ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަވަށްޓެރި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ.
ރޭ ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދިޔަ މި ބައްދަލުވުމާގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމަކީ ދެ ޤައުމުގެ ގާތްގުޅުން ދައްކުވައިދޭ ކަމެއްކަން ރައީސް ޑރ. މުޢިއްޒު ފާހަގަކުރާފައިވާއިރު، ސްރީލަންކާގެ ރައީސް ވަނީ ރައީސް މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ދެޤައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މިގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވާއިރު، މި ދެބޭފުޅުން ވަނީ ތަޢުލީމީ ދާއިރާއާ ގުޅޭގޮތުންނާއި އަށާރައަރުން ދަށުގެ ކިޔަވާކުދިންނަށް ވިސާ ލިބުމުގައި ލުއިފަސޭހަގޮތްތައް ހަމަޖެއްސުމާ ގުޅޭގޮތުންނާއި އިޤްތިޞާދު އާރާސްތުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭހެން ދެގައުމުން އިސްކަންދޭ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.
މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ރައީސް ރަނިލް ވަނީ ރައީސް މުޢިއްޒަށް ފަސޭހަފުޅު ވަގުތެއްގައި ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއްކުރެއްވުމަށް ދަޢުވަތު އަރުވާފައެވެ. އަދި ރައީސް ވަނީ މި ދަޢުވަތު ޤަބޫލުފުޅުކުރައްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!