ވިލިމާލޭގެ ރައްޔިތުން ރިސްކެއް ނުނަންގަވާ މާލޭ ސިޓީގެ މޭޔަރުކަމަށް އާޒިމާ ޝަކޫރު ހޮވައިދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ.
ރައީސް މިމޭރުމުން ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭންގައި މިއަދު ވިލިމާލެއަށް ވަޑައިގެން އެ އަވަށުގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވަނީ ވިލިމާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ފަހިވުމުގެ ހުރިހާ މަރުހަލާތަކެއް ކަޑައްތުވެ، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ރައްޔިތުންނަށް ލިބޭ ހިސާބުގައި އޮއްވައި މޭޔަރަކަށް ސަރުކާރުގެ ފިކުރުގައި ނެތް އެހެން ޕާޓީއެއްގެ މޭޔަރަކު ހޮވައިފިނަމަ، އެ މޭޔަރު ކިތަންމެ ކަމެއް ކޮށްދޭން ބޭނުން ވިޔަސް އެ ބޭފުޅަކު އެ ނިސްބަތްވާ ޕާޓީން ކަންކަން ކުރާނެ ގޮތެއް ނޭނގޭނެކަމަށް ވިދާޅުވެފައެވެ.
އެހެންވެ، ރައީސްގެ ވާހަކަފުޅުގައި ވަނީ، ވިލިމާލޭގެ ތަރައްގީ ހުއްޓިދާނެ ފަދަ ރިސްކެއް އެ އަވަށުގެ ރައްޔިތުން ނުނަންގަވައި، މާލޭ ސިޓީގެ މޭޔަރަކަށް ސަރުކާރުގެ ކެންޑިޑޭޓު އާޒިމާ ހޮވައިދިނުމަށް އެދިވަޑައިގެންފައެވެ.
"ތި ބޭފުޅުން ރިސްކު ނުނަންގަވާތި. އަޅުގަނޑުމެންގެ ކެންޑިޑޭޓް ހޮއްވެވީމަ ވަރަށް ފަސޭހަކަމާއެކު ރައްޔިތުން އެދޭގޮތަށް ކަންކަން ތަރުތީބުވެ، މި ރަށުގައި މިތާގައި ކުރަން ޖެހޭ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ސަރުކާރުގެ ކެންޑިޑޭޓު މޭޔަރުކަމަށް ހޮވުމުގެ މުހިންމުކަން ސިފަކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިނގާގޮތުގެ މައްޗަށް މިސާލު ނަންގަވައިފައެވެ.
ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ މާލޭ ސިޓީގެ މޭޔަރު ކަމށް އާޒިމާ ހޮވައިދީފިނަމަ ވިލިމާލޭ ރައްޔިތުން އެދޭގޮތައް ކަންކަން ތަރުތީބުވެ، ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!