ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް، ޢަލީ ޢަބްދުއްލަޠީފް، (ގއ. ވިލިނގިލި، ބީޗުހައުސް) މިއަދު ޢައްޔަނުކުރައްވައިފިއެވެ.
ޢަލީ ޢަބްދުއްލަޠީފް މި މަގާމަށް ޢައްޔަނުކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ޢަލީ ޢަބްދުއްލަޠީފް، ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އިންތިޚާބުކުރާ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުންނެވެ.
ޢަލީ އަށް ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ޑރ. މުޢިއްޒު ވަނީ ޢަލީ ޢަބްދުއްލަޠީފަށް ވަނީ ޙަވާލުކޮށްދެއްވާފައެވެ.
ރައީސް ވަނީ 23 ނޮވެމްބަރު 2023 ގައި ވެސް އެ ކޮމިޝަނަށް ދެ މެންބަރަކު ޢައްޔަނު ކުރައްވާފައެވެ. އެ ދެ ބޭފުޅުންނަކީ ބަންޑާރަނައިބު އަޙްމަދު އުޝާމް އަދި މުޙައްމަދު ސަމީރު އެވެ. އުޝާމް ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަނު ކުރައްވާފައި ވަނީ އެ ކޮމޮޝަންގެ ޤާނޫނުގައި ބުނާގޮތުގެމަތިން، ބަންޑާރަނައިބުގެ ހައިސިއްޔަތުންނެވެ. ސަމީރު ޖޭއެސްސީ އަށް ޢައްޔަނު ކުރެއްވީ އެ ކޮމިޝަންގެ ޤާނޫނުގައި ބުނާގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!