ކުށްކުރާ ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، އެކުދިން އިސްލާހު ކުރަން "ހޯޕް އައިލެންޑް" ނަން ކިޔާ ރަށަކަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު އިއުލާންކޮށްފައެވެ. އެ މިނިސްޓްރީން އެގޮތަށް އިއުލާން ކުރި ނަމަވެސް އެ ކުދިން ގެންދާނެ ވަކި ރަށެއް އަދި ކަނޑަނާޅައެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ރިހިބިލިޓޭޓުކޮށް އެކުދިން އަނބުރާ މުޖުތަމައުއަށް ނެރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

Ad
rt

"އަޅުގަނޑުމެން މި ވިސްނަނީ، ރާއްޖޭގެ ވަކި ރަށެއް މިކަމަށް ކުދިން ރިހަބިލިޓޭޓް ކުރުމަށް ހާއްސަކޮށް، ސިފައިންނާއި ފުލުހުން، ކަމާ ބެހޭ އެހެން މިނިސްޓްރީތަކާ ގުޅިގެން ކުދިންނަށް ހިންގޭ ޕްރޮގްރާމެއް ހިންގުމަށް،'" އިހްސާން ވިދާޅުވިއެވެ.

ޖިނާއީ އަދުލުގެ ގާނޫނުގައި ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން މިހާރު އޮންނަ އުމުރު 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. އިހުސާން ވިދާޅުވީ އެ ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިކަމުގެ ބޭނުމަކީ ކުޑަކުދިން ޖަލަށްލައިގެން ގެންގުޅުން ނޫން ކަމަށާއި ވިސްނުމަކީ އެ އުމުރުގައި ކުށުގައި އުޅޭ ކުޑަކުދިން، ކުށުގެ ވެށިން ނަގައި، އެ ކުދިން ރިހަބިލިޓޭޓްކޮށް، މުޖްތަމައުއަށް ފައިދާ ހުރި، ބޭނުންތެރި ކުދިންތަކެއްގެ ގޮތުގައި އަނބުރާ ނެރެން ކުރާ މަސައްކަތަށް ގާނޫނީ ބާރު ހޯދުން ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، އެފަދަ ކުދިން ރިހިބިލިޓޭޓުކޮށް، ދީނީ، އަދި ތައުލީމީ ގޮތުންނާއި އެކުދިންނަށް ބޭނުންތެރި އެކިއެކި ޕްރޮގުރާމުތައް ކުރިއަށް ގެންދިޔުމަށް ވަކި ރަށެއް ހާއްސަ ކުރާނެ ކަމަށެވެ. އެގޮތުން އެރަށަށް ކިޔާނީ "ހޯޕް އައިލެންޑު" ކަމަށްވެސް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، އެ ރަށުގައި އެކުދިންނަށް އުމުރުން 18 އަހަރު ވަންދެން ތަފާތު އެކި ޕްރޮގުރާމުތައް ހިންގާނެ ކަމަށާއި 18 އަަހަރު ފުރުމުން ފުލުހުން ނުވަތަ ސިފައިންގެ ވަޒީފާއަށް އެކުދިން ނަގާނެ ކަމަށެވެ.

"އަޅުގަނޑުމެން ގަސްދުކޮށްފައި އޮތީ މި ރަށުގަ މި ކުދިން 18 އަހަރު ވަންދެން ގެންގުޅުން. ގެންގުޅެފައި އެކުދިން ފުލުހުންގެ ނުވަތަ ސިފައިންގެ ވަޒީފާ އަށް ނެގުން. މި ވަޒީފާގަ ވަކި ދުވަސްކޮޅެއް ވަންދެން ހުރުމަށްފަހު އެ ކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށްދިޔުމަށް ފުރުސަތު ދެވިގެންދާނެ." އިހުސާން ވިދާޅުވިއެވެ.