ދަރިމައިވުމާ ގުޅޭ ފަރުވާތައް ކަމަށްވާ އައިވީއެފް އާއި އައިޔޫ ފަރުވާ އަށް އާސަންދަ ލިބޭގޮތް ސަރުކާރުން ހަމަޖައްސައިދީފިއެވެ.
މިކަން ޢިއުލާން ކުރެއްވީ، އިއްޔެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ރައީސް އޮފީހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއެކު އިއްޔެ ހަވީރު އޮތް މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ދަރިމައިވުމާ ގުޅޭ ފަރުވާތައް ކަމަށްވާ އައިވީއެފް އަދި އައިޔޫއައި ގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށް ނިންމެވިކަން ޢިއުލާން ކުރައްވާފައެވެ.
މި ނިންމެވުމާއެކު ދަރިމައިވުމުގެ ފަރުވާ ހިމެނޭ ގޮތަށް އާސަންދަ ސްކީމްގެ ޤަވާއިދު އިޞްލާހުކޮށް ގެޒެޓްކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެކަމަށް އުޞޫލެއް އެކުލަވާލައި އެކަންވެސް އިއުލާން ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
ރައީސް ވަނީ ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލްތަކުން ވެސް އާސަންދަ ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށާއި، ރާއްޖެއިން ބޭރުގައި ދަރިމައިވުމުގެ ފަރުވާއަށް އާސަންދަ ޚިދުމަތް ލިބޭނެ ހޮސްޕިޓަލްތައް ކަޑައެޅިގެންދާނެ ކަމުގައި ވެސް ވިދާޅުވެފައެވެ.
ރާއްޖެއިން އައިވީއެފްގެ ޚިދުމަތް ލިބެން ހުންނަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލްގައި މި ޚިދުމަތް ފަށާފައި ވަނީ 29 މެއި 2023 ގައެވެ. އެތަނުން އެ ޚިދުމަތުގެ އެވްރެޖް އަގަކީ 46،000 ރ. އަށެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފް ހެދި ފުރަތަމަ ބެޗުން ހަ މީހަކު ބަނޑުބޮޑުވެ، ފަރުވާ ކާމިޔާބުވެފައިވާއިރު، ފުރަތަމަ ބެޗުގައި 16 މީހުން އައިވީއެފް ހަދާފައިވެއެވެ. މިއަހަރުގެ ނޮވެމްބަރު 30ގެ ނިޔަލަށް އެތަނުން ޚިދުމަތް ހޯދަން 160 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.
އައިވީއެފް އާއި އައިޔޫ ފަރުވާ އަށް އާސަންދަ ލިބޭގޮތް ސަރުކާރުން ހަމަޖައްސައިދިންއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭން ''ހަފްތާ 14''ގައި ވެސް ވަނީ މި މުއްދަތުގައި އައިވީއެފް ފަރުވާ އާސަންދައިން ލިބޭނެ އިންތިޒާމު ހަމަަޖައްސަން ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!