ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި މިއަދި ކުޅުނު މެޗު ފަލްކަން އިން ކާމިޔާބު ކޮށްފިއެވެ.

ގްރޫޕް ބީގައި މިއަދު ހަވީރު ފަލްކަންއާއި ޑެޒަޔަރ ކްރޫ ބައްދަލުކުރި މެޗު، ފަލަކަން އިން ކާމިޔާބު ކޮށްފައި ވަނީ 6-4 ގެ ނަތީޖާއިންނެވެ. މި މެޗަށް ނުކުތްއިރު ވެސް މި ދެ ޓީމް އޮތީ މުބާރާތުން ކަޓާފައެވެ. މި ގްރޫޕުން ސެމީގެ ޖާގަ ހޯދީ ޝީލްޑާއި ރޫހް އެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި ރޫހް އާއި ޝީލްޑް ބައްދަލުކުރާނެއެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕް ބީގެ އެއްވަނަ ލިބޭނެއެވެ.

Ad
rt

މިއަދު މެޗުގައި ފަލްކަންގެ މަތީން ބަޝީރާއި މާއްދު އަދުނާން، މި ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން ފަލްކަން އަށް ލަނޑު ޖަހައިދިނީ އަހްމަދު މުސްތާގްގެ އިތުރުން މުހައްމަދު އިނާޔަތެވެ.

ފިނޭގެ ލަނޑުތައް ޖަހައިދިނީ އިބްރާހީމް މޫސާއާއި ހުސެއިން ހާފިޒްގެ އިތުރުން އަހްމަދު މާޖިދެވެ. މާޖިދު ވަނީ ދެ ލަނޑު ޖަހައިދީފައެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފަލްކަންގެ ޖޯޒީ ނަމްބަރު 9، މަތީން ބަޝީރެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅޭނެއެވެ. ބައްދަލުކުރާނީ ޔުނީފޯމާއި ޔޫތު ފްރެންޑްސްއެވެ. މިއީ ގްރޫޕް އޭގެ، ގްރޫޕް ސްޓޭޖުގެ ފަހު މެޗެވެ. މި މެޗުން މޮޅުވެގެން ގްރޫޕް އޭގެ އެއްވަނަ ހޯދުމުގެ ފުރުޞަތު ޔުނީފޯމަށް ވަނީ ތަނަވަސް ވެފައެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފް ކަޕްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު (2003، 2004، 2005، 2006، 2007، 2010، 2012، 2014، 2019، 2021) ފާއިތުވި ދިހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. ނަމަވެސް މި އަހަރަކީ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން މުބާރާތް އެކަމަށް ހާއްސަ ކުރުމުގެ ގޮތުން މުބާރާތުގެ ނަމަށް ވަނީ ބަދަލު ގެނެސްފައެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.