" މައްސަލައެއް ނޫން.. އެކަމަކު އަހަންނަކީ ވަރަށް ޕްރައިވަސީ ބޭނުންވާ މީހެއް... އެންމެންގެ ތެރޭގައި މޫދަށް އެރި ސަކަރާތް ޖެހުމަކީ އަހަރެން ކުރާހިތްވާ ކަމެއް ނޫނޭ.. ކޮންމެ ދުވަހަކުވެސް އެ ތުނޑީ މޫދަަށް މީހުން ދާނެ.."
މިފަހަރު މުއާޒްގެ ވިސްނުމާ ޒާރާގެ ޚިޔާލްތައް ތަފާތު ވެއްޖެއެވެ. މުއާޒް އެކަމަށް އެއްބަސް ނުވުމުން ޒާރާއަށް ޖެހުނީ ގޮތްދޫކޮށްފައި އެ ވާހަކަ ހުއްޓާލާށެވެ.
" ދެރަނުވައްޗޭ! "
މުއާޒް ޒާރާއަށް ބަލައިލަމުން ބުނެލިއެވެ. އެއްޗެއް ނުބުނެ ޒާރާ ބޯޖަހާލީ، މުއާޒާ އިތުރަށް ޝަކުވާ ކުރަން ބޭނުން ނުވާތީއެވެ.
" އުޅޭ ނިދާލަން! މާދަމާ ފިހާރައަށްވެސް ދާން ޖެހޭނެ"
ޒާރާގެ ކޮނޑުގައި ބޯ ޖައްސާލަމުން މުއާޒް ހަމަޖެހިލިއެވެ. އޭރުވެސް ޒާރާގެ ސިކުނޑި ދިޔައީ ތަފާތު ޚިޔާލުތަކުން ނުތަނަވަސް ކުރުވަމުންނެވެ.
" އަހަންނަށް މި ކުރެވުނީ ރަނގަޅު ކަމެއްބާ؟ ރަނގަޅަށް ދަސްނުވަނީސް ކައިވެންޏަކާ ހަމައަށް މި ދެވުނީ! މިގޭތެރެއިން އަދި އަހަރެން ހިތްހަމަޖެހޭ އެއްވެސް ކަމެއް ނުފެނޭ! މުޅިންވެސް ހިތް ނުތަނަވަސްވެފައި ހުންނަން މި ޖެހެނީ! "
ޒާރާއަށް ހިތާހިތާ ބުނެވުނެވެ. އެއާއެކު އޭނާގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ލަސްލަހުން ނޭވާ ލަމުން އޭނާއަށް ލޮލުން ކަރުނަ ފުހެލެވުނީ ރޯން ބޭނުން ނުވާތީއެވެ.
" ކޮންކަމަކާ ވިސްނާފަ ތި ރޮވެނީ؟ "
ޒާރާ ސިހުނީ އޭނާގެ ގައިގައި ބައްދާލައިގެން އޮތް މުއާޒްގެ އަޑަށެވެ،
" ނުނިދަންތަ؟"
އެތެރެއަށް ނޭވާ ދަމާލަމުން ޒާރާ އަހާލީ އެހާމެ އަވަހަށެވެ. އެއާއެކު މުއާޒް ލޯ ހުޅުވާލުމަށްފަހު ޒާރާއާ ދުރަށް ޖެހިލިއެވެ.
" ބުނެބަލަ! ކޮންކަމަކާތަ ވިސްނަނީ؟ "
އެނދުގެ ހެޑްބޯޑުގައި ލެނގިލަމުން މުއާޒް އަނެއްކާވެސް އަހާލިއެވެ. އެއާއެކު ޒާރާ ދެފަރާތަށް ބޯ ހޫރާލިއެވެ،
" ނުވިސްނަން"
ޒާރާގެ ޖަވާބު އިވުމާއެކު މުއާޒް އަނެއްކާވެސް ޒާރާއާ ކައިރިވެލިއެވެ.
" ތިހެން ބުންޏަސް އަހަންނަށް އެނގޭ ރުއިކަން! މޫދަށް ނުދިޔައީމަތަ؟ "
ޒާރާ މަޑުމަޑުން ދުރަށް ޖެހިލަމުން އެނދުން ތެދުވެ، ފާޚާނާއާ ދިމާލަށް ހިނގައިގަތެވެ. އެއާއެކު މުއާޒް ތެދުވެގެން ގޮސް ޒާރާގެ ކުރިމައްޗަށް އެރިއެވެ. އަދި ޒާރާގެ ދެކޮނޑުގައި ހިފަހައްޓާލަމުން އަނެއްކާވެސް އެހިއެވެ.
" ތި މޫނުމަތީގައިވާ ކުލަވަރު އަހަންނަކަށް އޮޅުވައެއް ނުލެވޭނެ! ބުނެބަލަ! ކިހިނެއްވީތަ؟ "
މުއާޒް އޯގާތެރިކަމާއެކު އަހާލުމާއެކު ޒާރާއަށް މުއާޒްގެ މޭމަތީގައި މޫނު ޖައްސާލެވުނެވެ. އެއާއެކު އަނެއްކާވެސް އޭނާއަށް ރޮވުނެވެ.
" ދެން ހުއްޓާލަބަލަ! ބުނެބަ އަހަންނަށް ބުނެވުނު އެއްޗަކުންދޯ އެހާ ދެރަވީ؟"
ޒާރާ ވާހަކަ ދައްކާތޯ މުއާޒް ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ.
" ނޫން.. އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސާމެދު ވިސްނާލެވުނީ! ހިތަށް އަރަނީ އުފާވެރިކަމަކީ އަހަންނަށް މި ދުނިޔޭގައި ނެތް އެއްޗެއް ބާވައޭ"
ޒާރާގެ ޖުމްލައިން މުއާޒްގެ ހިތަށް ވަރަށް އަސަރު ކުރުވިއެވެ. އެހެންކަމުން އޭނާ ދެއަތުން ޒާރާގެ ހަށިގަނޑު ވަށާލިއެވެ. އަދި މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ.
"ތިހެން ނުބުނޭ! އަހަރެންގެ މީހެއްގެ ގޮތުގައި ހުރެ، ތިކަހަލަ ގޮތަކަށް ޒާ ވިސްނީތީ ވަރަށް ދެރަވެއްޖެ! އަހަރެން އަބަދުވެސް މަސައްކަތްކުރަނީ ޒާއަށް މިދުނިޔޭގައި ވާހާ އުފަލެއް ހޯދައިދިނުމަށް! އަހަންނަށް ތިއަށްވުރެ މުޙިއްމު މީހަކު ނުހުންނާނެ.. އަހަރެން ޒާދެކެ ލޯބިވާވަރު އިޙްސާސްވެސް ނުކުރެވޭނެ ކަންނޭނގެ"
މުއާޒްގެ ވާހަކަތައް އަޑުއަހަން ހުރި ޒާރާ ހިމޭނުން ހުރީ އިތުރަށް ދައްކާނެ ވާހަކައެއް ނޭނގޭތީއެވެ. އިރުކޮޅެއްގެ ތެރޭގައި މުއާޒް އޭނާ ގެނެސް އެނދުމަތީގައި ބޭންދިއެވެ.
" އަހަރެން މަސައްކަތް ކުރާނަން ޒާ ހިތްހަމަ ނުޖެހޭ ކަންތައްތައް ރަނގަޅުކުރެވޭތޯ! "
ޒާރާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު މުއާޒް ބުންޏެވެ. އެފަދަ މައްސަލައެއްގައި ރޭގަނޑުގެ އުފާވެރިކަން ނަގައިލަން ބޭނުން ނުވާތީ ޒާރާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމަކީ މުއާޒަށް ހިތްހަމަޖެހުން ލިބިދޭނެ ކަމެއްކަން ޒާރާއަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ.
***
ސިޓިންގރޫމްގައި ހުރި ސޯފާގައި އިށީނދެލައިގެން ޒާރާ އިނީ ޓީވީ ބަލާށެވެ. މުއާޒް ގޭގައި ނޫޅޭ ވަގުތު ތަކަކީ އޭނާއަށް ފޫހިކަން ލިބިދޭ ވަގުތު ތަކެކެވެ. އެހެންކަމުން އޭނާ އަބަދުވެސް މަސައްކަތްކުރަނީ ކޮންމެވެސް ކަމެއްގައި ވަގުތުތައް ހޭދަ ކުރެވޭތޯއެވެ.
" ފިލްމެއް ބަލަނީތަ؟ "
ޒާރާ ސިހުނީ ކަފީލާގެ އަޑުންނެވެ. ސޯފާގައި އިށީންނަމުން ކަފީލާ ޒާރާއަށް ބަލައިލިއެވެ. އެއާއެކު ބީރައްޓެހި ގޮތަކަށް ޒާރާ ހީލީ، ކަފީލާއާމެދު ހިތުގައި އޮތް ނުތަނަވަސްކަމަށް ބަދަލެއް ނާންނާތީއެވެ.
" ދެންމެ މި އިށީނީ! އެކި ޗެނަލްތައް ބަލައިލަނީމި! "
ކަފީލާ އަތަށް ރިމޯޓް ދިއްކޮށްލަމުން ޒާރާ ބުންޏެވެ. އެއާއެކު ކަފީލާ ރިމޯޓްގައި ހިފީ ވަރަށް ބޮޑަށް ހިނިއައިސް އިނދެއެވެ.
" މަންމައާއެކު މިއަދު ބޭރަށް ގޮސްލަންވީނު! "
ކަފީލާ އެހެން ބުނުމާއެކު ޒާރާގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. އެހާ އޯގާތެރިކަމާއެކު ކަފީލާ ވާހަކަ ދައްކާލުމުން މަންމަގެ ލޯތްބަށް އެދި ގޮވަމުންދާ އޭނާގެ ހިތަށް އުފާވެރިކަން ލިބުނު ކަހަލައެވެ.
" ލައްބަ! މަންމައާއެކު ހިނގާލަންދާން ވަރަށް ބޭނުން.. އަދި މިރަށުގެ ތަންތަން ބަލައިވެސް ނުލެވޭ!"
ގަޔާވެލާފައި ޒާރާ އެހެން ބުނުމާއެކު ކަފީލާ ހީލިއެވެ.
" ހިނގާލަން ދާކަށް ނޫން! މިތާ ކައިރި ގެއަކަށް ހުވަނދުމާ ބިންނަން ދާން! މަންމަ އެކަނި ގޮސް އެހާ ބައިވަރެއް ނުބިނދެވޭނެ! އެހެންވެގެން.."
އަނެއްކާވެސް ޒާރާގެ ހިތް ރޮއްވާލައިފިއެވެ. އެހެންކަމުން މިފަހަރު އޭނާއަށް ގަދަކަމުންވެސް ހިނިތުންވެވޭ ގޮތެއް ނުވިއެވެ. އެއްޗެއް ނުބުނެ އޭނާ ޓީވީއަށް ނަޒަރު ހިންގާލުމާއެކު އަނެއްކާވެސް ކަފީލާގެ އަޑު އިވުނެވެ.
" މާ ބިނދެ ނިމިގެން ދެވިދާނެއެއްނު ހިނގާލަންވެސް! މަންމަ މިއުޅެނީ ބޮނޑިބަތް ކައްކަން ވެގެން"
ކަފީލާގެ ޖުމްލައިން ޒާރާއަށް ބަލައިލެވުނީ ހައިރާން ކަމާއެކުގައެވެ.
" ބޮނޑިބަތޭ؟ ކަމަކަށް ކައްކަން ވެގެންތަ؟ "
" ނޫނޭ! މިގޭ ދެދަރިންނަށްވެސް ބޮނޑިބަތާ ކުޅިމަސް ވަރަށް މީރުވާނެ.. ޒާރާ މިގެއަށް އައިފަހުން އަދި ބޮނޑިބަތް ގަނޑެއް ކައްކައެއް ނުލެވެއެއްނު.. އެހެންވެގެން"
ހިނިއައިސް އިނދެ ކަފީލާ ބުންޏެވެ. އެއާއެކު ޒާރާ ދެފަހަރަކު ބޯޖަހާލީ އޭނާގެ ބަހަށް އެއްބަސްވަމޭ ބުނެލާ ފަދަ ގޮތަކަށެވެ.
" އަޅުގަނޑަށް އެނގޭ ވަރަށް މީރުކޮށް ކުޅިމަސް ހަދަން! ރަށުގައިވެސް ވަރަށް ގިނައިން ވަޅޯމަހުގައި ކުޅި މަސް ހަދަން.."
ކަފީލާއަށް އެހީތެރިވެދޭން ބޭނުން ވެގެން ޒާރާ ބުންޏެވެ. އެއާއެކު ކަފީލާގެ މޫނުމަތީގައިވާ އުފާވެރިކަމަށް ކޮންމެވެސް ބަދަލެއް އަތުވެއްޖެކަން ޒާރާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން އޭނާ ބޭނުންވީ މިފަހަރު ހުރިހާ ކަމެއްވެސް ކަފީލާ ބޭނުންވާ ގޮތަށް ދޫކޮށްލާށެވެ.
" އެކަމަކު މަންމަ ހަދާ ކުޅިމަސް މާ މީރުވާނެއެއްނު.. މަންމަ އަބަދުވެސް މީރުކޮށް ކައްކާ ވާހަކަ މުއާ ބުނާނެ.! "
" މިހާރު ޒާރާ ކައްކަން ފެށި ފަހުން އެންމެންނަށްވެސް މީރުވަނީ ޒާރާ ހަދާ އެއްޗެހި! ދެން މަންމަ ބަދިގެއަށް ނުވަންނަންވީ ކަންނޭނގެ!"
މަޖަލަކަށް ހަދާފައި ކަފީލާ އެހެން ބުނި ނަމަވެސް ޒާރާ އިނީ އެކަމާ ކޮންމެވެސް ވަރަކަށް އުދާސް ވެފައެވެ.
" ނޫނޭ! އެންމެ ކުޑައިރުއްސުރެ މަންމަ ކައްކާ އެއްޗެހީގެ ރަހަ މުއާޒްމެންގެ ހިތުގައި އަބަދުވެސް ބިންވަޅުނެގިފައިވޭ! މަންމައަށް އެނގޭތަ؟ އަޅުގަނޑަކަށް އެ ނަސީބެއް ނުލިބެ! މަންމަގެ މާ ބޮޑު ހަނދާންތަކެއް ނުހުރެ! ދެން ލިބުނީ ޒީލަގަދަ، ރުޅިގަދަ ދޮންމަންމައެއް.. ދޮންމަންމަގެ އަތުން ކާއެއްޗެއް ނުލިބޭތާ، ފެންފޮދެއްގެ ރަހަވެސް އަރުތެރޭގައެއް ނުޖެހެ! "
ޒާރާގެ ހިތްދަތި މާޒީގެ ޞަފްޙާއެއް ހުޅުވާލައި ކަފީލާއަށް ކިޔައިދޭން ފެށިއެވެ. ނަމަވެސް އޭނާއަކަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. މާ އަވަހަށް ދެރަވީއެވެ. ހިތުގައި ޖެހުނީއެވެ. ރޮވުނީއެވެ.
" ދެރަނުވޭ ޒާރާ! މާތްﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ! މިގޭތެރެއިން ޒާރާއަށް އެފަދަ އެއްވެސް ހިތްދަތިކަމެއް ނުލިބޭނެ އިންޝާﷲ! "
ޒާރާގެ އަތުގައި ފިރުމާލަމުން ކަފީލާ ބުންޏެވެ. އެއާއެކު ޒާރާ އަވަސް އަވަހަށް ދެލޮލުން ކަރުނަ ފުހެލިއެވެ. އަދި ގަދަކަމުން ހިނިތުން ވެލުމަށްފަހު ކަފީލާއަށް ބަލައިލިއެވެ.
" އަޅުގަނޑުވެސް އެދެނީ ތިގޮތް! މިހާ ލޯބިން އުޅޭ އާއިލާއެއްގެ ތެރޭގައި އުޅެވޭތީ ވަރަށް އުފާވޭ! އަޅުގަނޑަށް ކަމެއް ގޯސްކޮށް ކުރެވުނަސް މަންމަ އަޅުގަނޑުދެކެ ރުޅި ނައިސް ރީތިކޮށް ވާހަކަ ދައްކައްޗޭ! އަޅުގަނޑަކީ ވަރަށް ހިތްދަތި ދިރިއުޅުމެއް އުޅެމުންއައި ކުއްޖެއް.. މިއަދާ ހަމައަށްވެސް ލޯތްބަކީ ކޮބައިކަމެއް ނޭނގެ! "
އަނެއްކާވެސް ޒާރާއަށް ރޮވުނެވެ. މިފަހަރު ކަފީލާގެ ހިތުގައިވެސް އޭނާއާމެދު ރަހުމާއި ހަމްދަރުދީ އުފެދުނެވެ. ތެދުވެލުމަށްފަހު އޭނާ އައިސް ޒާރާއާ ދާދި ގާތުގައި އިށީނދެ ޒާރާގެ ބޮލުގައި ފިރުމާލިއެވެ.
" ކަންކަމާ އެހާ ބޮޑަށް ފިކުރު ބޮޑު ވާކަށް ނުވާނެ! މިގޭތެރެއަކީ ލޯތްބާއި އޯގާތެރިކަމުން ފުރިފައިވާ ގެއެއް! ޒާރާއަށް މިތަނުން ހިތްދަތިކަމެއް ނުލިބޭނެ"
ކަފީލާގެ ޖުމްލައާއެކު ޒާރާއަށް އޭނާގެ ކޮނޑުގައި ބޯ އަޅާލެވުނެވެ.
" މަންމައެއްގެ ލޯބި އަޅުގަނޑު ވަރަށް ބޭނުން.."
އަދިވެސް ޒާރާއަށް ވާހަކަ ދެއްކެނީ ރޮމުންނެވެ. އޭރުވެސް ހިތްވަރުގެ ބަސްތަކުން ކަފީލާ ދިޔައީ ޒާރާގެ ބުރަކަށީގައި ފިރުމަމުންނެވެ.
***
" އަހަރެން މިއަދު ހާދަ ދެރަވިޔޭ! އެވާހަކަ ދައްކަ ދައްކާފައި ޒާރާ ވަރަށް ރުއި"
ފޮތެއް ހިފައިގެން އެނދުމަތީގައި އޮތް ނަޖީބުގާތު އިށީނދެލަމުން ކަފީލާ ބުންޏެވެ. އެއާއެކު ލޮލުގައި އޮތް އައިނު ނަގާ، ފޮތް ލައްޕާލަމުން ނަޖީބު ވާހަކަ ދައްކަން ފެށިއެވެ.
" މުއާޒްގެ ގޮތް އެނގެއެއްނު! ޒާރާއާ ބެހޭގޮތުން އަހަރެންގާތުވެސް އެއްވެސް ވާހަކައެއް ނުދައްކާ! ވާހިދުގެ އަންހެނުން ނިޔާވެގެން ދެ ދަރިން ގޮވައިގެން އެހެން ރަށަކަށް ބަދަލުވިކަން އަހަރެންވެސް ދެނަހުރިން! އެކަމަކު އޭގެ ފަހުން އޭނާގެ ޚަބަރެއް ނުލިބޭ.."
ފުންކޮށް ވިސްނާލަމުން ނަޖީބު ބުންޏެވެ. އެއާއެކު ކަފީލާ އޮށޯވެލިއެވެ.
" ދޮންމަންމަގެ ނުބައި ވާހަކަވެސް ދެއްކި! "
ކަފީލާ އިތުރު ކޮށްލިއެވެ.
" އެހެންވީމަ އެކަހަލަ ކުދިންނަށް އަހަރެމެން ވަރަށް ހެޔޮކޮށް ހިތަންޖެހޭނެ! އެއީ މިހާރު އަހަރެމެންގެ ބެލުމުގެ ދަށުގައި ހުރި އަހަރެމެންގެ ދަރިއެއް.. އަހަރެން އަބަދުވެސް ކަފީލާގާތު މި ދައްކަނީ އަހަރެމެންގެ އުފަލަކީ ދަރިންގެ އުފަލޭ! އެ ނޫން ކަމަކަށް އަހަރެމެން ވިސްނައިގެންވެސް ނުވާނެ"
ނަޖީބު ވާހަކަ ދައްކާ ނިމުނު އިރުގައިވެސް ކަފީލާ އޮތީ ވިސްނާށެވެ.
***
ފަޔަށް ބާރުލައިފައިގޮސް މާހިލް ކެފޭއަށްވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ހާނިމްގެ އެދުމުގެ މަތިންނެވެ.
" ނޫނެކޭ! މަ ނުބޯނަން"
ހާނިމްގާތު އިށީނުމާއެކު އޭނާ މާހިލަށް ދިއްކޮށްލީ ސިނގިރެޓެކެވެ. އެއީ ހާނިމްގެ އާދަކަމުގައި ވުމާއެކު އާދައިގެ މަތިން މިފަހަރުވެސް މާހިލް އެކަމަށް ކުރީ އިންކާރެވެ.
" އެހެންވެޔޭ މަ ކަލެއާ ދިމާލަށް ތިއީ ރަނޑެކޭ ބުނަނީ! "
އަޅިކެނޑިއަށް ސިނގިރެޓްބުރި ފިސްކޮށްލަމުން ހާނިމް ބުނެލިއެވެ. އެއާއެކު މާހިލް ދެކޮނޑު އަރުވާލިއެވެ.
" ކަލޭ ފިރެހެންވަންތަ ވާން ވެގެންތަ ފެގު ބޮނީ؟ މަ ނުބޮނީ މަށަށް ހަމަ ނުބައިވަސް ދުވާވަރުން.. ކެތެއް ނުވާނެ"
މާހިލް ހިނިގަނޑެއް ޖަހާލިއެވެ. ވަގުތަކީ ކެފޭއަށް އިތުރު ދެ އަންހެން ކުދިންވެސް ވަތް ވަގުތެވެ.
" މާހިލް! ސަޅި ދެ ބިޓުންދޯ! ސެޓް ކުރަން އުޅޭ!"
ހާނިމް ވައްކަޅިން އެކުދިންނަށް ބަލަމުން ބުންޏެވެ. އެއާއެކު މާހިލަށްވެސް ހީގަނެވުނެވެ.
" މަށަށް ސެޓް ކޮށްދީބަލަ! ތިއީ ވަރަށް ކެރޭ މީހެއްނު.. އެކަމަކު އެތާ އެއިނީ ކައުންސިލަރުގެ ކޮއްކޮ ރީނާއޭ!."
މާހިލް ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.
" ދެން ކަލޭ ބިރުގަތީތަ؟ ކައުންސިލަރު ކޮއްކޮވީމަ ފިރެހެނަކަށް ވާހަކަވެސް ނުދެއްކެނީތަ؟"
ގޮނޑިން ތެދުވަމުން ހާނިމް ބުންޏެވެ. ހާނިމް ތެދުވުމާއެކު މާހިލަށް ލިބުނީ ކުއްލި ސިހުމެކެވެ.
" އޭ! ދާނެ ކަމެއް ނެތް.. އިށީނދޭ! "
ހާނިމްގެ ނަޒަރު އޭރު ހުއްޓިފައި ހުރީ ރީނާއަށެވެ. މާހިލަށް ހާނިމް ނުހުއްޓުވޭނެކަން އެނގޭތީ އޭނާ އެދިމާލަށް ފުރަގަސް ދީގެން އިނެވެ. ހާނިމް ގޮސް ރީނާ ގާތު ބުނާނެ އެއްޗެއް ނޭނގޭތީ އޭނާ އިނީ ނުހަނު ހިތްހަމަވެސް ނުޖެހިފައެވެ.
" މަ ދިޔައްޔާ ހުރިހާ ކަމެއްވެސް ވާނެ! "
ހާނިމްގެ އަޑަށް ފަހަތަށް އެނބުރިލި އިރު ދުރުގައި އިން ރީނާގެ ރީތި ހިނިތުންވުން މާހިލްގެ ލޮލުގައި އަޅައިގަތެވެ.
" ކަލޭ ކީކޭ ކީ؟ މަ ނުބުނާ އެއްޗެހިވެސް ގޮސް ބުނީދޯ"
" ނޫނޭ! މަ ބުނީ މާހިލް ބުންޏޭ ނަންބަރު ދޭށޭ! ބުނީމަ ބުނީ މާހިލްއޯ އަންނަން ޖެހޭނީ ނަންބަރު ހޯދަން! އަހަރެން މިއައީ އޯކޭ ކިޔާފަ.. އެކުއްޖާގެ އެހުރި ރާގާ އެ ހިނިތުންވެލިގޮތުން މަށަށް އެނގޭ ކަލެޔާ އޭނަ ހިތާވެއްޖެކަން"
ކޮފީތަށި ދަމާލަމުން ހާނިމް ބުންޏެވެ. އެވަގުތު މާހިލަށް އަނެއްކާވެސް ބަލައިލެވުނީ ރީނާއަށެވެ.
" ދެންވެސް ދޭބަލަ! "
ހާނިމް ލޮލުން އިޝާރާތް ކޮށްލިއެވެ.
" މަ؟ މަ ނުދާނަން.."
މާހިލް އެހެން ބުނެލުމާއެކު ދުރުން އަންނަ ރީނާ ފެނުނެވެ. ހިނިތުންވެ ހުރެ އޭނާ އައިސް މާހިލްގެ ފައިބުޑަށް ޓިޝޫއެއް ވައްޓާލުމަށްފަހު ނިކުމެގެން ދިޔައެވެ. އެއާއެކު ހާނިމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ގުދުވެލާފައި މާހިލް އެ ޓިޝޫ ނެގި އިރުގައިވެސް ހާނިމް ބާރުބާރަށް ހެމުން ދެއެވެ. މާހިލް ޓިޝޫ ބަލައިލީ ނުތަނަވަސްވެ ހުރެއެވެ. އެއާއެކު އޭނާއަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ރަތްކުލައިގެ ލިޕްސްޓިކުން އޭގައި ލިޔެފައި އޮތީ ފޯން ނަންބަރެކެވެ.
" ކަންތަކާ ލައިގަތީއޭމި! މީނަ ކައިރި މަޖަލަކަށްވެސް އެއްޗެއް ބުނެވޭކަށް ނޯންނާނެ! "
ރުޅި އައިސް އިނދެ މާހިލް ހާނިމާ ދިމާލަށް ބުނެލިއެވެ.
( ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!