ކުރީގެ ދަތުރުފަތުރާބެހޭ ވަޒީރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ލީޑަރު، އައިޝަތު ނަހުލާ އަންނަ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
ނަހުލާ މިރޭ ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން ޢިއުލާން ކުރައްވާފައެވެ.
ނަހުލާ ވިދާޅުވެފައިވާ ގޮތުގައި 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ ދެކުނުދާއިރާ އަށް ވާދަކުރައްވަން އޭނާ ނިންމަވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ.
''އަޅުގަނޑު އުންމީދުކުރަނީ ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން,އަޅުގަނޑަށް ތާއީދުކޮށް ތިޔަބޭފުޅުންގެ ވޯޓް އަޅުގަނޑަށް ދެއްވުން.'' ނަހުލާ ވިދާޅުވެފަވެއެވެ.
އައްސަލާމް ޢަލައިކުމް
2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނުދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން މާތް ﷲގެ ވާގިފުޅާއިއެކު އަޅުގަނޑު ޢައިޝަތު ނަހުލާ(ޢައިޝާ)ކުރިމަތިލުމަށް ނިންމައިފީމެވެ.1/2
— Aishath Nahula (@aishath_nahula) January 1, 2024
ނަހުލާ އަންނަ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައި، އެކަން ޢިއުލާންކުރައްވާފައިވާއިރު ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލީހަށް ވާދަކުރަން ޝައުގުވެރިކަންހުރި އެ ޕާޓީގެ މެންބަރުން ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރަތަމަ ފުރުސަތު ހަމަވީ މިދިޔަ ޑިސެމްބަރު 26 އަށެވެ. ހަމަ އެދުވަހު އެ ޕާޓީން ވަނީ އެ ފުރުސަތު މިމަހުގެ 25 އަށް އިތުރުކޮށްފައެވެ.
ޖޭޕީން ފުރަތަމަ ހުޅުވާލި ފުރުސަތަށް 17 ދާއިރާ އަކަށް 18 ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރިކަމަށް މައުލޫމާތު ލިބެއެވެ.
މަޖިލީހުގެ އިންތިޚާބު އޮންނާނެ ތާރީޚެއް އަންނަ ހަފުތާގައި ޢިއުލާންކުރެވޭ ވަރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިއްޔެ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!