ޢާންމުކޮށް މާލޭގެ ވިޔަފާރިވެރިންގެ މިސްކިތަށް ފަތިސްނަމާދަށް ޖަމާއަތަށް އަރާމީހުންނަށް އެއީ އާ މަންޒަރެއްނޫނެވެ. ސަބަބަކީ އިއްޔެ ހުވާކުރައްވައި، ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގެން ޑރ. މުހައްމަދު މުޢިއްޒު ޢާންމުގޮތެއްގައި އެ މިސްކިތަށް ޖަމާއަތަށް ފަތިސް ނަމާދަށް ވަޑައިގަންނަވާތީއެވެ. ފަތިސް ނަމާދުގެ އިތުރުން ވެސް އިތުރު ނަމާދުތަކަށް ވެސް މުޢިއްޒު އެ މިސްކިތަށް ވަޑައިގަންނަވައެވެ.

ޚާއްޞަކަމެއް ގޮތުގައި މީހުން މީސްމީޑިއާގައި މިކަން ފާހަގަކުރަމުން އަންނަނީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރައީސްކަމަށް ވަޑައިގަތް ބޭފުޅަކު މިހާ ދީނީކަންކަމަށް ލޯބިކުރައްވައި، މިފަދަ ނަމޫނާއެއް ދައްކަވާ މަންޒަރު ފެނިފައިނުވާތީއެވެ.

Ad
rt

އިއްޔެ ހަވީރު 16:45 ގައި ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު، އަސަރުގަދަ، ބާރުހުރި ތަޤްރީރެއް ދެއްވުމަށްފަހު އާ ރައީސް މަސައްކަތަށް ފެއްޓެވީ ޖަމާއަތަށް މަޣްރިބް ނަމާދަށް ވަޑައިގެން ނަމާދު ކުރެއްވުމަށްފަހުއެވެ. ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ޑރ. މުއިއްޒާއި ނައިބު، ރައީސް ހުސެއިން މުހައްމަދު ލަތީފު، މަޣުރިބު ނަމާދަށް ޖަމާއަތަށް ވަޑައިގެންނެވީ އިސްލާމީ މަރުކަޒުކަށެވެ. އެ ނަމާދު އިމާމުވެ ކުރެއްވީ އައު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. މުޅިން ތަފާތު މަންޒަރެކެވެ.

އެއަށްފަހު މުޢިއްޒުގެ ވެރިކަމަށް އައު ދުވަހަކަށް ފައްކާވިއިރު، އެމަނިކުފާނު ދުވަސް ފެއްޓެވީ، ފަތިސް ނަމާދު ޖަމާއަތުން ނެވެ. މުޢިއްޒު ވެރިކަމަށް އިންތިޚާބުވެވަޑައިގެން މާލޭ އެހެން މިސްކިތްތަކަށް ވެސް ޖަމާއަތަށް ނަމާދަށް ވަޑައިގަންނަވާ މަންޒަރު ފެނިގެން ހަގީގަތް ނޭނގޭ މީހުން އެވާހަކަ އެހެން ގޮތަކަށް އެނބުރިނަމަވެސް، އެމަނިކުފާނަކީ އަބަދުވެސް ދީނަށް ލޯބިކުރައްވާ ނަމޫނާ ދައްކަވާ ބޭފުޅެކެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ މާލޭ ސޯސަލް ސެންޓަރުގައި ދިވެހި މީޑިއާތަކާއެކު މުޢިއްޒު ކުރިއަށް ގެންދެވި ''ނޫސްވެރިންގެ ގުންޒަރު''ގައި، މިއަދު ނޫހުގެ އެޑިޓަރު އަބުދުއްލަތީފް ދެއްކެވި ވާހަކައިން މިކަމަށް އިތުރު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. ލަތީފް ވިދާޅުވިގޮތުގައި މުޢިއްޒަކީ ކޯވިޑްގެ ބިރުވެރިކަމުގައި ޖަމާއަތަށް މިސްކިތްތަކަށް މީހުން އަރުން ހުއްޓިފައިވާ ދުވަސްވަރު ވެސް ޤަވާޢިދުން މިސްކިތަށް ވަޑައިގެން ނަމާދުކުރައްވާ ބޭފުޅެކެވެ. މުޢިއްޒު ވިޔަފާރިވެރިންގެ މިސްކިތުގެ ފުރަތަމަ ސަފުން ފެންނަވާހަކަ ލަތީފް އެރޭ ކިޔުއްވައި ދެއްވިއެވެ.

ކޮންމެއަކަސް އައު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ދައްކަވާ މިސާލަކީ ވެރިއެއްގެ ކިބައިން ފެންނާނެ އެންމެ ރިވެތި ނަމޫނާއެވެ. ''ކުދި ސޯބު އެނބުރޭނީ ބޮޑުސޯބު އެނބުރޭ ގޮތަށޭ'' ކިޔައި އުޅޭތީ މިއީ ރައްޔިތުން ހެޔޮގޮތް އިޚްތިޔާރު ކުރުމަށް ވެސް ދެއްކޭ ރަނގަޅު މިސާާލެކެވެ.

އެ މަނިކުފާނުގެ ސަރުކާރުގައި ބަހާއި، ޤައުމިއްޔަތަށް ޚާއްޞަ ވުޒާރާއެއް އުފެއްދުމަކީ ވެސް އެމަނިކުފާނުގެ ހިތުގައި ޤައުމަށް އޮތްލޯބީގެ ރަމްޒެކެވެ.

''އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިޙްސާސް ކުރަން! ތިޔަ ދައްކައިދެނީ ޤައުމު ދިފާޢުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ޤައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން! އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!'' ރައީސްކަމުގެ ހުވައި ކުރެއްވުމަށްފަހު މުޢިއްޒުގެ ފުރަތަމަ ތަޤްރީރުގައި ވިދާޅުވެފަވެއެވެ. ފެނުނީ ޤައުމިއްޔަތާއި ޤައުމީ ލޯތްބެވެ.