯޓްސް އިން ބުންޏެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުއާ ގުޅިގެން އިންޑިއާ ހައި ކޮމިޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި ކުރިއެރުން ލިބިފައިވާތީ އެކަމާ އުފާ ކުރާ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމަރާތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހިނިހެން ވަސީލަތްތައް ވެސް ގާއިމު ކުރެވިގެންދާނެއެވެ. މި މަސައްކަތް ކުރަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްގެ ފަރާތުންނެވެ. މި މަޝްރޫއަށް 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަވާނެއެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެން ދާނެއެވެ.

މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގްތިސާދީ މައި ހަބެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ. މިގޮތުން އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.