އަލީ އާދަމްގެ މަގާމު ދަށްކޮށް މެޖިސްޓްރޭޓަކަށް ބަދަލުކޮށްފި

Ali adam HDh

ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ މަގާމުދަށްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ، ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މަޢުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ، ދާއިރާ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާކަން އެ ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވެފައިވާ ކަމަށެވެ.

އެހެންވެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި އަލީ އާދަމް ޚިލާފުވެފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނުގައި ބަޔާންކުރާ ''ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމަށް'' މާއްދާގެ ދަށުން، އެ މައްސަލާގައި އަލީ އާދަމްގެ މަގާމު ދަށްކުރަން ފެންނަކަމަށް އެ ކޮމިޝަނުން 19 ނޮވެންބަރު 2023 ވަނަ ދުވަހުގެ ރޭ ބޭއްވި 76 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވެފަވެއެވެ.

މިގޮތުން، ޖޭއެސްސީން ނިންމާފައި ވަނީ، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް، 20 ނޮވެމްބަރު 2023 ވަނަ ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ބަދަލުކުރުމަށެވެ.

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްއާ ގުޅޭގޮތުން މީގެ ކުރިން ތަޙްޤީޤުކުރެވުނު ސީރިއަސް މައްސަލަތަކަކާ ގުޅިގެން، ސުލޫކީ މައްސަލަ ސާބިތުވެ، ފަނޑިޔާރުކަމުން ވަކިކުރުމަށް ދެފަހަރެއްގެ މަތިން، 23 ޖުލައި 2023 ވަނަ ދުވަހުގަ އާއި 26 އޮކްޓޫބަރު 2023 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ލަފާ އަރުވާފައި ކަމަށް ޖޭއެސްސީން ވިދާޅުވެފަ ވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި