ނަގުދު ފައިސާގެ ގޮތުގައި 10،000 އަށް ވުރެ ގިނަ ޑޮލަރު ރާއްޖެ އިން ބޭރަށް ގެންދާ ނަމަ، އެއީ ކިހިނެއް ހޯދި ފައިސާއެއްތޯ ސުވާލު ކުރާ ގޮތަށް ނިންމައި ފައިސާ ޑިކްލެއާކުރަން އޮންނަ އުސޫލު ހަރުކަށިކޮށްފިއެވެ.

ހޯމް މިނިސްޓްރީ އާއި އެ ތަނުގެ ބެލުމުގެ ދަށުގައި އޮންނަ އިދާރާތައް ގުޅިގެން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މީގެކުރިން ނަމަ، 10،000 އަށް ވުރެ ގިނަ ޑޮލަރު ހިފައިގެންދާ މީހާއާ ސުވާލު ކުރުމެއް ނޯންނަ ކަމަށެވެ. ނަމަވެސް ގިނަ އަދަދެއްގެ ފައިސާ ގައުމުން ބޭރަށް ގެންދާ ހާލަތްތަކުގައި އަމަލު ކުރާނެ ވަކި މިންގަނޑުތަކެއް ބައިނަލްއަގުވާމީ އިދާރާތަކުން ކަނޑައަޅާފައިވާ ކަން އިހުސާން ވިދާޅުވިއެވެ.

Ad
rt

އެހެންވެ، ރާއްޖެ އިން ވެސް އެ މިންގަނޑަށް އަމަލު ކުރަން ފަށާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

"މީގެކުރިން 10،000 ޑޮލަރަށް ވުރެ މަތިން ހިފައިގެންދާ މީހާ ތިމަންނާ މި ދަނީ މިވެނި އަދަދަކަށް ފައިސާ ހިފައިގެންނޭ ބުނެ ހަމަ ދާންވީ. އެ ޑިކްލިއާ ކުރެވުނީ. ބައިނަލްއަގްވާމީ އިދާރާތަކުގައި މިކަމަށް މިންގަނޑުތަކެއް އޮވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ސަރުކާރާ ހަވާލުވިއިރު ބައެއް ބިދޭސީން ރާއްޖެއަށް ލޭބަރެއްގެ ގޮތުގައި އެތެރެވެ، އޭނާ ހަފުތާއަކު އެއް ފަހަރު ރާއްޖެ އިން ބޭރަށް އެތައް ލައްކަ ޑޮލަރު ހިފައިގެންދާ ކަމަށެވެ. މިހާރު އެގޮތަށް ބިދޭސީންނަށް ވެސް އަދި ދިވެހިންނަށް ވެސް ނުދެވޭނެ ކަމަށެވެ.

"ދިވެއްސަކު ވިޔަސް، ބޭރު މީހަކު ވިޔަސް ރާއްޖެއިން ބޭރަށް، 10،000 ޑޮލަރަށްވުރެ މަތިން ޑޮލަރު ހިފައިގެން ދާ ކަމަށް ވެއްޖެއްޔާ، ދިވެހި ފައިސާ ވިޔަސް، ބޭރު ފައިސާ ވިޔަސް ގެންދާއިރުގައި އެ ހިފަހައްޓައިފައި ރަނގަޅަށް ޑިކްލިއާ ކުރުން، މާނައަކީ އެއީ ކޮންތާކުން ކިހިނެއް ލިބުނު އެއްޗެއްތޯ ގާނޫނީ އިމުގެ ތެރެއިން ބަލާއިރު އެއީ ހަމަޖެހޭ ޖެހޭ ވާހަކައެއްތޯ އެ މީހާ އެ ދައްކަނީ ބަލައިފައި އެ ޑިކްލެރޭޝަން ނިމުނީމަ ނޫނިއްޔާ ނޫނީ އަޅުގަނޑުމެން އެ ފައިސާ ދުލެއް ނުކުރާނަން،" އިހުސާން ވިދާޅުވިއެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އިބްރާހިމް މަފާޒް ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓް ކުރުމުގެ ގަވައިދު އޮތް ގޮތުން ގަވައިދާ ހިލާފަށް ފައިސާ ބޭރު ކުރާ ފަރާތްތަކާ މެދު ފިޔަވަޅެއް ނޭޅޭ ކަމަށެވެ.

އެ ގަވައިދުގެ ދަށުން އެޅެން އޮތް ހަމައެކަނި ފިޔަވަޅަކީ ކަސްޓަމްސްއަށް އޮޅުވާލައިގެން ނުވަތަ ފޮރުވައިގެން ގިނަ އަދަދެއްގެ ފައިސާ ބޭރު ކުރަން އުޅޭ މައްސަލަތަކުގައި ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކުރުން ކަމަށް މަފާޒު ވިދާޅުވި އެވެ. ނަމަވެސް، ކޯޓުގައި މައްސަލަތައް ދިގުލައިގެން ގޮސް މައްސަލަ ސާބިތުނުވެ ފައިސާތައް އަނބުރާ ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.