ށ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން ރާވާ ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް، މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުޞަތުގެ ދަށުން، ޕްރޮޕޯސަލް ހުށަހެޅި ދެ ޖަމިއްޔާއަށް އެހީ ދީފިއެވެ.
މިއީ އަތޮޅު ކައުންސިލުން ހިންގާ އެހީ ދިނުމުގެ ދެވަނަ ބުރެވެ. ކުރީ ފަހަރެކޭ އެއްގޮތައް މިފަހަރު ވެސް ތިން ޖަމިއްޔާ އަކަށް އެހީއަށް އެދި ފުރުސަތު ހުޅުވާލި ނަމަވެސް މިފަހަރު ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ ދެ ޖަމިއްޔާއަކުން ކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ''ތިލަދުން'' އަށް ވިދާޅުވިއެވެ.
ޝިޔާންޓޭ ވިދާޅުވެފައިވާ ގޮތުގައި މި ޕްރޮގްރާމަކީ ށ. އަތޮޅު ކައުންސިލްގެ ފަސް އަހަރުގެ ތަރައްގީގެ ޕްލޭންގައި ހިމަނައިގެން ކޮންމެ އަހަރަކުމެ ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ޖަމިއްޔާތައް ހަރަކާތްތެރިވުމަށް އިތުރުބާރަކަށްވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ދަށުން މިފަހަރު ޕްރޮޕޯސަލް ހުށަހެޅީ، އެ އަތޮޅު މާއުނގޫދޫގެ ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖު އަދި ފޯކައިދޫގެ އާރުލާ ސްޕޯރޓްސް އެކަޑަމީ އެވެ. މި ދެ ޖަމިއްޔާއަށް އަތޮޅު ކައުންސިލުންދޭ މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު މިއިން ކޮންމެ ޖަމިއްޔާ އަކަށް 75،000ރ ދީފަ ވެއެވެ.
ށ. އަތޮޅު ކައުންސިލްގެ މާލީ އެހީގެ ޕްރޮގްރާމްގެ ދަށުން ފޯކައިދޫގެ އާރުލާ ސްޕޯރޓްސް އެކަޑަމީއަށް އެހީ ދިނުމުގެ އެއްބަސްވުން ބަދަލުކުރުމުގެ ތެރެއިން، ފޮޓޯ: ށ. އަތޮޅު ކައުންސިލް
ށ. އަތޮޅުގައި ހިންގަމުން އަންނަ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ މުޖްތަމަޢު ބާރުވެރިކުރުމާއި، އިޖްތިމާޢީ ތަރައްޤީއާއި އިޖްތިމާއީ ރޫޙް އަލާކޮށް ދިރުވުމަށް ށ.އަތޮޅުގެ މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މި ޕްރޮގްރާމްގެ ދަށުން މާލީ އެހީ ދޫކޮށްފައި ވަނީ މުޖްތަމަޢު ބާރުވެރިކުރުމަށާއި، އިޖްތިމާޢީ ތަރައްޤީއަށް އަދި އިޖްތީމާޢީ ރޫޙް އާލާކޮށް ދިރުވުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ.
މި ފުރުޞަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ ދިވެހިރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާބެހޭ ޤާނޫނު ގެ ދަށުން ރަޖިސްޓްރީވެފައިވާ އަދި ޖަމިއްޔާތަކުގެ ތެރެއިން ރަޖިސްޓްރީކުރި ފަހުން 1 (އެކެއް) އަހަރު ވެފައިވާ އެ އަތޮޅަށް ނިސްބަތްވާ ޖަމިއްޔާތަކަށެވެ.
ށ. އަތޮޅު ކައުންސިލުން މާލީ އެހީ ދިން ޖަމިއްޔާތަކުގެ މަސައްކަތާއެކު އުފާވެރިކަން
މި ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު އެހީ ދީފައި ވަނީ، މާއުނގޫދޫގެ، މާއުނގޫދޫ އެސޯސިއޭޝަން ފޯ އައިލެންޑް ޑިވެލޮޕްމަންޓް (އެމްއޭއައިޑީ) އަށާއި، މިލަންދޫގެ މިލަންދޫ ސްޕޯޓްސް ކްލަބަށާއި އަދި ފުނަދޫގެ ޔުނިޓީ ސްޕޯޓްސް އެކަޑަމީ އަށެވެ. މިއިން ކޮންމެ ޖަމިއްޔާ އަކަށް ވެސް 75،000ރ ދީފައިވާއިރު މި ޖަމިއްޔާތަކުން ވަނީ އެ ޖަމިއްޔާތަކުގެ ޕްރޮޕޯސަލް އާއި އެއްގޮތައް ކާމިޔާބުކަމާއެކު ޕްރޮގްރާމްތައް ހިންގާފައެވެ.
ށ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން ރާވާ ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް، އަތޮޅު ކައުންސިލުން މާލީ އެހީ ދޭން ފެށުމާއެކު އެހެން ބައެއް އަތޮޅު ކައުންސިލުތަކުން ވެސް ވަނީ މިއާ އެއްގޮތް އެހީގެ ޕްރޮގްރާމްތައް ތައާރަފްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!