ފުށިދިއްގަރު ފަޅު ހިއްކައިގެން މި ސަރުކާރުން ތަރައްގީކުރާ ޒަމާނީ ރަށް، ރަސްމާލެއާއި ވެރިރަށް މާލެ ގުޅުވައިލާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު (ބައި-އިލެކްޝަން)ގެ މޭޔަރު އަދި ކައުންސިލް މެންބަރުން ހުވައިކުރެއްވުމުގެ ދަރުބާރުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ރަސްމާލެ އާއި މާލެ ގުޅުވައިލުމަށް ކަނޑު އަޑިން އަޅާ ޓަނަލް ވެގެންދާނީ އެޓަނަލްގައި ރޭލުގައި ދުއްވާފައި ދާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލަކަށް ކަމުގައި ވަނީ ވިދާޅުވެފައެވެ.

ރަސްމާލެ އާއި މާލެ ގުޅުވައިލުމަށް ކަނޑު އަޑިން އަޅާ ޓަނަލްގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރުންވެސް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށާއި، އެ ޓަނަލް އެޅުމަށްޓަކައި އެކަމުގެ ޤާބިލުކަން ހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފީސިބިލިޓީގެ މަސައްކަތް ފަށާފައިވާ ކަމުގައި ވެސް ވިދާޅުވިއެވެ.

"ރަސްމާލެ" އަކީ ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ހިންގުމުގެ ބިންގާ އަޅާފައިވާ ރަށެވެ. މި ސަރުކާރުން ރަސްމާލެ ތަރައްގީކުރަން ނިންމާފައި ވަނީ ތިމާވެއްޓާ ރަށްޓެހި ޒަމާނީ ޑިޖިޓަލް ސްމާޓް ސިޓީއެއްގެ ގޮތުގައެވެ.

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ''ރަސްމާލެ'' ހިއްކުމުގެ މަޝްރޫޢު އެމަނިކުފާނު އިފްތިތާހުކޮށްދެއްވާފައި ވަނީ 18 ޑިސެމްބަރު 2023 ގައެވެ.

ފުށިދިއްގަރުފަޅުގައި މި ސަހަރު ބިނާކުރުމުގެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ރައީސް އެދުވަހު ވަނީ ވިދާޅުވެފައެވެ.

ފުށިދިއްގަރު ހިމެނޭ ހެން ހުޅުމާލެ އާއި ގުޅީފަޅާއި، ގިރާވަރު ފަޅުން ލިބޭ އެންމެ ބޮޑުމިނަކަށް ހިއްކައިގެން 65،000 ގެދޮރު ގާއިމް ކުރުމުގެ މަޝްރޫއު ކުރިއަށްގެންދަން ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. އަދި ފުށިދިއްގަރުން އެކަނި 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރުމަށް މެނިފެސްޓޯގައިވެއެވެ.

އެ މަޝްރޫޢާއެކު ފެށިގެން ދަނީ ދިވެހިންގެ ރަށްވެހިކަމުގެ އާ ޒަމާނެއް ކަމަށާއި، ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް މި ފަސް އަހަރުތެރޭ ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.