މާލޭ ސީޓީގެ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ހުރިހާ ސޯޝަލް ހައުސިން ފްލެޓްތަކުގެ މަހު ކުލި ކުޑަކުރަން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭންގައި މިއަދު ހުޅުމާލެ ފޭސް 1 އަށް ވަޑައިގެން އެ އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ހުޅުމާލޭގެ ފޭސް 1 ގައި ހުރި ފްލެޓްތަކުގެ މަހުން މަހަށް ދައްކަން ޖެހޭ އަދަދަކަށް މިހާތަނަށް ސަރުކާރަށް ލުއި ދެވިފައިނުވާކަން ފާހަގަކުރައްވާފައެވެ. އަދި ފޭސް އެކެއްގެ ސޯޝަލް ފްލެޓްތަކަށް މެއިންޓަނެސް ފީގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 4000ރ.، 6000ރ. އަދި 7000ރ. ވަރު އެތަންތަނުގެ ވެރިން ދައްކަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދު މިތަނުގައި އިއުލާން ކޮށްލަން ބޭނުން، މި ފުރަތަމަ ފިޔަވަހީގައި ހުރި ހުރިހާ ފްލެޓަކުން އަންނަ މަހުން ފެށިގެން 20 ޕަސެންޓު އަގު ކުޑަވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މި ލުއި ރައްޔިތުންނަށް ދެއްވީ މިވަގުތު އިޤުތިސާދި ހާލަތު ހުރި ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދަށްވެ، ރައްޔިތުންގެ އަތްމަތީގެ އާމްދަނީ ދަށްވެފައިވާތީ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވިގޮތުގައި ރައްޔިތުން ކުލި ދައްކަނީ ވަރަށް ހާލުގައެވެ. އެހެންވެ އެކަމަށް ސަރުކާރުން އެހީތެރިކަން ދޭން ބޭނުންކަމަށާއި، އެހެންކަމުން އެ ފްލެޓުތަކުގެ ކުލިން އުނިކުރާ 20 ޕަސެޓް މެނޭޖުކުރާނީ ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!