ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ޕީޕީއެމުން ވަކިވެވަޑައިގެންފައިވާކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަދި ޔާމީން ދައުރުގެ ފުރަތަމަ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަހްމަދު މިރޭ ވިދާޅުވެއްޖެއެވެ.
ޖަމީލް ''އެކްސް''ގައި މިރޭ 10:25ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންފައިވާ ކަމަށެވެ.
''އަޅުގަނޑުމެން ބުރަ މަސައްކަތް ކުރީ ރައީސް ޔާމީނަށްޓަކައި. އެމަނިކުފާނު ޖަލުގައި އަނިޔާ ތަޙައްމަލް ކުރެއްވީ. އެމަނިކުފާނު ރައްޔިތުން އެދުނު ގޮތަށް ރައީސް އިބޫގެ ވެރިކަން ބަދަލު ކުރައްވަން ހުރިހާ މަސައްކަތެއް ކޮށްދެއްވި. އެހެނަސް މިއަދު ޕާޓީގެ ލީޑަރޝިޕްގެ ވިސްނުން އެމަނިކުފާނާ ތަފާތު.
އެބޭފުޅުން އެމަނިކުފާނާ ދުރައް ހިނގައްޖެ.'' ޖަމީލު ވިދާޅުވެފަވެއެވެ.
ރ. ޔާމީނު ޕީޕީއެމުން ވަކިވެވަޑައިގެންފި. އަޅުގަނޑުމެން ބުރަ މަސައްކަތް ކުރީ ރ. ޔާމީނަށްޓަކައި. އެމަނިކުފާނު ޖަލުގައި އަނިޔާ ތަޙައްމަލް ކުރެއްވީ.
އެމަނިކުފާނު ރައްޔިތުން އެދުނު ގޮތަށް ރ.އިބޫގެ ވެރިކަން ބަދަލު ކުރައްވަން ހުރިހާ މަސައްކަތެއް ކޮށްދެއްވި.… pic.twitter.com/i4TS46wSOU
— Mohamed Jameel Ahmed (@MJameelAhmed) November 23, 2023
އެހެންކަމުން ރައީސް ޔާމީން ވަނީ ޕީޕީއެމުން އިސްތިއުފާދެއްވާފައި ކަމަށާއި، އަދި އެމަނިކުފާނުގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ކުރިއަށްދާނެ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް މިހާރުވަނީ ފައްޓަވާފައި ކަމަށް ވެސް ޖަމީލު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޖަމީލުވަނީ ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތްކަން، ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ޚަބަރުތައް ގެނެސްދޭ ޗެނަލް 13 އަށް މިރޭ ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ޕީޕީއެމުން ވަކިވެވަޑައިގަތީ ވަރަށް ގިނަ ކަންތައްތަކެއް މިދިޔަ ދުވަސްތަކުގައި ހިނގާ ދިޔުމުގެ ސަބަބުން ކަމަށް ޖަމީލު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!