ސަސްޕެންޑްކޮށްފައި ހުންނެވި ޕީޕީއެމްގެ ސެނެޓް މެމްބަރު އަދި ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް އެ ޕާޓީން ވަކި ކުރަން އެ ޕާޓީގެ ސުލޫކީ ކޮމިޓީން ނިންމައިފިއެވެ.
ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ސޮއިކުރައްވައި މަލީހަށް ފޮނުއްވި ސިޓީއެއްގައި ވަނީ މަލީހް ޕާޓީން ވަކިކުރަން ނިންމީ މިދިޔަ އަންގާރަ ދުވަހުގެރޭ ބަޔަކު އެއްކޮށް ޕާޓީގެ ލީޑަޝިޕަށާއި ސެނެޓަށް ވެސް އެންގުމެއް ނެތި އަދި އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި މަލީހް އިސްވެ ހުންނަވައި ކޮމިޓީއެއް އުފެއްދެވުމަށް ފަހު ބަޔަކު އެއްކޮށް ޕްރެސް ކޮންފަރެންސެއް ބާއްވައި ޕާޓީގެ މެމްބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދައްކަވައި ޕާޓީ ބައިބައިކޮށް ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އަމަލު ކުރައްވަމުން ގެންދަވާތީ ކަމަށެވެ.
އެހެންވެ، މަލީހް ސަސްޕެންޑް ކުރުމަށް ފަހު، ޕާޓީގެ ލީޑަޝިޕްގެ ފަރާތުން ސުލޫކީ ކޮމިޓީ އަށް ހުށަހެޅުނު މައްސަލަ ބަލައި ދިރާސާ ކުރުމަށް ފަހު، މަލީހް މެމްބަރު ކަމުން ވަކިކުރަން ޕާޓީގެ ސުލޫކީ ކޮމިޓީން ނިންމާފައިވާ ކަމަށް އެ ސިޓީގައިވެއެވެ.
ސުލޫކީ ކޮމިޓީން އެގޮތަށް ނިންމީ ލީޑަޝިޕުން ހުށަހެޅި މައްސަލަ އާއި މަލީހް ދެއްވި ޕްރެސްގެ ވީޑިއޯއެވެ. މި މައްސަލައިގައި މަލީހް ޖަވާބުދާރީވުމަށް ދެ ފަހަރެއްގެ މަތިން ފުރުސަތު ދެވުނު ކަން ވެސް ސިޓީގައި ފާހަގަ ކުރިއެވެ. އެކަމަކު، އެ ދެ ފުރުސަތުގެ ބޭނުން މަލީހް ހިފާފައެއް ނުވެއެވެ.
އެ ސިޓީގައި ބުނި ގޮތުގައި މަލީހް އިސްވެ ހުންނަވައި ބޭއްވި ޕްރެސްއަކީ ޕާޓީގެ ލީޑަޝިޕާއި ސެނެޓްގެ މެމްބަރުންނާ މަޝްވަރާކޮށްގެން ބޭއްވެވި ޕްރެސް އެއް ނޫނެވެ. އަދި ޕާޓީގެ އިދާރީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދުގައި ދޮގު ހަދާފައިވާ އިރު، ޕްރެސްގައި ދެއްކެވި ވާހަކަތަކުން މެމްބަރުންގެ މެދުގައި ފިތުނަ އުފެދުމުގެ ފުރުސަތު ދެވި ޕާޓީ ބައިބައި ކުރުމަށް މަސައްކަތް މަލީހް ކުރެއްވި ކަމަށް ވެސް ސިޓީގައިވެއެވެ.
މީގެއިތުރުން ޕާޓީގެ ލީޑަޝިޕާ މެދުގައި އާންމު މެމްބަރުންގެ ހިތުގައި ނަފްރަތު އުފެދޭ ވާހަކަތައް ދެއްކެވުމާއި މަލީހް ސަސްޕެންޑް ކުރަން ނިންމެވުމުން ވެސް ޕާޓީގެ ނަމުގައި ތަފާތު ކަންކަން ކުރެއްވުމާއި އެއްވެސް ހައިސިއްޔަތެއް ނެތި ޕާޓީއާ ގުޅޭ ކަންކަން މީޑިއާގައި ހިއްސާ ކުރައްވަމުން ގެންދެވި ކަމަށް ސިޓީގައިވެއެވެ.
އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި އިތުރުފުޅު ހައްދަވައި އެމަނިކުފާނުގެ އަބުރުފުޅާއި ކަރާމާތަށް އުނިކަން އަންނާނެ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާ ކަން ސުލޫކީ ކޮމިޓީ އަށް ފާހަގަ ކުރެވުނު ކަމަށް ވެސް ސިޓީގައިވެއެވެ.
މަލީހް ޕީޕީއެމްގެ މެމްބަރު ކަމުން ވަކިކުރަން ނިންމީ ސުލޫކީ ކޮމިޓީގެ ތިން މެމްބަރުންގެ އިއްތިފާގުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!