ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި، އަދި ސުނާމީއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަޕާނުގެ ބޮޑުވަޒީރު ކިޝިދާ ފުމިއޯއަށް ތަޢުޒިޔާ ގެ މެސެޖެއް ފޮނުއްވައިފިއެވެ.
އެ ޤައުމުގެ މެދުތެރޭގެ އިޝިކާވާއަށް އައި 7.6 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމާއި، އެ ބިންހެލުމާއެކު އެރި ސުނާމީއާ ގުޅިގެން، ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، މި ބިންހެލުމާއި، ސުނާމީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބައެއްގެ ގެދޮރު ގެއްލި، މުދަލާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގެ ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުކަމުގައި ވަނީ ވިދާޅުވެފައެވެ.
ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ރައީސް ޑރ. މުޢިއްޒުއާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، ޚާއްޞަކޮށް، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ވަނީ ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
ރައީސް މެސެޖު ނިންމަވާލައްވަމުން، އެމަނިކުފާނު ވަނީ ޖަޕާނުގެ ބޮޑުވަޒީރުގެ ޒަޢާމަތުގައި، މި ކާރިސާގައި ގެއްލިފައިވާ ފަރާތްތައް ހޯދުމާއި މީހުން ސަލާމަތްކުރުމުގެ އިތުރުން، އަލުން އެ ސަރަހައްދު އާރާސްތުކުރުމުގެ މަސައްކަތްތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ. އަދި މިކާރިސާއިން ޤައުމު އަވަހަށް އަރައިގަތުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.
ޖަޕާނަށް މިއަދު ދޮޅުގަޑިއިރު ތެރޭގައި 21 ބިންހެލުން އައި ކަމަށް އެގައުމުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީ (ޖޭއެމްއޭ)އަށް ވަނީ ރެކޯޑު ކުރެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!